ENGLISH

02 ނޮވެމްބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، މ. ވޭވަށުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

21 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ، މ. ވޭވަށުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މުލަކު އަތޮޅު ވޭވަށަށް ވަޑައިގެން، ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފި އެވެ.

ވޭވަށު ސްކޫލުގައި މިއަދު ކުރިއަށްގެންދެވި މި މަޝްވަރާ ބައްދަލުވުމުގައި ރަށުގެ ކައުންސިލާއި ރައްޔިތުން ވަނީ، ރަށުގެ އާންމު އިޖުތިމާއީ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން އެކި ކަހަލަ ކުޅިވަރުތައް ކުޅޭނެ ދަނޑުތައް ތަރައްޤީކޮށްދެއްވުމަށާ، ފަތުރުވެރިކަމަށް ފަހި ވެއްޓެއް ގާއިމުކުރެވޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ރަށު ކައުންސިލާއި ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. ހަމަ މިއާއެކު ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަވައިދެއްވުމަށާއި، ރަށުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށްވެސް ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވައި، ކަންބޮޑުވުންތަކާއި، ޚިޔާލުފުޅުތަކަށް ރިޢާޔަތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން، ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

އެގޮތުން ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށެންވާއިރަށް ސްކޫލުގެ ޖާގައިގެ ދަތިކަމަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. ހަމަ މިއާއެކު ކުޅިވަރުގެ ދާއިރާއިން ރަށަށް ބޭނުންވެފައި ހުރި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމާއި، ހެލްތު ސެންޓަރުގެ ތަރައްޤީގެ ކަންކަން މިއަހަރުގެ ތެރޭގައި އަމަލީ ގޮތުން ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އަމާޒަކީ އެކި މަރުހަލާތަކުގައި ހުއްޓިފައި ހުރި މަސައްކަތްތައްވެސް، މި އަހަރާއި އަންނަ އަހަރުގެ ކުރީކޮޅަށް ނިންމެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު