ENGLISH

02 ފެބްރުއަރީ 2026

Advertisement

ނާލާފުށީ އެފްއާރްސީއާއި ކައުންސިލު އިމާރާތާއި ފުލުސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފަށައިފި

22 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ނާލާފުށީ ޕޮލިސް ސްޓޭޝަނުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު، ފޮޓޯ: ރައީސް އޮފީސް

ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު އެމަނިކުފާނު މ.ނާލާފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ރަށުގައި މުހިއްމު ދެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފިއެވެ. 

އެގޮތުން ނާލާފުށީގައި އަލަަށް ތަރައްގީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފައިވެއެވެ. 

ނާލާފުށީ އެފްއާރްސީގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ. އެފްއާރްސީގެ ބިންގާ އަޅުއްވަައިދެއްވުމުގައި ރާފިއުގެ އަރިހުގައި ނާލާފުށީ ކައުންސިލުގެ ރައީސާއި އެ ދާއިރާގެ މަޖިލިސް މެންބަރު ބައިވެރިވެވަޑައިގަތެވެ. 

މި މަޝްރޫއު ހިންގަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެފްއާރްސީ ގާއިމުކުރުމުގެ މަސައްކަތް ފަށައި ދެ އަހަރު ތެރޭ އެ މަސައްކަތް ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. 

ނާލާފުށީ އެފްއާރްސީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް 

އޭގެ އިތުރަށް ނާލާފުށީ ކައުންސިލުގެ އައު އިމާރާތުގެ ބިންގާ އަޅައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވެއެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ ލޯކަލް ގަވަނޭންސް މިނިސްޓަރ އާދަމް ޝަރީފު އުމަރެވެ. މިއީ ސަރުކާރުން އާރްސީސީއާ ހަވާލުކޮށްގެން ހިންގަމުންދާ މަޝްރޫއެކެވެ. 

އަދި އެ ރަށުގައި އަލަށް ތަރައްގީކުރާ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތްވެސް މިއަދު ފައްޓަވާފައިވެއެވެ. އެ މަޝްރޫއު ފައްޓަވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. ނާލާފުށީ ޕޮލިސް ސްޓޭޝަން އެޅުމުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އަތޮޅު ތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުތަކުގެ ތެރެއިން އެކި ރަށްރަށުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް ގެންދަވަަނީ އިފުތިތާހުކޮށްދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު