ENGLISH

17 ސެޕްޓެމްބަރު 2025

Advertisement

އެސްޓީއޯއިން މޭވާ ތަރުކާރީ އެތެރެކޮށް ވިއްކަން ފެށުމުން ވިޔަފާރިވެރިންވެސް އެތަކެތި އަގުހެޔޮކުރާނެ: ރައީސް

17 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕޮޑްކާސްޓުގައި ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

އެސްޓީއޯއިން މޭވާއާއި ތަރުކާރީ އެތެރެކޮށް ވިއްކުމުން، މިހާރު އެތަކެތި އެތެރެކޮށް ވިއްކާ އަމިއްލަ ވިޔަފާރިތަކުންވެސް އެތަކެތީގެ އަގު ހެޔޮކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

"ރައްޔިތުންނާއެކު ޕޮޑްކާސްޓު"ގައި ވާހަކަދައްކަވަަމުން ރައީސް ވިދާޅުވީ އެސްޓީއޯގެ މައިގަނޑު ހިއްސާދާރަކީ ސަރުކާރުކަމަށާއި، މިހާތަނަށް އެސްޓީއޯއިން ކާޑުގެ ބާވަތްތައް އެކަނި އެތެރެކުރި ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު އެސްޓީއޯ މެދުވެރިކޮށް އެތެރެކުރަންޖެހެނީ ކާޑުގެ ބާވަތްތައް އެކަނިކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ އެންމެ ގިނައިން ރައްޔިތުން ބޭނުންކުރާ ތަރުކާރީއާއި މޭވާގެ ބާވަތްތައް އެސްޓީއޯއިން އެތެރެކުރުމަކީ އެއްވެސް ހާލެއްގައި އާއްމުން ކުރާ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަނުން ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެސްޓީއޯއިން އެ ބާވަތްތައް އެތެރެކުރުމަކީ އެތަކެތި ރަނގަޅު އަގުގައި ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުމެވެ. 

"ބޭންކް އޮފް މޯލްޑިވްސްއިން މީގެ ކުރިން ނުދޭހާ ރަނގަޅު ފުޅާ ފުރުސަަތެއް ވިޔަފާރިވެރިންނަށް އެބަދޭ ޑޮލަރުގެ އިނގޭތޯ. އެހެންވީމާ ހޯލްސޭލްކޮށް ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށް އެ ފުރުސަތު ކުރިއަށްވުރެ މާބޮޑަށް އެބަލިބޭ. އެހެންވީމާ އަޅުގަނޑުމެން މިހުރިހާ ކަމެއް ނަންބަރސް ޖަހައިގެން ހުރިހާ ކަމެއް ދިރާސާކޮށް މިކަންވާ ގޮތް ބަލާފައި، މިގޮތަށް މިކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނިންމީ،" ރައީސް ވިދާޅުވިއެވެ. 

ރައީސް އިތުރަށް ވިދާޅުވީ އެހެން ބަޔަކު ކުރާ ކަމެއްގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވާން ބޭނުންފުޅުވާ ކަމަށާއި، ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގައި ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. މޭވާގެ އަގު ބޮޑުވަނީ ޑޮލަރު ނުލިބިގެން ކަމުގައި ވިދާޅުވެ ރައީސް ފާހަގަކުރެއްވީ ސަރުކާރުން އައިނު ވިއްކަން ފެށުމުން، ކުރިން ބޮޑު އަގުގައި އައިނު ވިއްކަމުން އައި ވިޔަފާރިތަކުން، ސަރުކާރުން އައިނު ވިއްކާ އަގުގައި ވިއްކަން ފަށާފައިވާ ކަމެވެ. 

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި ކާނާ އުފެއްދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ދާއިރާއަށް އިންވެސްޓުކުރުމުގެ ފުރުސަތު ހުޅުވާލައިގެން ބައެއް ފަރާތްތަކުން އެ ދާއިރާއަށް އިންވެސްޓުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެސްޓީއޯއިން އެ ދާއިރާއަށް ވަދެ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާނެ ކަމަށާއި، ޕޯލްޓްރީއަށްވެސް އިންވެސްޓުކުރާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު