ENGLISH

16 ސެޕްޓެމްބަރު 2025

Advertisement

އޭދަފުށި ކަޕް ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

16 ސެޕްޓެމްބަރު 2025

|

މުޙައްމަދު އަދުހަމް

އޭދަފުށި ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ނައިބު ރައީސް ޓްރޮފީ ހަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ބ. އޭދަފުށި ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ، "އޭދަފުށީ ކަޕް 2025"، ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙުއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ، އޭދަފުށީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ކުރިން، ދެ ޓީމުގެ ކުޅުންތެރިންނާ ސަލާމްކުރައްވައި ހިއްވަރުދެއްވައި، އިރުމަތި އެފް.ސީ. އާއި ވެލާ ސްޕޯރޓްސް ކްލަބް ބައްދަލުކުރި ވާދަވެރި މެޗު ބައްލަވާލައްވާފައެވެ.

އޭދަފުށި ސްޓޭޑިއަމްގައި ކުރިއަށްދިޔަ ފައިނަލް މެޗު ނިމިގެންދިޔައީ 2–1 ގެ ނަތީޖާއަކުން އިރުމަތީ އެފްސީގެ މައްޗަށް ވެލާ ސްޕޯޓްސް ކްލަބު ކުރިހޯދައި، މި މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކޮށްގެންނެވެ.

މެޗުގައި ވެލާގެ ލަނޑުތައް ޖަހައިދިނީ އަލީ ޒުބައިރު އާއި ޢަބްދުލް މަޖީދު އިބްރާހީމް އެވެ. އިރުމަތީ އެފްސީގެ ހަމައެކަނި ލަނޑުޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން އަލީ ނަސީމް އެވެ.

ފައިނަލް މެޗަށްފަހު ބޭއްވި ރަސްމިއްޔާތުގައި، ނައިބު ރައީސް ވަނީ މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑެއްޔާއި ޓްރޮފީ އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ ވެލާގެ ކީޕަރު މިފްދާދު އަހުމަދަށެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު އިރުމަތި އެފްސީގެ އިމްތިޝާލް އަބްދުއްރަހީމަށް ލިބުނުއިރު، އެންމެ މޮޅު ކޯޗުގެ މަޤާމު ހޯދީ ވެލާގެ މުހައްމަދު އިހްސާން ސައީދު އެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކީ އާޖީލަކަށް އޭދަފުށި ފުޓްބޯޅަ އެކަޑެމީއެވެ.

ކިޔުންތެރިންގެ ހިޔާލު