ENGLISH
02 ނޮވެމްބަރު 2025
އިގުތިސާދު އައު ހަރުފަތަކަށް؛ ބީއެމްއެލްގައި ޔުއާން އެކައުންޓުތައް ތައާރަފުކޮށްފި
22 ސެޕްޓެމްބަރު 2025
|
ބީއެމްއެލްއިން ޔުއާން އެކައުންޓުތައް ތައާރަފުކުރުން، ފޮޓޯ: ބީއެމްއެލް
ދިވެހި އިގުތިސާދު ފުޅާކޮށް ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަނެ ޑޮލަރަށް އޮތް ޕްރެޝަރު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސްގައި ޗައިނާގެ ޔުއާން އެކައުންޓުތައް ހުޅުވޭ ގޮތް ހަމަޖައްސައިފިއެވެ.
މިއަދު ބީއެމްއެލްގެ ޔުއާން އެކައުންޓުތައް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިއަންގްވާއާއި، ބީއެމްއެލްގެ ޗެއާޕާސަން އަލީ ހަބީބާއި، ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފުގެ އިތުރުން ބޭންކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އިންޓަނެޓް އަދި މޯބައިލް ބޭންކު މެދުވެރިކޮށް ޗައިނީ ޔުއާން ކަރަންޓު އެކައުންޓު ހުޅުވުމުގެ ފުރުސަތު ފަރުދުންނާއި ވިޔަފާރިތަކަށް ހުޅުވައިލުމުގެ އިތުރަށް، ޔުއާން މެދުވެރިކޮށް އިންޓަނޭޝަނަލް ޓްރާންސްފާ ނުވަތަ ޓީޓީ ހެދުމުގެ ހިދުމަތް ބީއެމްއެލްއިން ތައާރަފުކޮށްފައިވެއެވެ. އަދި ޓީޓީ މެދުވެރިކޮށް ޔުއާންއިން ފައިސާ ލިބިގަނެވޭނެ ހިދުމަތްވެސް ތައާރަފުކޮށްފައިވެއެވެ.
އޭގެ އިތުރަށް މުދާ އިމްޕޯޓުކުރާ ފަރާތްތަކަށާއި އެކްސްޕޯޓުކުރަ ފަރާތްތަކަށް ޗައިނީސް ޔުއާންއިން އެލްސީ ނުވަތަަ ލެޓަރ އޮފް ކްރެޑިޓް ހެދޭނެއެވެ. އޭގެ ސަބަބުން ޗައިނާ ވިޔަފާރިތަކާއެކު ފައިސާގެ މުއާމަލާތްކުރުމަށް ވަރަށް ބޮޑަށް ފަސޭހަވާނެއެވެ.
އޭގެ އިތުރަށް ބީއެމްއެލްގެ ރުފިޔާ އެކަައުންޓުތަކަށް ދޫކޮށްފައިވާ ވިސާ އަދި މާސްޓަރ ކާޑާއި ޑެބިޓު ކާޑާއި ކްރެޑިޓް ކާޑުތައް ވީޗެޓް ޕޭއަށް އިތުރުކޮށް، އެ މަންސަ މެދުވެރިކޮށް ޗައިނާގެ ވިޔަފާރިތަކަށް ފައިސާ ދެއްކުމަށް މަގުފަހިވާނެ ކަމުގައި ބީއެމްއެލްއިން ބުނެއެވެ.
"މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ޕޭމަންޓް ޕްލެޓްފޯމްގައި ދިވެހިންނަށް ފަސޭހައިން ފައިސާގެ މުއާމަލާތް ކުރުމަށް ހުޅުވިގެންދާ ފުރުސަތެއް. މީގެ އިތުރުން ކަސްޓަމަރުންނަށް ޔޫއެސްޑީ ޑެބިޓް، ޔޫއެސްޑީ ކްރެޑިޓް އަދި ޓްރެވަލް ކާޑުތައްވެސް ވީޗެޓް ޕޭއަށް އެޑްކުރެވޭނެ.،" ބީއެމްއެލްއިން ބުނެފައިވެއެވެ.
އޭގެ އިތުރަށް ވީޗެޓް ވޮލެޓް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ދިވެހިންނަށް ޗައިނީސް ޔުއާންއިން ފައިސާ ލިެބޭނެ ގޮތްވެސް ހަމަޖެހިފައިވެއެވެ. އަދި އެ ވޮލެޓް މެދުވެރިކޮަށް ޗައިނާގައި ޔުއާން ބޭނުންކޮށްގެން ފައިސާ ދައްކައި ވިޔަފާރިކުރެވޭނެއެވެ.