ENGLISH
17 ސެޕްޓެމްބަރު 2025
ވީއައިއޭގައި ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރި ބިދޭސީއަކު ހައްޔަރުކޮށްފި
17 ސެޕްޓެމްބަރު 2025
|
ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރަނިކޮށް އަތުލައިގަތް ބިދޭސީ މީހާގެ އަތުން ފެނުނު ފައިސާ، ފޮޓޯ: ފުލުހުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި ގަވާއިދާ ހިލާފަށް އެއާޕޯޓުގައި ޑޮލަރުގެ ވިޔަފާރިކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކުރީ ގިނަ އަދަދެއްގެ ފައިސާއާއެކު ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ އެއާޕޯޓުގައި ހުންނަ ރިސޯޓު ކައުންޓަރުތައް ކައިރީ ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރަމުންދާކަމަށް މައުލޫމާތު ލިބުމާ ގުޅިގެންނެވެ.
މި މައްސަލާގައި ހައްޔަރުކުރި ބަންގުލަދޭޝަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ރަފީގުލް އިސްލާމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށްވެސް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.
އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން 68،000 އަށްވުރެ ގިނަ ރުފިޔާ އަދި 1،700 އަށްވުރެ އެމެރިކާ ޑޮލަރު ފެނުނެވެ.
އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ކުރިއަށްގެންދިއުމަށް 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުންވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.