ENGLISH

01 ނޮވެމްބަރު 2025

Advertisement

މުލީގައި 300 ހައުސިން ޔުނިޓް، މުލީ އެއާޕޯޓަށް އަންނަ މަހު ރޭގަނޑު ފްލައިޓް ޖައްސަންފަށާނެ

22 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

މުލީގައި އެޅުމަށް ހަމަޖެހިފައިވާ 300 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނަށް ދެއްވައިފި އެވެ.

އެމަނިކުފާނު މިކަމުގެ ޔަޤީންކަންދެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކަތޮޅު މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މުލީގައި އެޅުމަށް ނިންމާފައިވާ 300 ހައުސިންގ މަޝްރޫޢު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ދެފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، އަންނަ އަހަރުގެ ފެބުރުއަރީމަހު 150 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފަށާނެކަމަށާއި އަދި ސެޕްޓްމެމްބަރު މަހުގެތެރޭގައި ބާކީ 150 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފަށާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ގެދޮރު އެޅުމަށް މިއަހަރު ދޫކުރުމަށް ނިންމާފައިވާ ލޯނަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތުހަމަވާ ފަރާތްތަކަށް ވަރަށް އަވަހަށް ލޯނުދޫކުރަން ފަށާނެކަން ހާމަކުރައްވާފަ އެވެ. އަދި އަންނަ އަހަރު ގެދޮރުއެޅުމަށް ދޫކުރާ ލޯނަށް އެދި ހުށައެޅުމުގެ ފުރުޞަތު، ހުޅުވާލަން ނިންމަވާފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ.

މުލީގެ ކުރިއެރުމާ ތަރައްޤީއާ ގުޅުންހުރި، މިހާރު ކުރިއަށްދާ އަދި ކުރިއަށް ހުރި މަޝްރޫޢުތައްވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން މުލީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭގޮތް ހެދުމަށް ކުރަމުންދާ މަސައްކަތް ނިމި މިއަހަރުގެ އޮކްޓޯބަރު މަހު، މުލީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖައްސަންފެށޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އިތުރު ޖެންސެޓެއް ގެނެސް މިއަހަރުގެ ނިޔަލަށް އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މުލީ - ނާލާފުށީގެ ކޯޒްވޭގެ މަސައްކަތް ލަސްވެފައިވަނީ ޑިޒައިނަށް ބަދަލުތަކެއް ގެންނަންޖެހުމުންކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ މިހާރު އެމަސައްކަތް ބާރަށް ކުރިއަށް ގޮސް ދާދި އަވަހަށް ނިމިގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައްޔިތުންނަށް ދެއްވާފަ އެވެ.

ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގެ ތަރައްޤީގެ މަސައްކަތްތައްވެސް، ކުރިއަށް އޮތް ދުވަސްތަކުގައި، އަމަލީ މަސައްކަތްފެށި ނިމެމުންދާ މަންޒަރު ފެންނާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް ދެއްވާފަ އެވެ.

މިރޭގެ ޖަލްސާގައި ވަނީ، މުލީގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމާއި، މުލީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، މުލީގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު