ENGLISH
02 ނޮވެމްބަރު 2025
ކުރީގެ ވެރިންނަށް އަތްލާން ނުކެރުނު މައްސަލަތަކަށް މި ސަރުކާރުން ދަނީ ހައްލު ހޯދަމުން: މެންބަރު ނާޒިމް
22 ސެޕްޓެމްބަރު 2025
|
ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
މީގެކުރިން ޤައުމު ހިންގެވުމާ ޙަވާލުވެވަޑައިގަތް ވެރީންނާއި ސަރުކާރުތަކަށް އަތްލާން ނުކެރުނު މައްސަލަތައް މި ސަރުކާރުން ދަނީ ހައްލުކުރަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. ދިއްގަރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ގިނަ ރަށްތަކަށް ވަޑައިގަތުމަކީ އެމަނިކުފާނު ރައްޔިތުންގެ ގާތަށް ވަޑައިގެން ކަންކަން ނިންމެވުމަށް ހުންނެވި ޝައުގުވެރިކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ނާޒިމް ވިދާޅުވީ، ހުރިހާ ކަމަކީ "އިންފްރާސްޓްރަކްޗަރ" ތަރައްގީކުރުން ނޫން ކަމަށެވެ. އެހެން ދާއިރާތަކުގައި ހުރި މައްސަލަތައް ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، މިހާރު ފެންނަނީ އެހެން އެއްވެސް ވެރިއަކަށް އަތްލާން ނުކުރެވުނު ކަންކަން ހައްލުކުރަމުންގެންދާތަން ކަމަށެވެ.
"ބިދޭސީންގެ މައްސަލަތައް ކަމަށް ވިޔަސް، ޑްރަގްގެ މައްސަލަތައް ކަމަށް ވިޔަސް، ޖުޑިޝަރީގެ ހުރި މައްސަލަތަކަށް ކަމަށް ވިޔަސް، އެ ހުރިހާ ކަމަކަށް ކުރިމަތިލައިގެން ގޯސްކޮށް ކަމެއް އޮތީއްޔާ އެކަމެއް ރަނގަޅު ކުރުމަށް ކުރިމަތިލައިގެން އިހުލާސްތެރި މަސައްކަތްތަކެއް ކުރެވޭތަން މި ފެންނަނީ" - ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް
ނާޒިމް ވިދާޅުވީ، މިފަދަ ނިންމުންތަކާއެކު އިޖުތިމާއީ ގޮތުން މައްސަލަތަކަށް ހައްލު ލިބިގެންދާ ކަމަށެވެ. އަދި، ރައްޔިތުންނަށް މިހާރު އެމަންޒަރު ފެންނަކަމަށް މެންބަރު ވިދާޅުވިއެވެ. އެ ހުރިހާ ކަމަކަށް އިޝާރަތްކުރައްވައި ނާޒިމް ވިދާޅުވީ "ޤައުމުގެ މިސްރާބު ހުރީ ވަރަށް ރަނގަޅަށް" ކަމަށެވެ.
"ބިދޭސީންގެ މައްސަލަތައް ހައްލުވަމުންދާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. ޑްރަގް ކަންތައްތަކުގެ އެންމެ ބޮޑުން. އަތްނުލެވިފައި ތިބި މީހުން ދޫވެފައި ތިބި މީހުން އެމީހުންނަށް ހައްގު އަދަބު ލިބިގެންދާތަން އެބަ ފެނޭ. އެކިއެކި ސްކޭމްތައް ހިންގާފަ މުޖުތަމައު ތެރޭގަ އުޅެމުންދިޔަ މީހުން މިއަދު ހައްޔަރަށްދާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ." - ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި، މަޖިލީހުގެ އަގުލަބިއްޔަތު ލިބި 20 ވަނަ މަޖިލީހުން މިހާތަނަށް ނިންމާފައިވާ ބައެއް ނިންމުންތަކަކީ އުނދަގޫ ނިންމުންތަކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ޑޮލަރާ ގުޅޭގޮތުންނާއި މީޑިއާ ބިލާ ގުޅޭގޮތުން މަޖިލީހުން ނިންމީ އުނދަގޫ ނިންމުންތަކެއް ކަމަށެވެ. އެހެންނަމަވެސް، އެ ނިންމުންތަކަކީ ޤައުމުގެ މުސްތަޤްބަލަށް ބަލާއިރު ރަނގަޅު ނިންމުންތަކަކަށްވެ، ކުރިމަގުގައި ރައްޔިތުންނަށް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.