ENGLISH
01 ނޮވެމްބަރު 2025
ދަރަނި އަދާކުރުމުގެ ހަރަދު %45 މަތިވި ނަމަަވެސް ޖުމްލަ ހަރަދުތައް %15.1 ދަށްކޮށްފި
23 ސެޕްޓެމްބަރު 2025
|
ފިނޭންސް މިނިސްޓްރީއާއި މާލީ ބައެއް އިދާރާތަކުގެ ނަން ބޯޑު، ފޮޓޯ: ޕީއެސްއެމް
ދައުލަތުގެ ދަރަނި އަދާކުރުމަށް ސަރުކާރުން ކުރަންޖެހުނު ހަރަދުތައް ފާއިތުވި އަހަރާ އަޅާބަލާއިރު %45 މަތިވި ނަމވެސް ދައުލަތުގެ ޖުމްލަ ހަރަދުތައް ނިމުނު އަހަރަށްވުރެ 15.1 އިންސައްތަ ދަށްކުރެވިފައިވާކަން ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ކޮންމެ ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން އާއްމުކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ހިސާބުތަކަށް ބަލާއިރު ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 27.3 ބިލިއަން ރުފިޔާއެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނު 25.7 ބިލިއަން ރުފިޔާއަށްވުރެ 6.3 އިންސައްތަ އިތުރު އަދަދެކެވެ.
ދައުލަތުގެ އާމްދަނީއަށް ބަލާއިރު، ޓެކުސް އާމްދަނީގެ ގޮތުގައި ލިބުނީ 20.9 ބިލިއަން ރުފިޔާއެވެ. ޓެކުސް ނޫން ގޮތްގޮތުން 6.2 ބިލިއަން ރުފިޔާ ލިބުނެވެ. ހިލޭ އެހީގެ ގޮތުގައި 212 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު މި އަހަރުގެ ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހަރަދުވީ 26.6 ބިލިއަން ރުފިޔާއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި 31.3 ބިލިއަން ރުފިޔާ ހަރަދުވިއެވެ. އެހެންކަމުން މި އަހަރު ހަރަދުވި އަދަދުވަނީ 15.1 އިންސައްތަ މަދުވެފައެވެ.
ދައުލަތުގެ ޖުމްލަ ހަރަދު މަދުވި ނަމަވެސް ދައުލަތުން ދަރަނި އަދާކުރުމަށް ކުރި ހަރަދުވީ އިތުރެވެ. އެގޮތުން ސެޕްޓެންބަރު 18 ވަނަ ދުވަހުގެ ނިޔަލަަށް ލޯނު ދެއްކުމަށް 4.3 ބިލިއަން ރުފިޔާ އަދި ފައިނޭންސިންއާއި އިންޓަރެސްޓު އަދާކުރުމުގެ ހަރަދުގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ހަރަދުވިއެވެ. އެއީ ޖުމްލަ 7.6 ބިލިއަން ރުފިޔާއެވެ.
ނިމުނު އަހަރު ލޯނު އަނބުރާ ދެއްކުމަށް ހަރަދުވީ 1.9 ބިލިއަނެވެ. އަދި އިންޓަރެސްޓު އަދާކުރުމާއި ލޯނު ދެއްކުމުގެ ހަރަދާއެކު ދަރަނި އަދާކުރުމަށް ޖުމްލަ ހޭދަވީ 5.2 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރު ދަރަނި އަދާކުރުމަށް ކުރި ހޭދަ 45 އިންސައްތަ އިތުރުވިއެވެ.
ދަރަނި އަދާކުރުމުގެ ހަރަދު އިތުރުވި ނަމަވެސް ދައުލަތުގެ ޖުމްލަ ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވުމުގެ ނަތީޖާއެއްގެ ގޮތުގައި މި އަހަަރުގެ ސެޕްޓެންބަރުގެ ނިޔަލަށް ބަޖެޓުން ހަރަދުކޮށްފައިވަނީ ލިބުނު އާމްދަނީގެ އިމުގެ ތެރޭގައެވެ. ނަތީޖާއެއްގެ ގޮތުން ހުރިހާ ހަރަދުތަކެއް އާމްދަނީ އުނިކުރުމުން 741.2 މިލިއަން ރުފިޔާއިން ބަޖެޓު އަރަނިވެރިވެއެވެ.
އަދި ހަރަދުތަކުގެ ތެރެއިން ދަރަނި އަދާކުރުމުގެ ހަރަދުތައް އުނިކުރުމަށްފަހު، ހަރަދުތައް އާމްދަނީން ކެނޑުމުން ޖުމްލަ 4.03 ބިލިއަން ރުފިޔާއިން ބަޖެޓު އަރަނިވެރިވެއެވެ.
ނިމުނު އަހަރަށް ބަލާއިރު ސެޕްޓެންބަރު 18 ވަނަަ ދުވަހުގެ ނިޔަލަށް ބަޖެޓު އޮތީ 5.6 ބިލިއަން ރުފިޔާއިން ބަޖެޓު ދަރަނިވެރިވެފައެވެ.