ENGLISH
17 ސެޕްޓެމްބަރު 2025
ރާއްޖެ މިއަދު މިއޮތް ނިކަމެތި ހާލަތުގެ ޝެއާ ހޯލްޑަރަކީ އެމްޑީޕީ: ސައީދު
17 ސެޕްޓެމްބަރު 2025
|
އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް
ރާއްޖެ މިއަދު މިއޮތް ނިކަމެތި ހާލަތުގެ ޝެއަރ ހޯލްޑަރަކީ އިދިކޮޅު އެމްޑީޕީ ކަމުގައި އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން، އެމްޑީޕީއަށް ދިވެހި ރައްޔިތުން މިއަދު އިތުބާރުނުކުރާ ސަބަބުތައް ވިދާޅުވެދެއްވަމުންނެވެ. ސައީދު ވިދާޅުވީ އެމްޑީޕީއަށް ދިވެހި ރައްޔިތުން އިތުބާރުނުކުރަނީ އެ ޕާޓީއަށް ވެރިކަން ލިބުނު ވަގުތު އެޕާޓީން ކަންކަން ކުރި ގޮތުން ކަމަށެވެ.
އެކަމުގެ މިސާލެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ އެމްޑީޕީގެ ވެރިކަމުގައި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މުހިއްމު ގިނަ މާއްދާތަކެއް ސަސްޕެންޑުކުރުމަށްފަހު އަމަލުކުރި ގޮތެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، އެ ގާނޫނުގެ މުހިއްމު ބައެއް މާއްދާތަކަށް އަމަލުކުރުން މަޑުޖައްސައިލުމަށްފަހު، ދިވެހިރާއްޖޭގެ މުޅި މާލީ ނިޒާމު އެމްޑީޕީން ކިލަނބުކޮށްލި ކަމަށެވެ.
އިތުރަށް ސައީދު ވިދާޅުވީ އެއިރު އެ މާއްދާތައް ސަސްޕެންޑުކޮށް، ގާނޫނަށް އަމަލުނުކުރަން އެމްޑީޕީން ނިންމުމުން އެކަމަކީ ގޯސްކަމެއްކަން މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބަވަައިގެން އެއިރު ވިދާޅުވެދެއްވި ނަމަވެސް، އެމްޑީޕީއަކީ ގާނޫނަކަށް ގަވާއިދަކަށް އަދި އުސޫލަކަށް ތަބާވި ބައެއް ނޫން ކަމަށެވެ.
އެގޮތުން އެމްްޑީޕީގެ ފުރަތަމަ ވެރިކަމުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ގާޒީއަކު ހައްޔަރުކުރުމާއި، އޭގެ ފަހުން އެމްޑީޕީން މަގު މައްޗަށް ސިފައިންނާއި ބަރު ހަތިޔާރު ނެރެ، އިދިކޮޅު ލީޑަރުންގެ ގެކޮޅުތަކަށް ގެއްލުންދީ ރައްޔިތުންނަށް ބިރުދެއްކުމުގެ އަމަލުތައް ހިންގި ކަމުގައި ސައީދު ތުހުމަތުކުރެއްވިއެވެ.
"ހަގީގަތަކީ އިދިކޮޅުގައި އޮންނައިރު އަދި ވެރިކަމުގައި އޮންނައިރުވެސް (އެމްޑީޕީން) ޒިންމާދާރު މަސައްކަތެއް ނުކުރާނެ. އަޅުގަނޑު ނުދަންނަވަން ރަނގަޅު ކަންކަން ނުކުރާ ވާހަކަ. އެކަމަކު ހަގީގަތަކީ މުޅި އެތި މެނިޕިއުލޭޓުކޮށް ތަޣައްޔަރުކޮށްލާނެ ވަރަށް އަވަހަށް.،" ސައީދު ވިދާޅުވިއެވެ.
އަދި ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމުގެ ދާއިރާއިން އެމްޑީޕީ ވެރިކަމުގައި އޮންނައިރު އަބަދުވެސް ދައްކާނީ ޒިންމާދާރުކަމާއެކު ރަނގަަޅު ތެދު ހަބަރު ފެތުރުމުގެ މުހިއްމު ކަމުގެ ވާހަކަ ކަމަށާއި، އިދިކޮޅަށް ދިއުމާއެކު އެކަމުގައި ވާހަކަދައްކާނީ ސީދާ އިދިކޮޅަށް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް ސައީދު ވިދާޅުވީ ރައީސް އަލްއުސްތާޛު މައުމޫނުގެ ވެރިކަމުން ފެށިގެން ޕީޕީއެމް/ ޕީއެންސީ ފިކުރުން ވެރިކަމން ކުރުމުގައި މަގުމަތީގެ އަމާންކަން ނެގެހެއްޓުމަށް އިސްކަންދީފައިވާނެ ކަމަށެވެ. ރާއްޖޭގެ އިގުތިސާދަށް ގެއްލުންވާނެ ކަންކަން ނުކުރުމަށް ސަމާލުކަންދީ އެ އުސޫލު ނަގަހައްޓާފައިވާނެ ކަމަށެވެ. އަދި އިދިކޮޅުގައި ތިބޭއިރުވެސް އެ އުސޫލުތައް ނަގަހައްޓައި، މުޖުތަމައުގެ ހަމަޖެހުން ދެމެހެއްޓުމާއެކު، ގައުމަށް ގެއްލުންވާ ކަންކަން ނުކުރަންވެސް ގޮވައިލާނެ ކަމަށެވެ.