ENGLISH

10 އޭޕްރީލު 2025

Advertisement

ފާއިތުވެދިޔަ ސަރުކާރުތަކުން ވަނީ ކުޅިވަރާމެދު އިހުމާލުވެފައި: އައްބާސް

26 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް މަޖިލީހުގައި ވާހާކަފުޅުދައްކަވަނީ / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފާއިތުވެދިޔަ ސަރުކާރުތަކުން ވަނީ ކުޅިވަރާމެދު ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

މެމްބަރު މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، ސަރުކާރުން ހުށަހެޅި ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަފުޅު ދައްކަވަމުން ނެވެ.

ކުޅިވަރުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުން މެމްބަރު ވިދާޅުވީ އެއްވެސް ކުޅިވަރެއް ކުޅުމުގައި ނުވަތަ ހިންގުމުގައި އެއްވެސް ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެކަމުގެ ގާނޫނު އޮންނަތާ އެތަށް ދުވަހެއް ވެފައިވާ ކަމަށެވެ.

މި ގާނޫނު މިހެން އޮތް ނަމަވެސް ކުދި އާބާދީތަކަށް އެކަށީގެންވާ މިންވަރަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ލިބިގެން ނުދާ ކަމަށާއި ކުދި އާބާދީތަކަށް އެދެވޭ ގޮތަކަށް ފުރުސަތެއް ނެތްކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. 

"ދެން ބަލާލަމާ އެންމެ އާބާދީ ކުޑަ ރަށް، ފޮއްދޫ. ޓޭބަލް ޓެނިސް ބޯޅައެއް އެ ރަށެއްގެ މީހަކު ލޮލުން ވެސް ނުދެކޭނެ އެރަށު ފަސްގަނޑުގަ ހުއްޓަކާއެއް. ބިލްޔާޑު ބޯޑެއް. ޒުވާނުންގެ މަރުކަޒެއް ނެތް. ޔޫތު ސެންޓަރެއް ނެތް،" އައްބާސް ވިދާޅުވިއެވެ. 

އާބާދީ ބޮޑެތި ރަށްތަކާމެދު ވެސް ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައިވާކަން ފާހަގަކުރައްވަމުން އައްބާސް ވިދާޅުވިއެވެ؛ "ފާއިތުވެ ދިޔަ ސަރުކާރުތަކުގެ އިހުމާލުގެ ވާހަކަ ދައްކަން މި ޖެހެނީ އިއްޒަތްތެރި ރައީސް. މިދިޔަ ސަރުކާރުގައި ވެލިދޫގެ ޒުވާނުންނަށް ފުޓްބޯޅަ ދަނޑެއް ފަސް އަހަރުގެ ދައުރެއް ނިމުނުއިރު އަދިވެސް އެ ތަން އޮތީ މާދަމާ ވާރޭ ވެހުނަސް ސްވިމިން ޕޫލެއްގައި ފެންބޮޑުވާ ގޮތަށް ހަދާފައި،"

އައްބާސް ވިދާޅުވީ ގައުމުގެ މާލީ ތަނަވަސްކަން ތަންދޭ އެންމެ މަތީ ދަރަޖައަކަށް ޒުވާނުންނަށް ކުޅިވަރު ކުޅެވި، މުނިފޫހިފިލުވި، ބޭކާރު ގޮތުގައި ހޭދަކުރާ ވަގުތު ހެޔޮ ގޮތުގައި މުޖުތަމައަށް މަންފާ ކުރުވަނިވި ގޮތުގައި، ގައުމަށް ރީތި ނަމެއް ހޯދައި ދެވޭނެ ގޮތުގައި މަސައްކަތް ކުރާނެ ގޮތަކަށް ކަންތައްތައް ވެގެންދާން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ކުޅިވަރަށްދޭ ސަމާލުކަން ފެނިގެންދާ ކަމަށާއި ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރާކަމަށް މެމްބަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު