ENGLISH

02 ފެބްރުއަރީ 2026

Advertisement

ނާލާފުށީގެ ބިން ހިއްކުމާއި، ބަނދަރު އަދި ކޯޒްވޭ މަސައްކަތް އެކުއެކީ ކުރިއަށް ގެންގޮސް ނިންމައިލެވޭނެ: ރައީސް

22 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ނާލާފުށީގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

މ.ނާލާފުށީގެ ބިން ހިއްކުމާއި އެރަށުގެ ބަނދަރު އަޕްގްރޭޑުކޮށް ތަރައްގީކުރުމާއި ކޯޒްވޭގެ މަސައްކަތް އެކުއެކީ ކުރިއަށްގެންދެވި ނިންމައިލެވޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. 

މ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނާލާފުއްޓަށް ރައީސް ވަޑައިގަތީ މިއަދުއެވެ. އެމަނިކުފާނުވަނީ މިއަދު ހަވީރު ނަލާފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށުގައި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާއި އަލަށް ފަށަން ގަސްތުކުރާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު އެ ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. 

މިއަދު ހަވީރު އެ ރަށު ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށު ބަނދަރު އަޕްގްރޭޑުކުރުމާއި، ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ. އަދި އެ ރަސްމިއްޔާތުގެ ކުރިން ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައި ނާލާފުށީ ޕޮލިސް ސްޓޭޝަނާއި އެ ރަށުގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައި އަމަލީ މަސައްކަތް ފައްޓަވާފައިވެއެވެ. 

ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް  ވިދާޅުވީ އެ ރަށުގެ ކޯޒްވޭއަކީ ނާލާފުށީގެ ތަރައްގީއަށް އެންމެ މުހިއްމު މަޝްރޫއަށްވާނެ ކަމަށާއި، ހާއްސަކޮށް އެ ރަށުގެ ދަރިވަރުންނާއި މައިންބަފައިން އުފުލަމުންދާ ދުވަސްވީ ބޮޑު ތަކުލީފެއް އެ މަޝްރޫއުގެ ސަބަބުން ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި އެކަަމުގެ ސަބަބުން އިގުތިސާދީ ހަރަކާތްތައް އިތުރުކޮށް، އިގުތިސާދީ މަސައްކަތްތައް ކުރިއެރުވުމަށްވެސް ފަސޭހަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

ނާލާފުއްޓާއި މުއްޔާ ގުޅުވައިލުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ބޭނުންވާ ބައެއް ފަންނީ ކަންކަން ފުރިހަމަކޮށް، ކުރިން ސޮއިކުރި އެއްބަސްވުމުގައި މަޝްރޫއު ނިންމަން ކަނޑަައެޅި މުއްދަތަށްވުރެ އަވަހަށް އެ މަސައްކަތް ނިމޭނެ ކަމުގައެވެ. 

ނާލާފުއްޓަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައި އޮތް ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަދު ހަވާލުކުރި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ މިހާރުގެ ސައިޒަށްވުރެ ބޮޑު ސައިޒެއްގެ ބިން ހިއްކައި ރަށަށް އިތުރުކުރެވިގެންދާނެ ކަމަށެވެ. 

"މިރަށުގައި މިހާރު ހުރީ 12 ހެކްޓަރު. އިތުރުވެގެންދަނީ އިތުރު 15 ހެކްޓަރު. އެެހެންވީމާ ރަށަށްވުރެ ބޮޑު ސަރަހައްދެއް އިރާދަކުރެއްވިއްޔާ ހިކިގެންދާނެ،" ރައީސް ވިދާޅުވިއެވެ. 

އަދި ބަނދަރުގެ ޖާގައިގެ ދަތިކަން އޮތުމާއެކު، އެ ރަށުގެ ބަނދަރު އަޕްގްރޭޑުކޮށް އިތުރަށް ބޮޑުކުރުމުގެ މަސައްކަތްވެސް މިހާރު އެމްޓީސީއާ ހަވާލުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނާލާފުއްޓަށް މުހިއްމު މި ތިން މަޝްރޫއުގެ މަސައްކަތް އެކުއެކީ ކުރިއަށްގެންދެވޭނެ ގޮތަށް އެއް ކުންފުންޏަކާ ހަވާލުކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. 

"އާދެ ބަނދަރު ބޮޑުކުރުމާއި، ބިން ހިއްކުމާއި، ކޯޒްވޭގެ މަސައްކަތާ އެއް ކުންފުންޏެއް މެދުވެރިކޮށް އެކުއެކީގައި ކުރިއަށްގެންދެވޭ ގޮތަށް އަޅުގަނޑުމެން މިވަނީ ހަމަޖައްސާފައި،" ބަނދަރުގެ މަޝްރޫއާއި ބިން ހިއްކުމުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭ ފެށޭނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވިއެވެ. 

ނަލާފުށީގެ ފެނާއި ނަރުދަމާގެ މަޝްރޫއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބައެއް ކަންކަން ހަމަޖެއްސުމަށް ވަގުތު ނެގި ނަމަވެސް، އެހުރިހާ ކަމެއް ހަމަޖައްސައި މިހާރު ދެން އޮތީ މަސައްކަތް ފެށުން ކަމަށެވެ. އަދި ސްކޫލުގެ އައު އިމާރާތް ކުރިއަށް އޮތް އައު ދިރާސީ އަހަރު ފެށެންވާއިރަށް ނިންމައި ބޭނުންކުރެވޭ ފެންވަރަށް ނިމިގެންދާނެ ކަމުގައިވެސް ވިދާޅުވިއެވެ. 

އަދި ސިއްހީ މަރުކަޒުގެ މަސައްކަތް މިހާރު އޮތީ މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައި ކަމަށާއި، އެ މަޝްރޫއުވެސް ދެ މަހެއް ނުވަތަ ދޮޅު މަހެއްހަައި ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު