ENGLISH
02 ފެބްރުއަރީ 2026
އިންޑިއާއިން ނެގި ޓީބިލް އަނބުރާ ދެއްކުން އަނެއްކާވެސް ފަސްކޮށްދީފި
18 ސެޕްޓެމްބަރު 2025
|
އިންޑިއާގެ ހައި ކޮމިޝަނަރު ބާލަސުބްރަމާނިއަން ބައްދަލުވުމުގައި ވާހަކަދައްކަވަނީ. ފޮޓޯ: ފިނޭންސް މިނިސްޓްރީ
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީބިލަށް ސެޕްޓެމްބަރު މަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އިންޑިއާއިން އަނެއްކާވެސް ފަސްކޮށްދީފިއެވެ.
ފައިސާ ދެއްކުމާ ގުޅޭ މަޝްވަރާތައް ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ބާލަސުބްރަމާނިއަންއާ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ބައްދަލުކުރެއްވިއެވެ.
ރާއްޖޭގެ ބަޖެޓް ސަޕޯޓަށް 2019 ވަނަ އަހަރު ޓީބިލް ނެގީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައެވެ. އެސްބީއައި މެދުވެރިކޮށް އޭރު ނެގީ 200 މިލިއަން ޑޮލަރެވެ. އޭގެތެރެއިން ހިލޭ އެހީގެ ގޮތުގައި 50 މިލިއަން ޑޮލަރު ލިބުނުއިރު، ބާކީ 150 މިލިއަން ޑޮލަރަކީ ޓީބިލެވެ.
ޓީބިލް ފައިސާ ތިން ބަޔަކަށް ބަހާލައިގެން ދައްކަން ފެށީ މި ސަރުކާރުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ފުރަތަމަ 50 މިލިއަން ޑޮލަރު ވަނީ ދައްކާފައެވެ. އަނބުރާ ދައްކަން ހުރި 100 މިލިއަން ޑޮލަރު ދެއްކުން އެންމެ ފުރަތަމަ ފަސްކޮށްދިނީ މިދިޔަ އަހަރުގެ މެއި މަހުއެވެ.
އިއްޔެގެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށް ފަހު މިއަހަރު ދައްކަން އޮތް އަދަދު ވެސް ވަނީ ފަސްކޮށްދީފައެވެ.
ޓީބިލް ފަސްކޮށްދިނުމުގައި މަޝްވަރާގެ އިތުރުން ރާއްޖޭގެ ތަރައްގީގެ މުހިއްމު މަޝްރޫޢުތަކާއި ގުޅޭގޮތުން ވެސް އިއްޔެގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. ހާއްސަގޮތެއްގައި އިންޑިއާގެ އެހީގައި ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢުތައް އަވަސްކުރުމާ ގުޅޭގޮތުން އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސްކުރެވޭ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކުގެ ޕޯޓްފޯލިއޯއަށެވެ. ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބާއްވަވައި، ތަންފީޒުކުރުމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކާ މެދު މަޝްވަރާކުރައްވައި، ދިވެހި ރައްޔިތުންގެ މަންފާއަށްޓަކައި އެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
މީގެއިތުރުން، މިބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އޮތް ފުރުޞަތުތަކާ މެދު މަޝްވަރާކުރެއްވިއެވެ. ދެފަރާތުންވެސް ވަނީ އިޤްތިޞާދީ އެއްބާރުލުމަށް އައު ފުރުޞަތުތައް ހޯދުމަށާއި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައި ހިންގޭ ވިޔަފާރީގެ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.