ENGLISH

02 ނޮވެމްބަރު 2025

Advertisement

ދިއްދޫގެ އަގުބޮޑު "މެގަ ހޯރަ" ބޯޓު ފަރަކަށް އަރައިފި، މީހަކަށް ގެއްލުމެއް ނުވޭ

22 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

މާލޭން ފުރައިގެން ދިއްދޫއަށް ދަތުރުކުރި "މެގަހޯރަ" ބޯޓު ފަރަށް އަރައިގެން ސިފައިން ހަރަކާތްތެރިވަނީ. --ފޮޓޯ: އެމްއެންޑީއެފް

މާލޭން ފުރައިގެން ހއ. ދިއްދޫއަށް ދަތުރުކުރި އެ ރަށުގެ އަގު ބޮޑު ބޯޓެއް ފަރަކަށް އަރައިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފިއެވެ. 

އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކޮށްފައިވާ މައުލޫމާތުގައި ބުނީ ދިއްދޫއަށް ދަތުރުކުރަނިކޮށް ފަރަށް އެރީ "މެގަ ހޯރަ" ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށެވެ. އެ ބޯޓު ރޭ މާލޭން ފުރީ މެންދަމު 12 ޖަހާކަށްހާއިރެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓު ނ. ވަވަތިކުރޮޅީގެ ފަރަށް އަރައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. 

އެމްއެންޑީއެފުން ބުނީ 98 ފޫޓުގެ އެ ބޯޓުގައި 61 މީހުން ތިބި ކަމަށެވެ. "އެމްއެމް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓުން ދަތުރުކުރި އެންމެން ވެސް ވަނީ ސަލާމަތްކޮށްފައެވެ. 

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗެއް ޑައިވަރުންނާ އެކު އެ ސަރަހައްދުގައި މިވަގުތު ހަރަކާތްތެރިވަމުންދާ އިރު، ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. 

ދިއްދޫ "މަގަ ހޯރަ" ބޯޓަކީ އެ ރަށުގެ ވިޔަފާރިވެރިއަކު ބަނދެ، ދާދި ފަހުން ދުއްވަން ފެށި އާ ބޯޓެކެވެ. ފައިބަރުން ބަނދެފައިވާ އަގު ބޮޑު ބޯޓުގެ ހުރިހާ މަސައްކަތެއްކޮށް ނިންމާފައި ވަނީ ދިއްދޫގަ އެވެ.

ކިޔުންތެރިންގެ ހިޔާލު