ENGLISH

15 ސެޕްޓެމްބަރު 2025

Advertisement

އަނެއްކާ އަނެއް ދޮގު: ސޯލިހް ވިދާޅުވާ އެއަރޕޯޓް ފަންޑެއް ވުޖޫދުގައިވެސް ނެތް

15 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ސޯލިހް، އެއާޕޯޓް ފަންޑާއި ގުޅޭގޮތުން އިތުރުފުޅު ހެއްދެވި ޖަލްސާގައި ބައިވެރިވެވަޑައިގަަންނަވަނީ --

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮތް ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ ވެރިކަމަށް އައުމަށް އެމްޑީޕީންވީ ވަޢުދުތަކާއި އެ ވެރިކަމުގެ ފަސް އަހަރު ފުރިހަމަނުކުރެވުނު ވަޢުދުތަކުގެ ފާޑުކިޔުން ތަކުން ސަލާމަތްވެވަޑައިގަތުމަށް ވާހަކަތަކެއް ދައްކަވާފަ އެވެ.

އެގޮތުން ވިދާޅުވި އެއް ވާހަކައަކީ ވެރިކަމުގެ ފަސް އަހަރުތެރޭ ކުރިއަށް ގެންދާނެ ކަމަށް ވައުދުވެވަޑައިގެންނެވި ހަތް އެއަރޕޯޓެއްގެ މަސައްކަތް ނުވެސް ފެށި އުޅެނިކޮށް ވެރިކަމުގެ ދައުރު ނިމުމުން އަމާޒުވަމުންދާ ފާޑުކިޔުންތަކުން ސަލާމަތްވެވަޑައިގެން ކޮންމެވެސް އިތުރުފުޅެއް ހައްދަވާ މިހާރު އޮތް ސަރުކާރުގެ ބޮލުގައި އިލްޒާމުތަކެއް އެޅުވުމަށް ދެއްކެވި ވާހަކަތަކެވެ.

ސުވާލު ކުރެއްވީ "ރާއްޖޭގެ 7 ސަރަޙައްދެއްގައި އެއަރޕޯޓް އެޅުމަށް އެމްޑީޕީ ސަރުކާރުން ހޯދި 86 މިލިއަން ޑޮލަރު ކޮބައިތޯ" އޭ އެވެ. އަދި ލ. ކައްދޫ އެއަރޕޯޓް ތަރައްޤީކުރުމަށް 10 މިލިއަން ޑޮލަރު ހޯއްދެވި ކަމަށެވެ. ނަމަވެސް އެއިން އެއްވެސް މަޝްރޫޢުއެއް ނުހިނގާ ކަމަށެވެ.

ސޯލިހް މި ވާހަކަފުޅު ދެއްކެވީ ވެވަޑައިގެންނެވި ވައުދުތައް ނުފުއްދެވި އޮތުމުން އެކަމުގެ ތުހުމަތު މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އަމާޒު ކުރައްވާށެވެ. ނަމަވެސް އެއީ އެއްވެސް ގޮތަކުން ދެކޮޅު ނުޖެހޭ ބުހުތާނު ދޮގު ވާހަކަތަކެއްކަން ހާމަވެ އެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ވެރީންނާއި ސުވާލު ކުރެއްވި ނަމަވެސް އަދި އެ މިނިސްޓްރީގެ ލިޔެކިޔުންތަކާއި ހިސާބުތަކަށް ބަލާލުމުން ވެސް ސޯލިހް އެ ވިދާޅުވި އިތުރުފުޅު  ސާފުކޮށް ފެންނާނެ އެވެ.

އެ ވިދާޅުވާ ފައިސާ ހޯއްދަވާފައި ނެތްތާނގައި އެއީ އެ ސަރުކާރުގެ ޚިޔާލުގައި ވެސް އޭރު އޮތް ކަމެއް ނޫނެވެ. ހަމައެކަނި ޤައުމުގެ ރިޒާވްގެ ހާލަތު ހުރި ގޮތް ބަލާލުމުން ވެސް އެކަން އިތުރަށް ޔަޤީން ކުރެވޭނެ އެވެ. އެއީ ފާޑުކިޔުންތަކާއި ވެވަޑައިގެންނެވި ބޮޑު ފެއިލާއިން ސަލާމަތްވާން ދެއްކެވި ދެކޮޅު ނުޖެހޭ ސިޔާސީ ވާހަކަ އެކެވެ. 

އެ ވާހަކައިގެ ދެކޮޅު ނުޖެހޭ ކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ އެ އަދަދަށް ފައިސާ ހޯއްދެވުމަށް ފަހު އެއިން މަޝްރޫޢުއެއްގެ އަމަލީ މަސައްކަތް ފެށިފައި ނެތުމެވެ. އަދި އެ ބުނާ ފަންޑެއްގެ ވާހަކައެއް ވެރިކަމުގައި ދައްކަވާފައި ނެތުމެވެ. އެ މިންވަރަށް ފައިސާ ހަމަޖެހިފައި ހުރިނަމަ ވަގުތުން މަޝްރޫޢުތައް ފަށާނެ އެވެ. މިއިން އެއްވެސް ކަމެއް ފެށިފައި ނެތުމަކީ ސޯލިހް ދެއްކެވީ ހުސް ވާހަކަތަކެއް ކަމުގެ ހެއްކެކެވެ.

ހަޤީޤަތަކީ ސޯލިހުގެ ވެރިކަން މަޝްހޫރުވެފައިވަނީ ބޮޑެތި އިޢުލާންތަކުންނެވެ. އެއަރޕޯޓްތައް އެޅުމާއި، ސަރަޙައްދީ ތަރައްޤީގެ މަޝްރޫޢުތަކާއި، ގެދޮރުވެރިކުރުމުގެ މަޝްރޫޢުތައް ހިންގާނެ ކަމަށް ވައުދުވަމުންނެވެ. އެކަމަކު މިއިން އެއްވެސް ކަމެއްގައި އަމަލީ ސިފައެއް ނެތެވެ.

ދިރާސާކުރާ މިނިވަން ފަރާތްތަކުން ވެސް ފާހަގަކުރާ ގޮތުގަައި ސޯލިހްގެ ވެރިކަން ނިމުމަކަށް އައިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތީ ވަރަށް ދަށްކޮށެވެ. ދަރަނި ދިޔައީ ބޮޑުވަމުންނެވެ. އެ ޙާލަތު ރަނގަޅު ކުރެވޭނެ މަސައްކަތްތަކެއް ކުރެވިފައެއް ނެތެވެ. މަޝްރޫޢުތަކެއް ހިންގިފައެއް ނެތެވެ. އަދި ބޭނުންކުރެވޭ ރިޒާވް ވަނީ މިއިން ދުވަހަކު ދަށްނުވާ މިންވަރަށް ދަށްވެފަ އެވެ. އެހެން ކަމުން މި ހާލަތުގައި، 86 މިލިއަން ޑޮލަރު އެއަރޕޯޓްތައް އެޅުމަށް ބަހައްޓާފައި ހުންނާނެ ކަމަށް ވިދާޅުވުމަކީ ކޮންގޮތަކުން ޤަބޫލުކުރެވޭނެ ކަމެއް ހެއްޔެވެ.

"ސޯލިހުގެ ވެރިކަމުގައި އަބަދުވެސް ބަޖެޓުގެ ދަތިކަމާ ކުރިމަތިލާންޖެހުނު. މިހާރު ބުނާ ގޮތަށް އެއަރޕޯޓްތަކަށް ޓަކައި މިލިއަން ޑޮލަރުތަކެއް މަޑުމަޑުން އެއްފަރާތްކުރެވި، ނަމަވެސް އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރެވި ހުރިކަމަށް ބުނުމަކީ ދިރާސާކުރުމުން ސާބިތުވާނެ ކަމެއް ނޫން. މިއީ ތާރީޚް އަލުން ލިޔުމަށް އަމާޒުކޮށްގެން ހަދާފައިވާ ވާހަކައެއް." މާލީ ހިސާބުތަކުން މިސާލު ދައްކަވަމުން ކުރީގެ އޮޑިޓަރަކު ވިދާޅުވި އެވެ.

އެއަރޕޯޓްތަކުގެ މި ވާހަކައަކީ ސޯލިހާއި އެމްޑީޕީން އާންމުންނަށް އޮޅުވާލުމަށް މި މޭރުމުން ދެއްކި ފުރަތަމަ ވާހަކައެއް ނޫނެވެ. އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި، ސަރުކާރުން ތަކުރާރުކޮށް ބޮޑެތި އިންވެސްޓްމަންޓްތަކުގެ ވަޢުދުވެފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް ކަމެއް ޙަޤީޤަތަކަށް ނުވެއެވެ.

އޭގެ އެއް މިސާލަކީ އަތޮޅުތަކުގައި އާ ހޮސްޕިޓަލްތައް އެޅުމުގެ މަޝްރޫޢު އެވެ. ތަކުރާރުކޮށް އިޢުލާންކުރުމާއި، ބިންގާ އެޅުމުގެ ރަސްމިއްޔާތުތަކާއި، ބަޖެޓުގައި ހިމެނުމާ އެކު ވެސް، މިއިން އެއްވެސް މަޝްރޫޢުއެއްގެ އަމަލީ މަސައްކަތެއް ނުފެށުނެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލެ އަދި އަތޮޅުތެރޭގައި ހިންގަން ވަޢުދުވީ ގެދޮރުވެރިކުރުމުގެ އެތައްމަޝްރޫޢުތައް ވެސް ހުރީ ލިޔެކިޔުމުގައި އެކަންޏެވެ.

މިއިން އެއްވެސް މަޝްރޫޢުއަކީ އެ މަޝްރޫޢުއެއް ހިންގުމުގެ ނިޔަތާއި ގަސްތު އަދި އެކަމުގެ ޕްލޭނެއް އޮވެގެން އިޢުލާނު ކުރި މަޝްރޫއުތަކެއް ނޫނެވެ. އެކަންކަން ކޮށްފައިވަނީ ރައްޔިތުންނަށް އޮޅުވާލުމާއި ތާޢީދު އިތުރުކުރުމުގެ ސިޔާސީ ސްޓްރެޓެޖީއެއްގެ ގޮތުގައެވެ.

ހަޤީޤަތަކީ ސޯލިހް އެ ވިދާޅުވީ 86 މިލިއަން ޑޮލަރުގެ ފަންޑެއް ވުޖޫދުގައި ނެތް ކަމެވެ. ވެރިކަން ނިމުނުއިރު ޤައުމުގެ ރިޒާވް އިންތިހާއަށް ދަށްވެފައި ވުމެވެ. ކިތަންމެ ގިނަ މަޝްރޫޢުތަކެއް އިޢުލާނު ކުރި ނަމަވެސް ގިނަ މަޝްރޫޢުތައް ފެށިފައި ނެތް ކަމެވެ. ގިނަ މަޝްރޫޢުތައް ފެށޭނެ އެއްވެސް މަގެއް ވެސް ފަހިކޮށް ދީފައެއް ނެތެވެ. އިންތިހާ ބޮޑު ދަރަންޏާއެކު އިޤްތިސާދީ ޙާލަތު ނާޒުކު ފައްތަރަކަށް ވައްޓާލަފައިވާ ކަމެވެ. އެތައް ކުންފުންޏަކާއި އަމިއްލަ ފަރާތްތަކަށް ދައުލަތުން ދޭން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ ހުރި ކަމެވެ. ހަމައެކަނި މަސްވެރީންނަށް ދޭން ޖެހޭ އެތައް މިލިއަން ރުފިޔާއެއްވެސް އޮތީ ނުދީ އެވެ.

އެހެން ކަމުން ހަތް އެއަރޕޯޓް އެޅުމަށް 86 މިލިއަން ޑޮލަރުގެ ފަންޑެއް ޤާއިމު ކޮށްފައި ހުންނާނެ ކަމަށް ވިދާޅުވެ ސޯލިހް މި ފަހަރު މި ދެއްކެވި ވާހަކައަކީ އެމްޑީޕީގެ ވެރިކަމުގެ ނާކާމިޔާބީތައް ފޮރުވައި، މި ސަރުކާރާއިމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސް ކަމާއި ރުޅިވެރިކަން އުފެއްދުމަށް ދެއްކި ވާހަކަތަކެއް ކަމަށް ބެލެވެ އެވެ. އެކަމަކު ހަޤީޤަތް ޤަބޫލުކުރާން ބޭނުންވާ އެއްވެސް ރައްޔިތަކަށް މިކަމެއް އޮޅުވައެއް ނުލެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު