ENGLISH
02 ނޮވެމްބަރު 2025
މަސް ގަންނަ އަގު ހަމަޖައްސާނީ މެދުނުކެނޑި ކުރިއަށްދާނެ ގޮތަކަށް: ރައީސް
22 ސެޕްޓެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ދިއްގަރު ރައްޔިތުންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން މަސް ގަންނަ އަގު ހަމަޖައްސާނީ މެދުނުކެނޑި ކުރިއަށްދާނެ ގޮތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި، ސަރުކާރުން މަސް ގަންނަ އަގާއި ގުޅޭގޮތުން ވާހަކަދެއްކެވީ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ދިއްގަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު މަސްވެރިކަމުގެ ދާއިރާގައި ވެސް ގިނަ ކަންތައްތަކެއް ރަނގަޅުކުރަން ހުރި ކަމަށެވެ. އެގޮތުން، މަސްވެރިންނަށް ދޭންޖެހޭ ފައިސާއިން ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ ބެކްލޮގްގައި ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ފައިސާ ދައްކާ ނިންމަން ވަގުތު ނެގިކަމަށާއި، މަސްވެރިންނަށް ގަވާއިދުން ފައިސާދޭން ފެށުނީ އޭގެ ފަހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މަސްވެރިންނަށް ކޮންމެ 48 ގަޑިއިރަކުން ފައިސާ ދޫކުރައްވަމުންގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ ވައުދާ އެއްގޮތަށް ދެންއޮތީ މަހުގެ އަގު 20 ރުފިޔާގައި ދެމެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެކަން ކުރިއަށްގެންދަން ބޭނުންފުޅުވަނީ މެދުނުކެނޑި ކަމަށާއި، އެއީ "މާދަމާއިން" ފެށިގެން 20 ރުފިޔާގެ މަގަށް ބަދަލުކުރާގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އެކަން ވެސް ހާސިލްކުރުމަށްޓަކައި މިދަނީ ވަރަށް ގިނަ މަސައްކަތްތަކެއް، އިންޑަސްޓްރީ ތެރޭގަ މިނިސްޓްރީ އާއި މިފްކޯއާ ކަމާގުޅޭ ހުރިހާ ފަރާތްތަކާއެކީގަ ސަރުކާރުން މިދަނީ ކުރަމުން. އެހެންވީމަ އެއީވެސް އަޅުގަނޑުމެން ހާސިލްކުރާނެ ކަމެއް. އިރާދަކުރެއްވިއްޔާ އެކަމަށްޓަކައި ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރެވިގެންދާ ކަމެއް. ކުއްލިއަކަށް ފުރަތަމަ ދުވަހު ފަށައިގަނެވޭނެ ގޮތަށް ހުންނަ ކަންކަމެއް ނޫން ބައެއް ކަންކަމަކީ" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މަސްވެރިންނަށް ގަވާއިދުން ފައިސާ ދޭން ފަށަން އަހަރެއް ނެގި ކަމަށާއި، 20 ރުފިޔާގެ ވައުދުފުޅުވެސް ފުއްދަވަން ބޭނުންފުޅުވަނީ ކަންކަން ރަނގަޅަށް ތަރުތީބުކުރައްވައިގެން މެދުނުކެނޑޭނެ ގޮތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިއްގަރަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޅި ރާއްޖޭގެ މަސްވެރިކަމަށް އަންނަ ކުރިއެރުމާއެކު ދިއްގަރުގެ މަސްވެރިންނަށް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ.
މަސްވެރިކަމުގެ ދާއިރާއިން ސަރުކާރުން ކުރަމުން އަންނަ މުހިއްމު ކަންކަމުގެ ތެރެއިން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، އެސްޓީއޯ ރޭޓުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތެޔޮ ލިބޭނެގޮތް ގާއިމުކުރުމާއި ކޯލްޑް ސްޓޯރޭޖްތައް ގާއިމުކުރުމުގެ އިތުރުން ޕްރޮސެސިން ޕްލާންޓްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ސަރުކާރުން މަސްވެރިންގެ ދަފްތަރު ގާއިމުކުރުމާއެކު، މަސްވެރިންނަށް ލޯނާއި ކްރެޑިޓް ފެސިލިޓީތައް ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދޯނީގައި އައިސް ރައްކާކުރެވޭނެ ނިޒާމު ގާއިމުކުރެވި އެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިއްގަރަކީ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ރަށެއްކަމަށް ވިދާޅުވެ، ރައީސް ދެއްވީ އެ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުން ވެސް އެރަށަށް ތަރައްގީ ގެނެސްދެއްވާނެކަމުގެ ޔަގީންކަމެވެ. އެގޮތުން އާ ހޮސްޕިޓަލް އެޅުމާއެކު އެރަށުގައި އާ ސްކޫލް އިމާރާތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަވައި، ކުޅިވަރުގެ ދާއިރާއިން ވަސީލަތްތައް ތަރައްގީކޮށްދެއްވާނެކަމަށް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.