ENGLISH
15 ސެޕްޓެމްބަރު 2025
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސަކަށް މުޖުތާޒު އަދި ނައިބަކަށް ނާސިހުގެ ނަން ރައީސް ހުށަހަޅުއްވައިފި
15 ސެޕްޓެމްބަރު 2025
|
ސީއެސްސީގެ ރައީސްކަމަށް އައްޔަންކުރުމަށް ފޮނުއްވި މުޖުތާޒު، ފޮޓޯ: ރައީސް އޮފީސް
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްގެ މަގާމަށް އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި މުޙައްމަދު މުޖުތާޒު އަދި ނައިބުރައީސްކަމަށް ކޮމިޝަަނުގެ މެންބަރު މުހައްމަދު ނާސިހުގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.
ސީއެސްސީގެ ރައީސާއި ނައިބުރައީސްގެ ނަންފުޅު މަޖިލީހަށް ރައީސް ފޮނުއްވިއިރު، އެ ކޮމިޝަނުގެ އިތުރަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބުރައީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށާއި، މަޖިލީހުގައި މިހާރު އޮތް ރައްޔިތުންގެ އާއްމު ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބިލުގެ މަސައްކަތް ކުރުމަށް ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މެންބަރުންވަނީ ހުށަހަޅުއްވާފައެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަކީ މި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ދައުރުން ބޭއްވި ޖަލްސާއެއްކަން މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރެއްވިއެވެ.
ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރި މުޖުތާޒު ކުރިން ހުންނެވި ކޮމިޝަނުގެ ނައިބުރައީސްގެ މަގާމުގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މި އަހަރުގެ އޭޕްރީލު މަހުގައެވެ. ކޮމިޝަނުގެ ރައީސްގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް އޭނާ އައްޔަންކުރުމަށް މަޖިލީހަށް ރައީސް ފޮނުއްވީއެވެ.
ކޮމިޝަނުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ނާސިހުގެ ދައުރު ހަމަވެފައިވަނިކޮށް އަލުން ކޮމިޝަނުގެ މެންބަރުކަމަށް އޭނާ އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އޭނާގެ ނަންފުޅު މަޖިލީހަށް ފޮނުއްވުމުން، އެ މަގާމަށް އޭނާ އައްޔަންކުރަން މަޖިލީހުން ފާސްކުރީ އޯގަސްޓު 7، 2025 ވަނަ ދުވަހުއެވެ.
މިއަދު ކޮމިޝަނުގެ ރައީސްކަމަށް އަދި ނައިބުރައީސްކަމަށް އައްޔަންކުރަން ރައީސް ފޮނުއްވި ދެ ނަންފުޅު ދިރާސާކުރުމަށް ކަމާ ގުޅުންހުރި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވުމަށް މަޖިލީހުގެ ރިޔާސަތުން ނިންމެވިއެވެ. އެ ނަންފުޅުތައް ދިރާސާކުރާނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ.