ENGLISH

01 ނޮވެމްބަރު 2025

Advertisement

ބީއެމްއެލްއިން ޔުއާންއާއި ރުޕީ އެކައުންޓުތައް ތައާރަފުކުރުން؛ ބައިނަލްއަގުވާމީ ޓްރެންޑާ އެއްގޮތަށް ނިންމި ނިންމުމެއް

23 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ބީއެމްއެލްގެ ޔުއާން އެކައުންޓުތައް ތައާރަފުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ބީއެމްއެލް

ޝައްކެއްވެސް ނެތް ގޮތުގައި ބައިނަލްއަގުވަމީ މާލީ މުއާމަލާތްތަކުގެ ބޮޑު ބައެއް ހިނގަނީ ޑޮލަރުންނެވެ. ނަމަވެސް ދުނިޔޭގެ ސިޔާސީ އިގުތިސާދީ މަސްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއެކު، ތަރައްގީވަމުން އަންނަ ވަރަށް ގިނަ ގައުމުތަކުން ޑޮލަރާ ނުލައި ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. ދުނިޔޭގެ ގިނަ ގައުމުުތަކުން އިމްޕޯޓު އެކްސްޕޯޓުގެ އެންމެ ގިނަ މުއާމަލާތްކުރާ އެއް ގައުމަކީ ޗައިނާއެވެ. ނަތީޖާއެއްގެ ގޮތުން ޑޮލަރު ނޫން ގޮތެއް ހޯދުމަށް ގައުމުތަކުން ކުރާ މަސައްކަތުގައި ޗައިނާގެ ޔުއާންއަށް ބަރޯސާވަ މިންވަރު އިތުރުވެފައިވެއެވެ. 

ޔުއާން؛ އަރަމުން އަންނަ ފައިސާއެއް 

ޔުއާނަކީ ދުނިޔޭގައި ފައިސާގެ މުއާމަލާތްތަކުގައި ބޭނުންކުރާ ފައިސާގެ ތެރެއިން ގަދަ ހައެއްގައި ގުނައިލެވޭ ފައިސާއެކެވެ. ސްވިފްޓްގެ އާރްއެމްބީ ޓްރެކާއިން ފެންނަ ގޮތުގައި 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދުނިޔޭގައި ހިންގި ފައިސާގެ މުއާމަލާތްތަކުގެ 2.9 އިންސައްތައަކީ ޔުއާންއިން ކުރެވުނު މުއާމަލާތްތަކެވެ. ފާއިތުވި 2024 ވަނަ އަހަރު ދުނިޔޭގައި ކުރެވުނު ފައިސާގެ މުއާމލާތްތަކުގެ 3.9 އިންސައްތައަކީ ޔުއާންއިން ކުރެވުނު މުއާމަލާތެވެ. 

ޗައިނާގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ޔުއާން ބޭނުންކުރާ މިންވަރު އަންނަނީ ވަރށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ޗައިނާއާއި އެ ގައުމުގެ ވިޔަފާރި ބައިވެރިންނާ ދެމެދު ކުރެވުނު މުއާމަލާތްތަކުގެ 26.5 އިންސައްތައަށް ފައިސާ ދައްކާފައިވަނީ ޔުއާންއިންނެވެ. އޭގެ ކުރީ އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގައި އެ ނިސްބަަތް ހުރީ 24.8 އިންސައްތައިގައެވެ. 

އެ މުއްދަތުގައި ހިދުމަތްތަކަށް އަގު ދެއްކުމަށް ޔުއާން ބޭނުންކުރި މިންވަރު 22.3 އިންސައްތަ އިތުރުވިއެވެ. އަދި 1.3 ޓްރިލިއަން ޔުއާން ހިދުމަތްތަކަށް އަގުދެއްކުމަށް ބޭނުންކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކަައެވެ. 

ޔުއާން ބޭނުންކުރުމުގެ ޓްރެންޑުގެ ކުރީގައި ރަޝިޔާ 

އެމެރިކާއިން ރަޝިޔާއަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު، އެމެރިކާ ޑޮލަރަށް ފައިސާގެ މުއާމަލާތްތަކުގައި ބަރޯސާވުމުގެ ނުރައްކާތެރިކަން ރަޝިޔާއަށް ވިސްނުނެވެ. އެގޮތުން ރަޝިޔާގެ ޑޮލަރު ރިޒާވްތައް ހުޅަނގުގެ ގައުމުތަކުން ގަނޑުކުރުމާ ގުޅިގެން، އެމެރިކާ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ރަޝިޔާއިން ފެށިއެވެ. އެގޮތުން 2023 ވަނަ އަހަރު ނިމުނުއިރު ރަޝިޔާގެ ބޭރު ވިޔަފާރީގެ ތިންބަައިކުޅަ އެއްބައަށް އަގު އަދާކުރީ ޔުއާން ބޭނުންކޮށްގެންނެވެ. 

އަދި ރަޝިޔާގެ ބޭންކުތަކުގައި 68.7 ބިލިއަން ޑޮލަރުގެ ޔުއާން ޑިޕޮސިޓުކޮށްފައިވާކަމާއި، 46.1 ބިލިއަން ޔުއާނުގެ ލޯނު ބޭންކުތަކުން ދޫކޮށްފައިވާކަން އެ ގައުމުގެ މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ. 

2024 ވަނަ އަހަރު ޗައިނާއާއި ރަޝިޔާގެ މެދުގައި ކުރެވުނު ވިޔަފާރީގެ މުއާމަލާތްތައް 237 ބިލިއަން އެމެރިކާ ޑޮލަރަށް އެރިއެވެ. އެ މުއާމަލާތްތަކުގެ ތެރެއިން ބޮޑު ބައެއް ކުރިއަށްގެންދިޔައީ ޔުއާންއިންކަން ރަޝިޔާގެ ވިޔަފާރިއާ ބެހޭ އިދާރާތަކުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ފެނެއެވެ. ޔުއާންއަށް ބަރޯސާވާ މިންވަރު އިތުރުކުރެވުމުގެ ސަބަބުން ބޭރުން އަންނަ ލޮޅުންތަކުން ރަޝިޔާގެ އިގުތިސާދުގެ ބޮޑު ބައެއް ސަލާމަތްކޮށް ދަފަރާކުރުމުގައި ކާމިޔާބު ސިޔާސަތުތަކެއް އެ ގައުމަށް ތަންފީޒުކުރެވިއްޖެއެވެ. 

ބީއެމްއެލްގެ ޔުއާން އެކައުންޓުތައް ތައާރަފުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ބީއެމްއެލް 

ތިލަވަމުންދާ ބާޒާރުތައްވެސް ޔުއާން ބޭނުންކުރުން އިތުރުކޮށްފި 

އިމާޖިން މާކެޓްސް ނުވަތަ ކުރިއަރަމުން އަންނަ އިގުތިސާދީ ގޮތުން ބާރުގަދަވަމުންދާ ނުވަތަ ތިލަވަމުންދާ ބައެއް ގައުމުތަކުންވެސް ޔުއާންއަށް ބަރޯސާވާ މިންވަރު އިތުރުކޮށްފިއެވެ. އެގޮތުން ކަރަންސީ ސްވޮޕްތަކާއި ޔުއާންއިން ވިޔަފާރި ސެޓްލްމެންޓުތައް ހެދޭ ގޮތަށް އެއްބަސްވުންތައް އެކުލަވައިލާ ޗައިނާއާއެކު ކުރާ ވިޔަފާރިތަކުގައި ޔުއާން ބޭނުންކުރެވޭ ގޮތް އެ ގައުމުތަކުން އަންނަނީ ހަދަމުންނެވެ. 

އެގޮތުން ޗައިނާގެ ޕީޕްލްސް ބޭންކް އޮފް ޗައިނާއާއެކު ގާއިމުކޮށްފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމެއް އައުކޮށް ޗައިނާއާއެކު ޔުއާންއިން މުއާމަލާތްކުރެވޭ މުއްދަތު އިތުރުކުރުމަށް ތުރުކީން 2025 ގައި ނިންމާފައިވެއެވެ. 35 ބިލިއަން ޔުއާނުގެ މި އެއްބަސްވުމުގެ ދަށުން ތުރުކީގެ މަރުކަޒީ ބޭންކަށް، ޗައިނާއާއެކު ވިޔަފާރިކުރާ ފަރާތްތަކަށް ޔުއާންއިން ފައިސާގެ މުއާމަލާތްތައް ހަމަޖެއްސުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވެއެވެ. 

ޕާކިސްތާނުން ޗައިނާއާއެކު 30 ބިލިއަން ޔުއާންގެ ކަރަންސީ ސްވޮޕެއް ހެދިއެވެ. އެއީ އެ ގައުމުގެ ރިޒަރވްގެ ހާލަތު ރަނގަޅުކުރުމުގައި އެމެރިކާ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށެވެ. އަދި ޕާކިސްތާނުގެ ސްޓޭޓް ބޭންކް އޮފް ޕާކިސްތާނުންވަނީ ޗައިނާއާއެކު ކުރާ އެކި މުއާމަލާތްތަކުގައި މި ފައިސާ ބޭނުންކޮށްފައެވެ. 

ޔުއާންއިން ވިޔަފާރި މުއާމަލތްތައް ކުރަން އެންމެ ފުރަތަމަ ފެށި އެއް ގައުމަކީ މެލޭޝިޔާއެވެ. 2009 ވަނަ އަހަރު ޗައިނާއާއެކު އެކަމަށް ހާއްސަ އެއްބަސްވުމެއް މެލޭޝިޔާއިން ގާއިމުކުރިއެވެ. 2023 ވަނަ އަހަރުގެ ނިޔަލށް ޗައިނާއާައެކު 400 ބިލިއަން ޔުއާނުގެ ވިޔަފާރީގެ މުއާމަލާތް ޗައިނާއާއި މެލޭޝިޔާގެ މެދުގައި ކުރެވުނުއިރު އެއިން ބޮޑު އިންސައްތައެއް ދައްކަމުން އައީ ޔުއާންއިންނެވެ. 

ވިއެޓްނާމަކީ ޗައިނާއާއެކު ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ގައުމަކަށްވާއިރު އެ ގައުމާއި ޗައިނާގެ މެދުގައި ކުރެވޭ އެކި ބާވަތުގެ މުއާމަލާތްތަކުގެ 20 އިންސައްތައިގެ ފައިސާ ހަމަޖައްސަނީ ޔުއާން މެދުވެރިކޮށްކަމަށް ވިއެޓްނާމުގެ ރަސްމީ ހިސާބުތަކުން ދައްކައެވެ. 

ދުރު ރާސްތާއަށް ހަރުދަނާ ސިޔާސަތެއް 

މަތީގައި ބަޔާންކުރެވުނު ހަގީގަތްތަކަށް ބަލާއިރު ޗައިނާއާއެކު ވިޔަފާރިކުރާ ވަރަށް ގިނަ ގައުމުތަކުން ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ޗައިނާއާއެކު ކުރާ މުއާމަލާތްތަކުގައި ޔުއާން ބޭނުންކުރާ މިންވަރު އިތުރުކޮށްފައިވާކަން އެނގެއެވެ. އަދި ކުރިއަރަމުން އަންނަ ވަރަށް ގިނަ ގައުމުތަކުން ޔުއާންއިން މުއާމަލާތްކުރެވޭނެ ގޮތަށް ޗައިނާއާއެކު އިންތިޒާމުތައް ހަމަޖައްސަމުންދާކަން ސާފެވެ. 

އަދިވެސް ދުނިޔޭގައި ކުރެވޭ ފައިސާގެ މުއާމަލާތްތަަކުގެ 40 އިންސައްތައަށްވުރެ ބޮޑު ބައެއް ކުރިއަށްދަނީ ޑޮލަރުންނެވެ. ދެން އެންމެ ގިނައިން ބޭނުންކުރާ ފައިސާއަކީ ޔޫރޯއެވެ. ނަމަވެސް ޔުއާންއަކީ އަރަމުން އަންނަ ބާރުގަދަވަމުންދާ ފައިސާއެކެވެ. ހަމަ އެގޮތަށް، އިންޑިޔާގެ އިގުތިސާދު ފުޅާވެ، ބައިނަލްއަގުވާމީ ފެންވަރުގައި އިންޑިޔާއާއެކު ގައުމުތަކުން ކުރާ މުއާމަލާތްތައް އިތުރުވަމުންދާ މިންވަރުން އިންޑިޔާގެ ރުޕީސްއަކީވެސް ބާރުގަދަވާނެ ފައިސާއެއް ކަމުގައި ބެލެވެއެވެ. 

ރާއްޖެއަށް ބަލާއިރު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. ނިމުނު އަހަރު އެ ގައުމުން 485 މިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް އިމްޕޯޓުކުރިއެވެ. މި އަހަރުގެ ނިޔަލަަށް 296.1 މިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް ޗައިނާއިން އިމްޕޯޓުކޮށްފައިވެއެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ޗައިނާއިން މުދާ އިމްޕޯޓުކުރި މިންވަރަށްވުރެ %13.8 އިތުރު އަދަދެކެވެ. 

އެހެންކަމުން ރާއްޖެއާއި ޗައިނާގެ މެދުގައި ކުރާ ވިޔަފާރި މުއާމަލާތްތައް ވަރަށް ބޮޑަށް އިތުރުވަމުންދާކަން ސާފުވެއެވެ. ބީއެމްއެލްއިން ޔުއާން އެކައުންޓުތައް ތައާރަފުކޮށް، ޔުއާން މެދުވެރިކޮށް ޓީޓީ ހެދުމާއި، އިމްޕޯޓުކުރުމަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ތައާރަފުކުރުމާއި، ވީޕޭ ވޮލެޓް މެދުވެރިކޮށް ޗައިނާގެ ވެންޑަރުންނަށް ފައިސާ ދެއްކޭނެ ގޮތް ފަހިކުރުން ފަދަ ކަންކަމަކީ ޗައިނާއާއި ރާއްޖޭގެ މެދުގައި ހިނގާ އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާގެ މުއާމަލާތްތަކުގައި ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ ކަމެކެވެ. 

އޭގެ އިތުރަށް ޗައިނާއާއި ރާއްޖޭގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށްފައި އޮތުމުން ކުރިއަށް އޮތް ތަނުގައި ރާއްޖެއާއި ޗައިނާގެ މެދުގައި ކުރެވޭ ވިޔަފާރި މުއާމަލާތްތައް އިތުރުވާނެއެވެ. އެ މުއާމަލާތްތަކުގައި ޔުއާން ބޭނުންކުރެވުމަކީ ފަސޭހަކަމާއެކު ޗައިނާއާ ވިޔަފާރި މުއާމަލާތްކުރުމަށް ހުޅުވައިލެވޭ މަގަކަށްވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު