ENGLISH
05 ސެޕްޓެމްބަރު 2025
މަސްތުވާ ތަކެއްޗާއި ގޭންގު ކުށްތައް ހައްލުކުރުމަށް ޤާނޫން އިސްލާހުކުރަން މަޖިލީހަށް ހުށަހަޅަން ރައީސް ނިންމަވައިފި
26 ނޮވެމްބަރު 2024
|
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށާއި ގޭންގް ކުށްތައް ހުއްޓުވުމަށް ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަަށް ހުށަހަޅަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ހުރި ބައެއް އުނިކަންތައްތައް ކަމަށެވެ.
"މަސްތުވާތަކެތީގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ރިވިއު ކުރުމަށް ފަހު، އެ ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތައް މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ،" - ޕޯސްޓުގައި ރައީސް ވިދާޅުވެފައިވެ އެވެ.
ހަމައެއާއެކު، މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭންގު ކުށްތަކުގެ މައްސަލައިން ދިވެހި ޤައުމު ރައްކާތެރިކޮށް ސަލާމަތް ކުރުމަށްޓަކައި، މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނުގެ ބަދަލުގައި، މި ސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ، ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާ ކުރުމުގެ ބިލު ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
"މި ފަދަ ބޮޑެތި މައްސަލަތަކަށް ދާއިމީ ޙައްލެއް ގެނައުމަށް ކުރަމުން މިދާ މަސައްކަތްތަަކަށް ދިވެހި ލޮބުވެތި ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ނުހަނު ޝުކުރު ދަންނަވަން." - ރައީސްގެ ޕޯސްޓް ނިންމަވާލަމުން ވިދާޅުވި އެވެ.