ENGLISH
18 ސެޕްޓެމްބަރު 2025
ހުރިހާ ސަރުކާރަކުން މީޑިއާ ބިލް ގެންނަން އުޅުނު، ބިލު މުހިއްމު ވަނީ އެހެންވެ: މެންބަރު ޢަލީ މޫސާ
18 ސެޕްޓެމްބަރު 2025
|
ބޮޑު ޚަބަރު ޕްރޮގްރާމްގައި ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ވާހަކަދައްކަވަނީ
މީޑިއާތައް ރެގިލޭޓްކުރުމުގެ ބިލް ގެންނަން މިދިޔަ ހުރިހާ ސަރުކާރަކުން މަސައްކަތްކުރި ކަމަށާއި، އެފަދަ ބިލެއް ރާއްޖެއަށް މުހިއްމުވަނީ އެހެންވެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ، މަޖިލިސްގެ ތެރެއިންނާއި ވެރިކަންކުރާ ޕާޓީގެ ތެރެއިން މީޑިއާ ބިލެއް ގެނެވޭތޯ މިދިޔަ ހުރިހާ ސަރުކާރަކުން މަސައްކަތްކުރި ކަމަށެވެ.
ސެޕްޓެމްބަރު 16 ވަނަ ދުވަހު ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" ފާސްކޮށްފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސެޕްޓްމްބަރު 18 ވަނަ ދުވަހު އެ ބިލް ތަސްދީޤުކުރައްވައިފައެވެ.
ބިލު ފާސްކުރުމުގެ ކުރިންގެ އަދި ފަހުން ވެސް ބައެއް ނޫސްވެރިން ދިޔައީ އެ ބިލް ފާސްކުރުމާ ދެކޮޅަށް އަޑުއުފުލައި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މެންބަރު ޢަލީ މޫސާ ވިދާޅުވީ މަޖިލީހުން މަސައްކަތް ނިންމައި ފާސްކުރި ބިލަކީ މިއަދު ދިވެހި ޤައުމަށް ވަރަށް މުހިއްމު ބިލެއް ކަމަށެވެ.
މެންބަރު ޢަލީ މޫސާ ވިދާޅުވީ، 2010 ވަނަ އަހަރު އަމަލުކުރަން ފެށި މޯލްޑިވްސް ބްރޯޑްކާސްޓިންއާ ބެހޭ ޤާނޫނާއި 2008 ވަނަ އަހަރު ވުޖޫދިވި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނުން ރައްޔިތުން އެދޭގޮތަށް މީޑިއާތައް ރެގިއުލޭޓްވެގެން ނުދާ ކަމަށެވެ.
"މީގެތެރެއިން އެއް ޤާނޫނަށް މިހާރު 15 އަހަރު ވެގެންގޮސްފަ އަނެއް ޤާނޫނަށް 17 އަހަރުވެގެން ދިޔައިރު އަޅުގަނޑުމެންނަށް މި ފެންނަނީ އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން އެދޭގޮތަށް މީޑިއާ ރެގިއުލޭޓްވެގެން ނުދާތަން ހަގީގަތުގަ. އާއްމު ރައްޔިތުންގެ މެދުގަޔާއި އަދި އެހެނިހެން ފަރާތްތަކުގައި މި މައްސަލަ އޮންނަކަން ވަނީ ފާހަގަކުރެވިފަ. އެހެންވީމަ ޤާނޫނެއް އައިސް ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މިހާރު މި އަމަލުކުރެވިގެންދާ ގޮތަށްވުރެ ހަރުދަނާ ގޮތެއްގައި ސިސްޓަމެއް އަންނަންޖެހޭކަން އަޅުގަނޑުމެންނަށް އޮތީ ފާހަގަވެފަ" - ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ
މެންބަރު ޢަލީ މޫސާ ވިދާޅުވީ ބިލް ފާސްކުރުމާއެކު ނޫސްވެރިންގެ ކަންބޮޑުވުމަކަށްވީ ބައެއް ތަފްސީލުތައް ހިމެނިފައި ނެތުން ކަމަށެވެ. އެ ތަފްސީލުތައް ބިލާއެކު އަންނަ ގަވާއިދުތަކުގައި ހިމެނޭނެކަމަށް މެންބަރު ވިދާޅުވިއެވެ. އެ ގަވައިދުތަކާއެކު ނޫސްވެރިންގެ އެ ކަންބޮޑުވުންތަކަށް ޖަވާބު ލިބިގެންދާނެކަމަށް މެންބަރު ވިދާޅުވިއެވެ.
މެންބަރު ޢަލީ މޫސާ ވަނީ މިދިޔަ ދުވަސްތަކުގައި ބައެއް ނޫސްވެރިން އަމަލުކުރި ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ބައެއް ނޫސްވެރިން މަސައްކަތްކުރީ ނޫސްވެރިކަމުގެ އަސްލު މާނަ އޮޅޭގޮތަށް ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.
ބައެއް ފަހަރު ނޫސްވެރިޔާއަކީ ސިޔާސީ ޕާޓީއެއްގެ ގައުމީ މަޖިލިސް މެންބަރަކަށް ވާއިރު ބައެއް މަޖިލިސް މެންބަރުން ވެސް ނޫސްވެރިންގެ ގޮތުގައި އަމަލުކުރައްވާތަން ފެނިވަޑައިގެންނެވި ކަމަށް މެންބަރު ޢަލީ މޫސާ ވިދާޅުވިއެވެ. ނޫސްވެރިކަމުގައި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ފަންނުތަކުގެ ތަފާތުތައް އެނގެން ޖެހޭކަމަށް މެންބަރު ވިދާޅުވިއެވެ.
"މިދިޔަ ދުވަސްތަކުގަ ކިހިނެއްތޯ ފެނުނީ؟. މިސާލަކަށް ނޫސްވެރިޔާގެ ފާސް އެޅުވީމާ އޭގެ މާނައެއް ނޫން އިނގޭތޯ ރައީސް އޮފީސް ކުރިމަތީ ގޮސްފަ 24 ގަޑިއިރު މުޒާހަރާ ކުރެވޭނެއެކޭ. ނޫސްވެރިޔާ ފާސް އެޅުވީމާ ރައީސުލްޖުމްހުރިއްޔާގެ ގެކޮޅުގެ ކުރިމަތީގަ ގޭޓުގެ ދޮރުމަތީ މުޒާހަރާ ކުރެވޭނެއެކޭ. ނޫނީ އަޑު ފާޅުކުރެވޭނެއެކޭ. އަނެއްކާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގަ ނޫސްވެރިއެއްގެ ގޮތުގައި ބައިވެރިވެފަ އެ ކޮމިޓީގެ ތެރޭގަ މުޒާހަރާ ކުރެވޭނެތޯ؟" - ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ
ދުނިޔޭގެ ޕްރެސް ފްރީޑަމްގެ އެންމެ މަތީގައި އޮންނަ ގައުމުތައް ކަމަށްވާ ނޯވޭ އާއި ސްވިޑެން އަދި ފިންލެންޑް ކަހަލަ ގައުމުތަކުގައި ވެސް އެފަދަ މަންޒަރުތައް ފެނިވަޑައިނުގަންނަވާކަމަށް މެންބަރު ވިދާޅުވިއެވެ.
ބައެއް ނޫސްވެރިންގެ ފަރާތުން ފެނުނު އަމަލުތަކަކީ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރޭގައި ވެސް ނުހިމެނޭ ކަންކަން ކަމަށް މެންބަރު ވިދާޅުވިއެވެ. ނޫސްވެރިކަމަކީ ވެސް އިހްތިރާމް ލިބިގެންވާ ދާއިރާއަކަށް ވާއިރު، ނޫސްވެރިންގެ ފަރާތުން ކަންބޮޑުވާ އަމަލުތައް ފެނުމަކީ ހިތާމަހުރި ކަމެއް ކަމުގައި މެންބަރު ފާހަގަކުރެއްވިއެވެ.
މީޑިއާ ރެގިއުލޭޓްކުރުމުގެ ބިލާއެކު، އެއީ މުޅި މުޖުތަމައަށް އެކަމުގެ ސަބަބުން ފައިދާކުރާނެ ކަމެއްކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވިއެވެ.