ENGLISH
15 ސެޕްޓެމްބަރު 2025
ސިވިލް ސާވިސް ގަވާއިދަށް ބޮޑު ދެ ބަދަލު؛ ރައްޔިތުން އެދިއެދި ތިބި ދެ ކަމެއް ހަގީގަތަކަށް
15 ސެޕްޓެމްބަރު 2025
|
ސިވިލް ސާވިސްގެ ގަވާއިދަށް ބޮޑު ދެ ބަދަލެއް ގެނެސް، މޫނު ބުރުގާ އަޅައިގެން ސިވިލް ސާވިސް ވަޒީފާ އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ގަވާއިދުގައި އޮތް މާއްދާ އިސްލާހުކުރުމާއެކު، އާއިލީ މީހަކު ބޮޑު ބައްޔަކަށް ފަރުވާ ހޯދަންޖެހޭ ހާލަތުގައި ހާއްސަ ޗުއްޓީއެއްގެ ގޮތުން 30 ދުވަހުގެ ޗުއްޓީއެއް ލިބިދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
މި ފިޔަވަޅުތަކަކީ ގިނަ ރައްޔިތުންތަކެއްގެ އުންމީދާ ގުޅިފައިވާ ދުވަސްވީ ޝަކުވާތަކަކަަށް ހައްލު ލިބޭނެހެން ތައްޔާރުކުރެވިގެން އައި ފިޔަވަޅުތަކެކެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަަށްވުމާއެކު، ވަރަށް ގިނަ ތައުލީމީ ގާބިލު އަންހެނުން މޫނު ބުރުގާ އަޅައިގެން ދިރިއުޅެއެވެ. އެއީ އިސްލާމްދީނުގައި ވާޖިބެއް ނުވަތަ މަތިވެރި ސުންނަތެއް ކަމުގައި ދެކިގެންނެވެ.
މިހާތަނަށް ރާއްޖޭގައި އަމަލުކުރަމުން އައި އުސޫލަށް ބަލާއިރު، މިފަދަ އަންހެނުންނަށް ދައުލަތުގެ ވަޒީފާ އަދާކުރުމުގެ ފުރުސަތު އޮތީ ހަނިކޮށްފައެވެ. އެއީ ގާނޫނުއަސާސީން ދިވެހި ހުރިހާ ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހަމަހަމަަކަމުގެ ހައްގާ ހިލާފަށެވެ. މޫނު ބުރުގާ އެޅި ނަރުހުންނާއި ޑޮކްޓަރުންނާއި، ފަންނުވެރިންނާއި އިންޖިނިއަރުން އެމީހުން ހޯދި އިލްމާއި ތަރައްގީކުރި ހުނަރު ބޭނުންކުރުމުން މަހުރޫމުކޮށްފައި އޮންނަ އޮތުމާމެދު ކުރަމުން އައި ޝަކުވާތަކަށް ތަސައްލީއެއް ނުލިބި އެތައް ޒަމާނެއް ވެގެންދިޔައީއެވެ.
މިއަދު ސިވިލް ސާވިސް ކޮމިޝަނުން ގެޒެޓުގައި ޝާއިއުކުރި އިސްލާހު ގެނައުމުގެ ކުރިން ސިވިލް ސާވިސްގެ ގަވާއިދުގެ 145ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ސިވިލް ސާވިސް މުވައްޒަފުން ހެނދުން އަޅަންޖެހޭނީ ކާކުކަން އެނގޭ ގޮތަށް ކަމުގައެވެ. މިހާރު އެ މާއްދާގައި ބުނަނީ އެ މުވައްޒަފުގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑެއް ނުވަތަ ޓެގެއް ބޭނުންކުރަންވާނެ ކަމަށެވެ.
މިއާއެކު ސިވިލް ސާވިސް ވަޒީފާ އަދާކުރަން ބޭނުންވެމެ، މޫނު ބުރުގާ އަޅާތީ ވަޒީފާގެ ފުރުސަތު ނުލިބިތިބި އެތައް ގާބިލު އަންހެނުންނަށް އެ ހައްގު ކަށަވަރުވީއެވެ. މިއީ އެތައް ޒަމާންތަކެއް ވަންދެން ގިނަ ބަޔަކު އެދިއެދި ތިބި ބަދަލެކެވެ. ސަރުކާރުތައް ބަދަލުވަމުންއައިއިރު މިކަން އޮތީ ހައްލުނުކުރެވިއެވެ.
ސިވިލް ސާވިސްގެ ގަވާއިދު ކުރިން އޮތް ގޮތުން މުވައްޒަފަކަށް ބޮޑު ބައްޔެއް ކުރިމަތިވެއްޖެނަމަ ނުވަތަ ބޯންމެރޯ އަދި ގުނަވަނެއް ހަދިޔާކުރަން ބޭނުންވާ ހާލަތެއްގައި 60 ދުވަުގެ ޗުއްޓީއެއް ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީގެ ގޮތުގައި ހަމަޖައްސައިދެވެއެވެ.
ބޮޑު ބައްޔެއް ތަހައްމަލުކުރާ މުވައްޒަފުންނަށް އެ ގަވާއިދުގެ 188 ވަނަ މާއްދާގެ ދަށުން މިދެންނެވުނު ޗުއްޓީ ލިބުނަސް އާއިލާ މީހަކަށް އެފަދަ ބޮޑު ބައްޔެއް ކުރިމަތިވެގެން އެ ޗުއްޓީއެއް ނުލިބެއެވެ.
އާއިލީ ޒިންމާގެ ޗުއްޓީ ނުވަތަ އަހަރީ ޗުއްޓީ ނަގައިގެން ބަލި މައިންބަފައިންނާއި، އަނބިދަރިންނަށް އެހީތެރިވުން ނޫން ގޮތެއް ނޯވެއެވެ.
މިހާރު ގަވާއިދަށް ގެނައި އިސްލާހާއެކު، މުވައްޒަފުގެ މަންމައަށް ނުވަތަ ބައްޕައަށް ނުވަތަ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް، ނުވަތަ ދަރިއަކަށް ނުވަތައް އެއްބަނޑުއެއްބަފާ މީހަކަށް ނުވަތަ އެއްބަފާ މީހަކަށް ނުތަވަ އެއްބަނޑު މީހަކަށް ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހޭ މީހަކަށް ބޮޑު ބައްޔެއް ކުރިމަތިވާ ހާލަތުގައާއި ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރަން ބޭނުންވާ ހާލަތުގައި އަސާސީ މުސާރަ ލިބޭ ގޮތަށް އަހަރަކު 30 ދުވަހުގެ ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ ލިބޭނެއެވެ.
ރާއްޖޭގައި އެންމެ ގިނަ ބަޔަކު މަސައްކަތްކުރަނީ ސިވިލް ސާވިސްގައި ކަމަށްވާއިރު، އުމުރުން ދުވަސްވީ މައިންބަފައިންނާއި ބަލި ދަރިންނާއި، ބޮޑެތި ބަލިތައް ތަހައްމަލުކުރާ ދިރިއުޅުމުގެ ބައިވެރިންގެ ކަންކަން ބަލަހައްޓައި އެމީހުންގެ ފަރުވާގެ ކަންކަމުގައި ދަތުރުކޮށް ހަދަންޖެހޭ މީހުންނަށް މި ސިޔާސަތުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބޭނެއެެވެ.
ސިވިލް ސާވިސްގެ އޮނިގަނޑަށާއި ގަވާއިދަށް ގެނެވުނު މި އިސްލާހުތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، ހަމަހަމަކަން ކަށަވަރުކޮށްދީ، ދައުލަތަށް ނުހަަނު ގިނަ ހިދުމަތްކުރާ މުވައްޒަފުން އުފުލަމުންދާ ތަކުލީފުތަކާއި ތަހައްމަލުކުރަންޖެހިފައިވާ ވޭންތަކަށް ތަސައްލީ ހޯދައިދީ ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން އެޅުނު ހަރުދަނާ ފިޔަވަޅެކެވެ.