ENGLISH
15 ސެޕްޓެމްބަރު 2025
ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ރައީސް ދެއްވާ މެޑެއްޔާއި އިނާމު، ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވާ ގޮތަށް ހަމަޖައްސަވައިފި
15 ސެޕްޓެމްބަރު 2025
|
ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު، ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
މިގޮތަށް މި ހަމަޖެއްސެވީ، ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ރަސްމީކޮށް ސަނަދު ހަވާލުކުރައްވަމުން ގެންދަވަނީ، ރަމަޝާން މަހުގެ 27 ވިލޭރޭ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބާއްވަވާ ޖަލްސާގައި ކަމަށްވާތީއާއި، ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން އެންމެ އެކަށީގެންވަނީ، އެ ޖަލްސާގައި ކަމަށްވާތީއެވެ.
ޙާފިޡުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު މިދިޔަ އަހަރު ދެއްވައިފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
ޙާފިޒުން އުފެއްދުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިހާރުވެސް 1،400 އަށް ވުރެ ގިނަ ދަރިވަރުން ޤުރުއާން ހިތުން ދަސްކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން މައުލޫމާތު ދެ އެވެ.
ޙާފިޒުން ދަސްވެނިވުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ. އެ ގޮތުން އެ ރަސްމިއްޔާތު މި އަހަރު ބޭއްވީ ރަމަޟާން މަހުގެ 27 ވިލޭރެ އެވެ. މި އަހަރު 24 ފަރާތަކުން ވަނީ ކީރިތި ޤުރުއާން ހިތުންދަސްކޮށް ޙާފިޒު ކަމުގެ ސަނަދު ހާސިލު ކޮށްފަ އެވެ. މިއީ އަހަރެއް ތެރޭ އެންމެ ގިނަ ބަޔަކު ޙާފިޒު ކަމުގެ ސަނަދު ހާސިލުކުރި އަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ޙާފިޒުންގެ އެލަވަންސް މިހާރު ވަނީ ދެ ގުނަ ބޮޑުކޮށްފަ އެވެ.
ސަރުކާރުގެ އަމާޒަކީ އަހަރަކު 100 ޙާފިޒުން އުފެއްދޭ މިންވަރަށް އެ މަސައްކަތް ފުޅާ ކުރެއްވުމެވެ. އަދި ފަސް އަހަރު ތެރޭ ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކުދީންގެ އަދަދު 1000 އަށް އެރުވުމަކީ ވެސް އިސްލާމިކް މިނިސްޓްރީގެ އަމާޒެކެވެ. އެ އަމާޒު ހާސިލުކުރުމަށް މިސްކިތްތަކުގައި ހިންގާ ގުރުއާން ކިލާސްތައް ފުޅާކުރުމާއި، ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް އިތުުރުކުރުމާއި، ހިފްޒު ކުލާސްތައް ހިންގާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ގިނަ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ.