ENGLISH

16 ސެޕްޓެމްބަރު 2025

Advertisement

މާޒިޔާ އިން ހަވަނަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލައިފި

16 ސެޕްޓެމްބަރު 2025

|

މުޙައްމަދު އަދުހަމް

މާޒިޔާ އިން ޗެރިޓީ ޝީލްޑްގެ އައްޑަނަ އުފުލާލަނީ. ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު މެޗުގައި ކްލަބް އީގަލްސް 2-0 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފިއެވެ.

މިއީ މާޒިޔާ އިން ޗެރިޓީ ޝީލްޑް އުފުލާލި ހަވަނަ ފަހަރެވެ. ޝީލްޑް އެންމެ ގިނަ ފަހަރު އުފުލާލުމުގެ ރެކޯޑް އޮތީ ވެސް އެ ޓީމު އަތުގައެވެ. އެ ޓީމުން ވަނީ، 2015، 2016، 2017، 2021، 2023 އަދި 2025 ގައި ޝީލްޑް ކާމިޔާބުކޮށްފައެވެ. 

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާ އިން ލީޑު ނެގީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އަހުމަދު އައިހަމް ވައްދާލި ލަނޑުންނެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން މާޒިޔާ ކުރީގަ އޮވެގެންނެވެ.

މާޒިޔާގެ އައިހަމް (ވ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. ފޮޓޯ: ޢަބްދުﷲ އަބީދު / ވަގުތު އިމޭޖަސް

މެޗުގެ 66 ވަނަ މިނެޓުގައި މާޒިޔާގެ ލީޑު ފުޅާކޮށްދިނީ ނާއިޒު ހަސަން (ދާދު) އެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ދާދު ވަނީ ޤައުމީ ޓީމަށް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ލަނޑުޖަހައިފައެވެ.

މި މެޗަކީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުން އީގަލްސްގެ ސީނިއާ ޓީމު ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. މާޒިޔާ ވަނީ މިދިޔަ މެއި މަހު ކުރިއަށްދިޔަ އެފްއޭއެމް ލީގު ކަޕްގައި ކުޅެ، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ޗެރިޓީ ޝީލްޑް ކާމިޔާބުކުރުމާއެކު މާޒިޔާ އަށް ލިބުނު އިނާމު ފައިސާގެ (އެއް ލައްކަ ރުފިޔާގެ) ތެރެއިން ވަކި އިންސައްތައެއް އެ ކުލަބުން ވަނީ ލޯފަން މީހުންގެ ޖަމްޢިއްޔާ (ބީވީއައިއެސްއެމް) އަށް ހަދިޔާ ކުރަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު