ENGLISH
01 ނޮވެމްބަރު 2025
ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތުން ޑޮލަރުގެ ތާށިކަމުން އަރައިގަނެވުމުގެ ކޮޅުމަތި ހޯދިއްޖެ
23 ސެޕްޓެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، 17 ނޮވެންބަރު 2023 ވަނަ ދުވަހު ރާއްޖެގެ ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އެ ދަނޑިވަޅަކީ އިގުތިސާދީ ކުރިމަގަށް ރިއާޔަތްކުރުމެއް ނެތި، ފައިސާ ޗާޕުކޮށްގެން، ބޭރުން ދަރަންޏަށް ފައިސާ ނަގައިގެން، ބޭރު ފައިސާއަށް އޮތް ޕްރެޝަރު އިންތިހާއަށް އިތުރުވެފައި އޮތް ވަގުތެކެވެ.
މި ދަތިތަކުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދެމުން އައި ޑޮލަރުގެ ހިދުމަތްތައް އޮތީ ވަރަށް ބޮޑަށް މަދުކޮށް ހަނިކޮށްފައެވެ. ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކުން ކުރެވޭ ބޭރުގެ މާލީ މުއާމަލާތްތައް މަހެއްގެ މައްޗަަށް 250 ޑޮލަރަށް ދަށްކޮށް، ބޭންކުން ވިޔަފާރިތަކަށް އެކި ކަންކަމުގައި ދޭ ބޭރު ފައިސާގެ އެހީ އޮތީ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. ޓީޓީ ހެދުމުގައި ޑޮލަރުން އެހީ ދެނީ ވަރަށް ކުޑަކޮށެވެ.
މިދެންނެވި ހާލަތު ކުރިމަތިވެފައި އޮއްވައި ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސްް ޑރ.މުޢިއްޒަށް އޮތީ މައްސަލަތައް ހައްލުކުރެއްވުމުގައި ދެމަގެކެވެ. އެއްގޮތަކީ ކުރު ރާސްތާގައި އަވަސް ހައްލުތަކެއް ހޯއްދެވުމެވެ. އެއީ މަރުކަޒީ ބޭންކު މެދުވެރިކޮށް އަޅުއްވާ ފިޔަވަޅުތަކެއްގެ ތެރެއިން ވަގުތީ ހައްލުތަކެއް ހޯއްދެވުމެވެ. ދެވަނަ ގޮތަކީ ދެމެހެއްޓެނެވި ގޮތަކަށް ބޭރު ފައިސާގެ ލިކުއިޑިޓީ މައްސަލަ ހައްލުކުރެވޭނެ، ދިގު ރާސްތާއަށް އަމާޒުކޮށްގެން ރޭވުންތެރިކަމާއެކު މައްސަލަ ހައްލުކުރެއްވުމެވެ. ރައީސް އިޚުތިޔާރުކުރެއްވީ ދިގު ރާސްތާއަށް ވިސްނަވައިގެން ދެމެހެއްޓެނެވި ހައްލުތަކެއް ހޯއްދެވުމެވެ.
ރައީސްގެ ސިޔާސަތަކަށްވީ މި މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުއްވުމެވެ. އެއީ މާލީ ނިޒާމަށް ބޭރު ފައިސާ ވަންނަ މިންވަރާއި ދައުރުކުރާ މިންވަރު އިތުރުކުރުމާއެކު، ބޭންކުތަކުން އިގުތިސާދުގައި ދައުރުކުރާ ބޭރު ފައިސާ އިތުރުކޮށް، ބޭންކުތަކަށް ދެމެހެއްޓެނެވި ގޮތެއްގަައި ބޭރު ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައި، ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީވެސް އިތުރުކުރެވޭނެ މަގުތަކެއް ފަހިކުރެއްވުމަށް އެކުލަަވައިލެއްވި ލާމެހިފައިވާ ސިޔާސަތުތަކެކެވެ.
ފުރަތަމަ އަދި އެންމެ މުހިއްމު ފިޔަވަަޅަކީ 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަަ އަހަރުގެ ނޮވެންބަރު 17 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ހުއްޓައިލުމަށްފަހު ފައިސާ ޗާޕުކުރަމުން އައި އައުން ހުއްޓަވައިލެއްވުމެވެ.
އެއާއެކު ޓެކުސް ޖަމާކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެންނަވައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކާއި ފަރުދުންގެ އާމްދަނީން ނަގާ ޓެކުސް ފަދަ، ކުރިން ދިވެހި ފައިސާއިން އެ ފަރާތްތަކުން ދައްކަމުން އައި ޓެކުސް ޑޮލަރުން ދައްކަން ލާޒިމުކުރުމެވެ. އޭގެ އިތުރަށް ބޭންކުތަކުގައި ހުންނަ ޑިޕޮސިޓުތަކުގެ ތެރެއިން މަރުކަޒީ ބޭންކުގައި ބޭންކުތަކުން ބަހައްޓަންޖެހޭ ބޭރު ފައިސާގެ ނިސްބަތް މަދުކުރުމަށް މަރުކަޒީ ބޭންކުން ނިންމިއެވެ.
ދެން އޮތީ ދެމެހެއްޓެނެވި ގޮތެއްގައި ބޭންކުތަކަަށް ބޭރު ފައިސާ ލިބޭނެ އަދި ބޭންކުތައް މެދުވެރިކޮށް މަރުކަޒީ ބޭންކަށް ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. އެކަމަށްޓަކައި ބޭރު ފައިސާއާ ބެހޭ ގާނޫނެއް ވުޖޫދުކުރައްވައި ޓޫރިޒަމް ވިޔަފާރިތަކާއި ބޭރު ފައިސާއިން ވަކި ވަރަކަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ވަކި ނިސްބަތެއް ބޭންކުތަކަށް މާރުކުރުން ގާނޫނުން ލާޒިމުކުރިއެވެ.
މި ފިޔަވަަޅުތަކުގެ ނަތީޖާ މިހާރު މިއަންނަނީ ފެންނަމުންނެވެ. ބޭންކުތަކަށް ބޭރު ފައިސާ މާރުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. ނަތީޖާއަކީ ވަރަށް ހަލުއިކޮށް ހުސްވަމުން އައި ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒަރވްގެ ހާލަތު ރަނގަޅުވުމެވެ. އެގޮތުން ޖުލައި މަހުގެ ނިޔަލަށް ރަސްމީ ރިޒާވް އެސެޓުތަކާއި އަދަ ފޮރިން ކަރަންސީ އެސެޓުގެ ގޮތުގައި އެމްއެމްއޭގައި 900 މިލިއަން ޑޮލަރު ހުއްޓެވެ. ކުރު މުއްދަތުގެ މާލީ އިލްތިޒާމުތައް އުނިކުރުމުން ބޭނުންކުރެވޭ ރިވާވްގެ ގޮތުގައި 212 މިލިއަން ޑޮލަރު ހުއްޓެވެ. އެހެންކަމުން ޖޫން މަހާ އަޅާބަލާއިރު ޖުލައިގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވްއަށް ދިހަ މިލިއަން ޑޮލަރު އިތުރުވިއެވެ.
ރިޒާވްގެ ހާލަތު ރަނގަޅުވުމުގެ އިތުރަށް ބޭންކުތަކަށް ލިބޭ ބޭރު ފައިސާ އިތުރުވެ ބޭންކުތަކުން، ހާއްސަކޮށް ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސްއިން ރައްޔިތުންނަށް ބޭރު ފައިސާއިން ދޭ އެކި މާލީ ހިދުމަތްތައް އިތުރުކޮށް ފުޅާކުރެވިއްޖެއެވެ.
އެގޮތުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކުން 1،200 ޑޮލަރުގެ މުއާމަލާތް މިހާރު ކުރެވޭނެއެވެ. އާއްމުކޮށް ކޮންމެ މީހެއްގެ ޑެބިޓު ކާޑުން 500 ޑޮލަރާ ހަމައަށް ކޮންމެ މަހަކު މުއާމަލާތްކުރެވޭނެއެވެ. ކުދި އަދި މެދުފަންތީގެ ވިިޔަފާރިތަކަށް ބޭރު ފައިސާއިން ދޭ އެހީތެރިކަން 50 އިންސައްތައާ ހަމައަށް މިހާރު އެވަނީ އިތުރުކޮށްފައެވެ.
އޭގެ އިތުރަށް ދަރިވަރުންގެ ޓިއުޝަން ފީއާއި ޔުނިވަސިޓީ ފީތަކާއި ކުއްޔަށް ދައްކަންޖެހޭ ފައިސާ ވަކި އުސޫލެއްގެ ތެރެއިން ބޭންކުން ޓީޓީކޮށްދޭ ގޮތަށްވެސް މިހާރުވަނީ ހަމަޖެހިފައެވެ. ބޭސްފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް ބޭންކުން ދޫކުރާ ފައިސާގެ އަދަދުވަނީ އިތުރުކޮށްދީފައެވެ.
މިކަންކަމުގެ އިތުރަށް ކުރިއަށް އޮތް ދުވަސްތަކުގައި ބޭންކިން ނިޒާމުގެ ތެރެއިން އިތުރު ލުއިތަކެއް ލިބޭނެކަން ރައީސް ޑރ.މުޢިއްޒު ރޭ އިއުލާނުކުރައްވާފަައިވެއެވެ. މ.މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ މުހިއްމު ލުއިތަކެއް އަންނަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ލިބޭނެކަން ހާމަކުރައްވާފަައެވެ.
އެގޮތުން ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކުން ޕީއޯއެސް މެޝިންތައް މެދުވެރިކޮށް ބޭރު ގައުމުތަކުގައި ކުރެވޭ މުއާމަލާތުގެ އަދަދު 1،000 ޑޮލަރަށް އިތުރުކުރާނެކަން އެމަނިކުފާނު އިއުލާނުކުރެއްވިއެވެ. އަދި ރާއްޖެއިން ބޭރަށް ދާން ޓިކެޓު ނެގުމަށާއި ހޮޓާތަކަށް ފައިސާ ދެއްކުމަށް ޑެބިޓު ކާޑު މެދުވެރިކޮށް 3،000 ޑޮލަރާ ހަމައަށް ބޭނުންކުރެވޭނެ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިދޭނެކަން ރައީސް އިއުލާނުކުރެއްވިއެވެ.
އޭގެ އިތުރަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދާ ފަރާތްތަކަށް ޑެބިޓު ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމުވެސް ނޮވެންބަރުން ފެށިގެން ބޭންކުން ހަމަޖައްސާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފެންނަމުންދާ ހަގީގަތަަކީ ރައީސް ގައުމުގެ ހުންގާނުގައި ހިއްޕެވިއިރު މާލީ ގޮތުން ރާއްޖެ އޮތް ނިކަމެތި ދަތި ހާލަތުން އަރައިގަނެވި، މާލީ ނިޒާމުން ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ވަރަށް ބޮޑަށް ހިފަހެއްޓި ގައިދުކުރެވިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ގިނަގުނަ ލުއިތަކެއް ރއްޔިތުންނަށް ލިބެމުންދާ ކަމެވެ. މިއީ ދުރު ރާސްތާ ޕްލޭނެއްގެ ތެރެއިން ރޭވުންތެރިކަމާއެކު ތަންފީޒުކުރަމުންދާ ލާމެހިފައިވާ ސިޔާސަތުތަކުގެ ނަތީޖާއެވެ.