ENGLISH
01 ނޮވެމްބަރު 2025
ރަތްމަންދޫން ބަދަލުވާން ބައެއް ރައްޔިތުން އެދިއްޖެ، ރައީސް ވިދާޅުވީ ގޮތް ނިންމަވާނީ ރައްޔިތުންގެ ހިޔާލު ހޯދައިގެންކަމަށް
22 ސެޕްޓެމްބަރު 2025
|
މ.ރަތްމަންދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުން
މ.ރަތްމަންދޫ ބައެއް ރައްޔިތުން އެ ރަށުން ބަދަލުވާން ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާ ހިއްސާކުރުމުން، އެކަމުގައި ސަރުކާރުން ގޮތެއް ނިންމާނީ ހުރިހާ ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެމަނިކުފާނު ކުރައްވަމުންދާ ޒިޔާރަތުގެ ތެރެއިން މިއަދު ރަތްމަންދޫއަށް ވަޑައިގެން އެ ރަށު ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި ރަށުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ.
ރަތްމަންދޫ ސްކޫލުގައި މިއަދު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުވުމުގައި ރައްޔިތުންވަނީ އެ ރަށުގެ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ރަށުގެ ރައްޔިތުން ބޭނުންވެފައި ހުރި ކަންކަން ރައީސާ ހިއްސާކޮށްފައެވެ. އަދި އެކަންކަމާމެދު ރައީސްވަނީ ރަށު ރައްޔިތުންނާ މޝްވަރާކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ރައްޔިތުން ރައީސް އަރިހުން އެދުނީ އެހެން ރަށަކަށް ބަދަލުކޮށްދިނުމަށެވެ. އެ ރައްޔިތުންގެ ހުށަހެޅުމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ތަރައްގީ އެއްފަސްކުރުމަކީ ހަރަދުކުޑަކުރެވޭ ދައުލަތަށާއި ރައްޔިތުންނަށްވެސް ފައިދާ ބޮޑު ސިޔާސަތެއް ކަމުގައިވީ ނަމަވެސް، އެއްވެސް ރަށެއްގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާނީ ބަދަލުވާން ގަސްތުކުރާ ރަށުގެ ރައްޔިތުންނާއި ބަދަލުވާން އެދޭ ރައްޔިތުންވެސް އެކަމަަށް ބޭނުންވާނަމަ ކަމަށެވެ.
އެގޮތުން ރަށެއްގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާނީ ބަދަލުވާން އެދޭ ރަށުގެ ރައްޔިތުންގެ އާބާދީގެ ތެރެއިން މަދުވެގެން 80 އިންސައްތަ ރައްޔިތުން އެ ރަށަކުން ބަދަލުވާން އެދޭނަމަ ކަމުގައި ރައީސް ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން ރަތްމަންދޫން އެހެން ރަށަކަށް ބަދަލުވާން ބޭނުންވާކަން ރައީސާ ހިއްސާކުރިއިރު، ބައެއް މީހުންވަނީ އެ ރަށުން ބަދަލުވާން ބޭނުންނުވާކަން ހާމަކޮށް އެމީހުންގެ ޝުއޫރުތައްވެސް ރައީސާ ހިއްސާކޮށްފައެވެ.