ENGLISH

01 ނޮވެމްބަރު 2025

Advertisement

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުނުވާ ބައެއް ތަންތަން ބަންދުކޮށްފި

23 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުނުވާ ތަނެއް ބަންދުކުރަނީ، ފޮޓޯ: މާލެ ސިޓީ ކައުންސިލު

މާލޭ ސަރަހައްދުގައި ހިންގާ ކާބޯތަކެތީގެ ވިޔަފާރިކުރާ ބައެއް ތަންތަން ބަލައިފާސްކޮށް ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވެފައި ނެތް ތަންތަން ބަންދުކުރަން އަންގައިފިއެވެ. 

މި އޮޕަރޭޝަން ހިންގަަމުންދަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އާއި މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ ޝާމިލުވެގެންނެވެ. އެ އޮޕަރޭޝަން ފަށާފައިވަނީ ފާއިތުވި އާދީއްތަ ދުވަހުއެވެ. 

ފުޑް އެންޑް ޑްރަގް އޮތޯރިޓީން މައުލޫމާތު ދިން ގޮތުގައި މި އޮޕަރޭޝަނުގެ ތެރެއިން އެކަށީގެންވާ މިންވަރަށްވުރެ ސާފުތާހިރުކަން ދަށްކޮށް ހުރި 25 ތަނެއް ދެނެގަނެ އެތަންތަން ބަންދުކުރުމަށް އަންގާފައިވެއެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ ހުއްދަ ނެތް ބައެއް ތަންތަން ހިމެނެއެވެ. 

މި އިންސްޕެކްޝަނުގެ ތެރެއިން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެތަންތަަނުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަނުވާ ތަންތަން ބަންދުކޮށް އެތަންތަނުގެ ބޭރުގައި އެތަންތަަން ބަންދުކުރިކަން އެނގޭނެހެން ނޯޓިސް ހަރުކޮށްފައިވެއެވެ. 

ބަންދުކުރި ތަންތަނުގެ ތެރޭގައި ރެސްޓޯރެންޓު ހޮޓާ ކެފޭގެ އިތުރަށް ޓޭކްއަވޭގެ ހިދުމަތްދޭ ބައެއް ތަންތަނާއި ހެދިކާ ޒާތުގެ އެއްޗެހި ވިއްކާ ތަންތަންވެސް ހިމެނެއެވެ. 

ގާނޫނުގެ ދަށުން ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން އެފްޑީއޭގައި ރަޖިސްޓްރީކުރުން ލާޒިމުކުރި ނަމަވެސް އެފަދަ ހިދުމަތް ދޭ ބައެއް ތަންތަނަކީ ރަޖިސްޓްރީނުކޮށް ހިންގަމުންދާ ތަންތަން ކަމުގައި ފާހަގަކުރެވި އެތަންތަނަކީ ރަޖިސްޓްރީނުކޮށް ހިންގާ ތަންތަން ކަމުގައިވާތީ އެތަންތަނުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުނުވާކަން ފާހަގަވާނެ ނޯޓިސްތަކެއް އެތަންތަނުގައި އެފްޑީއޭއިން ހަރުކޮށްފައިވެއެވެ. 

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަަލައިފާސްކުރުމުގެ މަސައްކަތް އެފްޑީއޭއާ ކަމާ ބެހޭ އިދާރަތައް ގުޅިގެން ކުރިއަށްގެންދެއެވެ. އަދި އެކަށީގެންވާ މިންވަރަށް ސާފުތާހިރުކަން ނެތް ތަންތަން އެ އިންސްޕެކްޝަންތަަކުގެ ތެރެއިން ދެނަގަނެ ބަންދުކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު