ENGLISH
05 ސެޕްޓެމްބަރު 2025
ފުރުޤާން މިސްކިތަށް ގެއްލުން ދިން މީހާ ހައްޔަރުކޮށްފި
26 ނޮވެމްބަރު 2024
|
އަމީނީ މަގުގައި ހުންނަ ފުރްޤާން މިސްކިތުގެ ބައެއް ތަކެއްޗަށް ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ގެއްލުން ދިން މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގ. މާލެހިޔާ, 2-02-13, ނައުޝާދު މޫސާ (30އ) އެވެ. އިއްޔެގެ ވަގުތެއްގައި މީނާ ހައްޔަރުކޮށްފައިވާއިރު، މިއަދު ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށްވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.
ދީނީ ޢިލްމުވެރިޔާ އާދަމް ނިޝާން، މި މައްސަލައާ ގުޅޭ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށް ވިދާޅުވީ އެ ރޭ ފަތިސް ނަމާދުގެ ކުރިން މިސްކިތުގެ ފަހަތުގައި ހުރި މުސްހަފުތައް މުޅި ތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކާއި އެއަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ތަޅާ ހިމުން ކޮށްލާފައިވާ ކަމަށެވެ. ހަމަމިއާއެކު، ވުޟޫކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް ތަކެތި އެތަނަށް އުކާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި މައްސަލަ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ސަމާލުކަމަށް އައުމާއެކު، އެބޭފުޅާ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިސްކިތަށް ގެއްލުންދިން މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
މިސްކިތުގެ ތަކެއްޗަށް ގެއްލުންދިން މީހާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފައިވެއެވެ.