ENGLISH
02 ނޮވެމްބަރު 2025
މ. މަޑުއްވަރީގައި ތަރައްގީކުރާ ކުންޏާއި ވަޞީލަތް މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް އިފްތިތާޙުކޮށްފި
22 ސެޕްޓެމްބަރު 2025
|
މަޑުއްވަރީގައި ކުންޏާއި ވަޞީލަތް މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް އިފްތިތާޙުކުރުން. ފޮޓޯ: ރައީސް އޮފީސް
މ. މަޑުއްވަރީގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް، އެރަށުގައި ތަރައްގީކުރާ ކުންޏާއި ވަޞީލަތް މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. މަޑުއްވަރީއަށް ކުރެއްވި ދަތުރުފުޅުގައި ކުނި މެނޭޖްކުރާ ސެންޓަރުގެ މަސައްކަތް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ. އަރިހުގައި އެ ދާއިރާގެ މަޖިލިސް މެންބަރާއި ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގަތެވެ.
މަޑުއްވަރީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް މިހާރު ކުރަނީ ރަށު ކައުންސިލުންނެވެ. އަލަށް ތަރައްޤީކުރާ މަރުކަޒާއެކު އެމަސައްކަތް ވެމްކޯއިން ކުރާގޮތަށް ހަމަޖައްސައި، ކުނި މެނޭޖްކުރުމުގެ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޑުއްވަރީ ރައްޔިތުންނާ ބައްދަލުކުރެއްވުން. --ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި މިއަދު ވަނީ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި އެރަށަށް ބޭނުންވާ މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަޑުއްވަރީގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި، އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެކަމަށެވެ.
މަޑުއްވަރީގެ މަގުތައް ތަރައްޤީކުރުމާއެކު އެރަށުގެ ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަނުގެ މަސައްކަތް އަވަސްކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބައްދަލުވުމުގައި ކައުންސިލުން ވަނީ، އެރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކޮށްދިނުމާއެކު އެރަށުގެ ބިން ބޮޑުކޮށްދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ. ބައްދަލުވުމުގައި މަޑުއްވަރީ ރައްޔިތުން ވަނީ ކަރަންޓު ކެޕޭސިޓީ އިތުރުކުުރުމާއި ސްކޫލް އޭސީ މަޝްރޫޢު އަވަސްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކިބައިން އެދިފައެވެ.
ބައްދަލުވުމުގައި ރައްޔިތުންގެ ހުށަހެޅުންތަކާ ގުޅިގެން، އިދާރާތަކާއެކު ބަލަންޖެހޭ ހުރިހާ ކަމެއް ގާތުން ބައްލަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޑުއްވަރީ ރައްޔިތުންނަށް ދެއްވިއެވެ.