ENGLISH
15 ސެޕްޓެމްބަރު 2025
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބިލު؛ ބާރު ސީދާ ރައްޔިތުންގެ އަތް މައްޗަށް ގެނެސްދޭ
15 ސެޕްޓެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ރަށްްރަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ޑިމޮކްރަސީއަކީ ރައްޔިތުންގެ ބައިވެރިވުން އޮވެގެން ކަންކަން ނިންމާ ވެރިކަމުގެ ނިޒާމެވެ. ޑިމޮކްރެޓިކް އުސޫލަށް ވެރިކަން ކުރުމުގައި ދެ މަގެއް އިހުތިޔާރުކުރެވެއެވެ. އެއީ ސީދާ މުހިއްމު ހުރިހާ ކަމެއް ސީދާ ރައްޔިތުން ބޭނުންވާ ގޮތަށް ނިންމައި، އެނިންމުން ތަންފީޒުކުރަން ރައްޔިތުން އިހުތިޔާރުކުރާ ބަޔަކާ ހަވާލުކުރުމެވެ. އިނގިރޭސިން މި ނިޒާމަށް ކިޔަނީ ޑައިރެކްޓް ޑިމޮކްރަސީއެވެ. ނުވަތަ ސީދާ ޑިމޮކްރަސީއެވެ. ދެވަނަ ނިޒާމަކީ ރާއްޖެ ހިމެނޭހެން ގިނަ ޑިމޮކްރެޓިކް ގައުމުތަކުގައި ތަންފީޒުކުރެވޭ ސިޔާސަތެވެ. އެއީ ރައްޔިތުންގެ ފަރާތުން ކަންކަން ނިންމައި، ތަންފީޒުކުރާނެ މަންދޫބުން އިހުތިޔާރުކޮށް، ކަނޑައެޅިފައިވާ ދައުރަކަށް އެ ޒިންމާތައް އެ މަންދޫބުންނާ ހަވާލުކުރާ ނިޒާމެވެ. އިނގިރޭސިން ދަންނަވަނީނަމަ ރިޕްރެޒެންޓޭޓިވް ޑިމޮކްރަސީ ނުވަތަަ ނިޔާބީ ޑިމޮކްރަސީއެވެ.
މި ދެ ނިޒާމުގެ ތެރެއިން ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމަކީ ނިޔާބީ ޑިމޮކްރަސީއެވެ. ހާރިޖީ ސިޔާސަތު އެކަށައަޅައި ތަންފީޒުކޮށް، ދާހިލީ ސަލާމަތް ކަށަވަރުކުރުމާއެކު، އިގުތިސާދު ހިންގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންގޮސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރުމަށް ކޮންމެ ފަސް އަހަރަކުން ރައްޔިތުން އިންތިހާބުކުރަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާނެ ބޭފުޅެކެވެ. އެކި ކަންކަމުގައި ރައްޔިތުން ތަބާވާންޖެހޭ ގާނޫނުތަކާއި، ދައުލަތުގެ ކަންކަން އިންތިޒާމުކޮށް ތަރުތީބުކުރާ އުސޫލުތައް ބަޔާންކުރާ ގާނޫނުތައް އެކަށައަޅައި ދައުލަތުގެ ބަޖެޓު އެކުލަވާލައި، ދައުލަތުގެ ބާރުތަކުން ތަބާވާޏްޖެހޭ އިންތިޒާމުތައް ކަނޑައަޅައި ގާނޫނުތައް އެކުލަވައިލުމަށް ރައްޔިތުން އިންތިހާބުކުރަނީ ގާނޫނުހަދާ މަޖިލިސް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. މިއީ ރައްޔިތުންގެ މަންދޫބުންނެވެ.
މިދެންނެވި ނިޒާމުގައިވެސް ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި ނުކުރުމުގެ އިހުތިޔާރު ރައްޔިތުންެގެ މަންދޫބުންގެ ގޮތުގައި އިންތިހާބުކުރާ ބޭފުޅުންނަށް އޮންނާނެއެވެ. 2008 ވަނަ އަހަރު އަމަލުކުރަން ފެށި އައު ގާނޫނުއަސާސީއަށް 17 އަހަރުވީއިރު ދިވެހިން ތަޖުރިބާކުރި ހަގީގަތަކީ ފާއިތުވި އެއްވެސް ވެރިކަމެއްގަައި، ކަންކަން ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނެތްކަމެވެ. މަގާމުތަކަށް ރައްޔިތުން އިންތިހާބުކުރުމުން، ވެރިން ވެރިކަންކުރެއްވީ އެ ބޭފުޅުންނަށް ފެނިވަޑައިގަތް ގޮތަކަށެވެ. ސިޔާސަތުތައް ހިންގެވީ އެ ބޭފުޅެއްގެ އަމިއްލަ ވިސްނުންފުޅަށެވެ. ރައްޔިތުން ކުރެން ހޭ ހެއްޔޭވެސް އައްސަވައެއް ނުލައްވައެވެ.
ނަމަވެސް މިއަދު ހާލަތު މިއޮތީ ބަދަލުވެފައެވެ. ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ނިޒާމު ރާއްޖެއަށް ތައާރަފުވިތާ 17 އަހަރުވީ ފަހުން، ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމުގައި، ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ރައްޔިތުންގެ ހިޔާލާއި ފިކުރު ހޯދުމަށް މަގުފަހިވާނެ ގޮތަށް ގާނޫނެއް މިވަނީ ބައްޓަންކުރެވި މަޖިލީހުން ފާސްކުރެވިފައެވެ.
ގާނޫނުއަސާސީ ވުޖޫދުވިއިރު އެ ގާނޫނުއަސާސީގައި ބަޔާންކުރާ ބައެއް ކަންކަން އިސްލާހުކޮށް ބަދަލުކުރުމުގައި ރައްޔިތުންގެ ބަހެއް އޮންނަންޖެހޭ ގޮތަށް އިންތިޒާމުކޮށްފައި އޮތް ނަމަވެސް، މިހާތަނަށް އެފަދަ ބަދަލެއް ގެނައުމަށް ރައްޔިތުންގެ ވޯޓު ނެގުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގާނޫނެއް ނެތެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރެވި ގާނޫނަކަށްވުމާއެކު، ގާނޫނުއަސަސީގެ ދެވަނަ ބާބުގައިވާ އަސާސީ ހައްގުތަކާައި މިނިވަންކަމުގެ ތެރެއިން ކަމަކަށް ބަދަލު ގެންނަނަމަ، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އުމުރާއި، ރިޔާސީ ދައުރާއި، ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތާއި، މަޖިލީހުން ފާސްކުރާ ބިލުތައް ރައީސް ތަސްދީގުކުރެއްވުމާއި، ދިވެހިރާއްޖޭގެ ސަރަހައްދުކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ސަރަހައްދާ ގުޅޭ ހުރިހާ ކަމެއްގައި ރައްޔިތުންގެ ވޯޓު ނެގުމުގައި އަމަލުކުރަންޖެހޭނީ އެ ގާނޫނުގައި ބުނެފައިވާ އުސޫލުތަކަށެވެ.
މިކަންކަމުގެ ތެރެއިން ދިވެހިރާއްޖޭގެ ސަރަހައްދާ ގުޅޭ މާއްދާކަމަށްވާ ގާނޫނުއަސާސީގެ ތިންވަނަ މާއްދާ ބަދަލުކުރުމަށް ރައްޔިތުންގެ ވޯޓު ނަގަންޖެހޭ ގޮތަށް ގާނޫނުއަސާސީގައި ބަޔާންކޮށްފަައި ކުރިން ނޯވެއެވެ. އެގޮތަށް އެ މާއްދާއަށް ބަދަލުގެނައުމަށް ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ ސަރުކާރުން ހުށަހަޅައިގެން 20 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ.
މި ގާނޫނުގެ ދަށުން ރައްޔިތުންގެ ކަންކަން ހިންގުމަށް އިންތިހާބުކުރާ ދެ ބާރުކަމަށްވާ ވެރިކަން ހިންގުމުގެ ބާރުކަމަށްވާ ސަރުކާރާއި ގާނޫނު ހަދާ ބާރުކަމަށްވާ ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ކަންކަން ނިންމުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދޭނެއެވެ. އެގޮތުން ސަރުކާރުން ގައމީ މުހިއްމު މައްސަލައެއް ނިންމުމުގައި އެކަމަކީ ރައްޔިތުންގެ ހިޔާލު ހޯދުން މުހިއްމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާނަމަ އެކަމުގައި ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް އާންމު ހިޔާލު ހޯދުމުގެ ވޯޓެއް ނެގިދާނެއެވެ.
ގާނޫނުއަސާސީއަށް އިސްލާހުތައް ގެނައުމަށް ނަގާ އާއްމު ހިޔާލުގެ ވޯޓުގެ އިތުރަށް މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާއްމު ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި ރައްޔިތުންގެ ހިޔާލު ހޯދުން މުހިއްމުކަމަށް އެ މަޖިލީހަށް ފެންނަ ކަންތައްތަކުގައި، ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް އާއްމު ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މަޖިލީހަށް ނިންމިދާނެއެވެ.
ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއަށް މިހާރު ބިލަށް ގެނެވުނު އިސްލާހާއެކު ވަކި ސަރަހައްދަކާ ގުޅުންހުރި ކަންކަމުގައި ނުވަތަ އެ ސަރަަހައްދެއްގެ ރައްޔިތުންނާ ގުޅުންހުރި މުހިއްމު ކަންކަން ނިންމުމުގައި އެ ސަރަހައްދެއްގެ ރައްޔިތުހްގެ ހިޔާލު ހޯދުން މުހިއްމުވެއްޖެނަމަ އެ ސަރަހައްދެއްގެ ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް އާއްމު ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ރައީސަށް ނިންމެވޭނެއެވެ.
މިހާރު ފާސްކުރެވުނު ބިލުގައި މިދެންނެވުނު ހާލަތްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގާނަމަ އަމަލުކުރާނެ ގޮތްތައް ބަޔާންކުރެއެވެ. މަޖިލީހުން ނިންމައިގެން ވޯޓެއް ނަގާނަމަ މަޖިލީހުން ތައްޔާރުކޮށް މަޖިލީހުން ފާސްކުރާ ކަރުދާހެއް ރައްޔިތުންނަށް ހުށަހަޅަންޖެހެއެވެ. ރައީސް ނިންމަވައިގެން ވޯޓެއް ނަގާނަމަ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ކަރުދާހެއް ތައްޔާރުކޮށް، އެ ކަރުދާސް ރައްޔިތުންނަށް ހުށަހަޅަންޖެހެއެވެ.
އަދި ވޯޓުނެގުމުގެ 21 ދުވަހުގެ ކުރިން އެ ކަރުދާސް އާއްމުކޮށް، ކައުންސިލުތައް މެދުވެރިކޮށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ފަސޭހައިން އެ ކަރުދާހެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުން އިލެކްޝަންސް ކޮމިޝަނަށް މި ބިލުން ލާޒިމުކުރެއެވެ.
އަދި އެފަދަ ވޯޓެއް ނެގުމަށް ހުށަހަޅާ ދުވަހާ ވޯޓު ނަގާ ދުވަހާ ދެމެދުގައި މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތެއް އޮންނަންވާނެ ކަމުގައި ބިލުގައި ބުނެއެވެ. އެއީ ރައްޔިތުންގެ ހިޔާލަށްް ހުށަހަޅާ މައްސަލައަކާމެދު ބަހުސްކޮށް، ފުޅާ ދާއިރާއެއްގައި ހަޔާލު ބަދަލުކޮށް، އެކި ވިސްނުމުގައި ކެމްޕެއިން ކުރުމަށް ފުރުސަތެއް ދިނުމަށެވެ.
އެ ބިލުން ފުޅާ ދާއިރާއެއްގައި ކެމްޕެއިންކޮށް ހޭލުންތެރިކަން އިތުރުކޮށް ރައްޔިތުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތަކާއި އާއްމު ފަރުދުންނަށްވެސް ލިބޭނެއެވެ.
ދިރުންހުރި ޑިމޮކްރަސީއެއްގެ އެއް ސިފައަކީ ބޮޑެތި މުހިއްމު ކަންކަން ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތުމެވެ. ރައްޔިތުންގެ މުސްތަގުބަލާ ގުޅުންހުރި ކަންކަން ނިންމުމުގެ ބާރު ސީދާ ރައްޔިތުންގެ އަތަށް ލިބުމެވެ. ރާއްޖޭގައި މިއޮތް ފަދަ ރިޔާސީ ނިޒާމެއް އެމެރިކާގައިވެސް ސްޓޭޓުތަކުގައި އެކި ކަންކަން ނިންމަން ވޯޓު ނަގައެވެ. ރައްޔިތުންގެ ހިޔާލު ހޯދައެވެ.
އެއިން ކޮންމެ މައްސަލައެއްގައި ރައްޔިތުން ގޮތެއް ނިންމަނީ ފުޅާ ދާއިރާއެއްގައި އެހެނެވި (ޑެލިބެރޭޓިވް) މަރުހަލާއެއް ހިންގުމަށްފަހުއެވެ. އެ މަރުހަލާގައި ހިޔާލު ހޯދާ ކޮންމެ ކަމެއްގެ ދެ ފަޅިއަށް ތާއީދުކުރާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތަކާއި މީޑިޔާގެ މެދުގައި ހޫނު ބަހުސްތައް ކުރެވި، ފިކުރުގެ ބާޒާރުގައި އެކަންކަމާ ގުޅޭ ތަފާތު ވިސްނުންތައް ހުށަހެޅެއެވެ. އާހިރުގައި ނިހާއީ ނިންމުން ރައްޔިތުން ނިންމަނީ ފިކުރުގެ ބާޒާރުގައި ދައުރުކުރެވޭ ހެއްކާއި ގަރީނާއާއި ކުރެވޭ ބަހުސުގެ މައްޗަށް ބިނާކޮށެވެ.
އެހެންކަމުން މިހާރު މަޖިލީހުން ފާސްކޮށްފައިވާ ބިލަށް އަމަލުކުރަން ފެށުމުން ބޮޑެތި ސިޔާސީ ނިންމުންތައް ނިންމުމުގައި ދިރުން ހުރި ޑިމޮކްރަސީތަކެކޭ އެއްގޮތަށް ފުޅާ ދާއިރާއެއްގައި ކުރެވޭ ބަހުސްތަކުން އުފަންކުރެވޭ މުއްސަނދި ހިޔާލުތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެގެން ގޮތްތަކެއް ނިމިގެންދާނެއެވެ. އެއީ މިއަދު މިއޮތް ވެރިކަމުގެ ނިޒާމަށް ގެނެވޭ ހެޔޮ ބޮޑު ބަދަލަކަށްވާނެއެވެ.