ENGLISH
02 ނޮވެމްބަރު 2025
ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ސޮއިކޮށް، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފި
22 ސެޕްޓެމްބަރު 2025
|
ދިއްގަރު ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މ. ދިއްގަރަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ސޮއިކޮށް، އެރަށު ހިއްކު ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ރަސްމިއްޔާތުގައި، އެރަށުގައި އާ ހޮސްޕިޓަލް އަޅަން ހަވާލުކުރީ އެމްޓީސީސީއާއެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޞިއްޙީ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީ އެވެ.
ދިއްގަރުގެ އާ ހޮސްޕިޓަލް އެޅުމަށް 105 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.
ދިއްގަރު ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ނިންމާލުމަށްފަހު މިއަދު ވަނީ ނިމުން ފާހަގަކޮށްފައެވެ. އެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ގޮތުން، އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ދިއްގަރު ކައުންސިލަށް ހަނދާނީ ފިލައެއް ދެއްވާފައެވެ.
އެރަށުގެ ބިމުގެ ދަތިކަން ހައްލުކުރުމަށް ހިއްކާފައިވާ 25 ހެކްޓަރުގެ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް މި ސަރުކާރުން ކުރިއަށްގެންދިޔައީ 17.5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
އެ މަޝްރޫޢުގެ ދަށުން 700 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ޖަހައި، 138 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލާފައިވެއެވެ. އަދި، 332 މީޓަރުގެ ޖިއޯ ބޭގް ރިވެންޓްމެންޓް ޖަހާފައިވެއެވެ.
ދިއްގަރުގައި އަލަށް އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ އިތުރުން އެރަށުގައި ހުއްޓިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އެރަށުގައި ގާއިމުކުރާ 75 ހައުސިން ޔުނިޓުގެ ޢަމަލީ މަސައްކަތް މި އަހަރުތެރޭ ފައްޓަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެ މަޝްރޫޢު ނިމުމުން ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢެއް ދިއްގަރުގައި ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ދިއްގަރު ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައި، ބަނދަރަށް ގެންނަންޖެހޭ އިތުރު އަޕްގްރޭޑްތަކުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި، ދިއްގަރުގައި ނުވަ ކްލާސްރޫމް ހިމެނޭ އިމާރާތެއް އެޅުމަށް ހިމަނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އަދި، ކުޅިވަރުގެ ދާއިރާއިން އެރަށުގައި ފުޓްބޯޅަ ދަނޑެއް އެޅުމާއެކު، ހުއްޓިފައިވާ ފިޓްނެސް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތާއި ވޮލީކޯޓުގެ މަސައްކަތް ވެސް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ދިއްގަރުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.