ENGLISH

14 ސެޕްޓެމްބަރު 2025

Advertisement

ދައުލަތުގެ މާލީ ހިސާބުތަކުން؛ އާމްދަނީ %7.8 މައްޗަށް، ހަރަދުތައް %15.5 ދަށަށް

14 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ފިނޭންސް މިނިސްޓަރ މޫސާ ޒަަމީރު

މި އަހަރުގެ ސެޕްޓެންބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އަށް އިންސައްތައާ ގާތްކުރާ މިންވަރަކަށް އިތުރުވިއިރު ދައުލަތުގެ ހަރަދުތައް 15.5 އިންސައްތައިން ދަށްވެފައިވާކަން މާލީ ވުޒާރާގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. 

އާމްދަނީއަށް ބޮޑު ކުރިއެރުން 

މާލީ ވުޒާރާއިން ކޮންމެ ހަފުތާއަކު އެއް ފަހަރަކު އާއްމުކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދުތަކުގެ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި މުޅި ޖުމްލަ 26.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ފާއިތުވި އަހަރު ލިބުނީ 24.3 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރު ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ 7.8 އިންސައްތަ އިތުރުވެފައިވެއެވެ. 

ނިމުނު އަހަރު ޓެކުސް އާމްދަނީގެ ގޮތުގައި ލިބުނީ 19.2 ބިލިއަން ރުފިޔާއެވެ. މި އަހަރު އެ އަދަދުވަނީ 20.5 ބިލިއަނަށް އިތުރުވެފައެވެ. އެއީ ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީގެ 78 އިންސައްތައެވެ. 

ވަކިވަކި ޓެކުސްތަކަށް ބަލާއިރު ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުުރުވިއެވެ. ކުރީ އަހަރު 720.7 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ލިބުނުއިރު މި އަހަރު 1.4 ބިލިއަން ރުފިޔާ ގްރީން ޓެކުސްގެ ގޮތުގައި ލިބިފައިވެއެވެ. 

އެއާޕޯޓު ސާވިސް ޗާޖާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ނިމުނު އަހަރު 766.7 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 1.2 ބިލއިަން ރުފިޔާއަށް އިތުރުވެފައެވެ. 

މި ދެ ޓެކުހުން ލިބުު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ މި އަހަރު އެ ޓެކުސްތަކުގެ ރޭޓަށް ގެނައި ބަދަލަށް އަމަލުކުރަން ފެށުމެވެ. 

ޓެކުސް ނޫން ގޮތްގޮތުން ނިމުނު އަހަރު ލިބުނީ 4.8 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މި އަހަރު އެ އަދަދުވަނީ 5.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. 

ފަތުރުވެރިން އައި ނިސްބަތް އިތުރުވެ، އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި ލިބުނު އާމްދަނީ 56.8 އިންސައްތަ އިތުރުވިއިރު، ފަތުރުވެރިކަމުގެ ލޭންޑް އިކުއިޒިޝަން ކޯސްޓާއި، ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީފަދަ ގޮތްގޮތުން ލިބުނު އާމްދަނީ ނިމުނު އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވިއެވެ. 

ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވިއްޖެ

 ނިމުނު އަހަަރުގެ ޖަނަަވަރީ އެކަކުން ފެށިގެން ސެޕްޓެންބަރު ހަތަރެއްގެ ނިޔަލަށް 30.1 ބިލިއަން ރުފިޔާ ހަރަދުވި ނަމަވެސް، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްެގެ ގޮތުން، މި އަހަރުގެ އެ މުއްދަތުގައި ހަރަދުވީ 25.4 ބިލިއަން ރުފިޔާއެވެ. އެއީ 15.5 އިންސައްތައިގެ ދަށްވުމެކެވެ. 

ދައުލަަތުގެ ހަރަދުތަކަށް ބަލާއިރު ރިކަރަންޓު ހަރަދުތައް 4.5 އިންސައްތައިން ދަށްކުރެވިފައިވެއެވެ. އަދި ކެޕިޓަލް ހަރަދުތައް 57.7 އިންސައްތައިން ދަށްކުރެވިފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ޖުމްލަ ހަރަދުތައް 15.5 އިންސައްތައިން ދަށްވިއެވެ. 

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާއެކު ދައުލަތުގެ އެކި ދަތުރުތަކަށް ކުރީ އަހަރު ހަރަދުވި މިންވަރަށްވުރެ މި އަހަރު ހަރަދުވި މިންވަރު 5.8 އިންސައްތަ ދަށެވެ. ސަބްސިޑީއާއި އެހީތަކަށް ކުރި ހަރަދު ނިމުނު އަހަރަށްވުރެ 7.0 އިންސައްތަ މި އަހަރު ދަށްވިއެވެ. 

ދަތުރުތަކަށް ނިމުނު އަހަރު 184 މިލިއަން ރުފިޔާ ހަރަދުވިއިރު މި އަހަރު ހަރަދުވީ 174 މިލިއަން ރުފިޔާއެވެ. ސަބްސިޑީތަކަށް ނިމުނު އަހަރު 2.8 ބިލިއަން ހަރަދުވިއިރު މި އަހަރު ހަރަދުވީ 2.1 ބިލިއަން ރުފިޔާއެވެ. 

ނަމަވެސް ލޯނު އަދާކުރުމަށް ކުރި ހަރަދު މި އަހަރު އިތުރުވިއެވެ. ނިމުނު އަހަރު ލޯނު އަދާކުރުމަށް 1.6 ބިލިއަން ހަރަދުކުރަންޖެހުނުއިރު މި އަހަރު އެ އަދަދުވަނީ 3.9 ބިލިއަނަށް އަރާފައެވެ. އެއީ 143 އިންސައްތައިގެ އިތުރުވުމެކެވެ. 

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ނަތީޖާއެއްގެ ގޮތުން ޕްރައިމަރީ ސަރޕްލަސް ނުވަތަ ދަރަނި އަދާކުރުމުގެ ހަރަދުތައް ނުހިމަނައި ހަރަދުތައް އާމްދަނީން އުނިކުރުމުން ބާކީވާ މިންވަރު 3.7 ބިލިއަނަަށް އަރައެވެ. ދަރަނި އަދާކުރުމުގެ ހަރަދުތައް ހިމަނައިގެން ހަރަދުތައް ހިސާބުކޮށް، އާމްދަނީން ހަރަދުތައް އުނިކުރުމުން 868.7 މިލިއަން ރުފިޔާ ބާކީވެއެވެ. އެއީ އޯވަރއޯލް ސާޕްލަސް ނުވަތަ ޖުމްލަ އަރަންޏެވެ. 

އެހެންކަމުން މި އަަހަރުގެ މިހާތަނަަށް ބަޖެޓު ތަންފީޒުކޮށްފައިވަނީ ލިބުނު އާމްދަނީގެ އިމުގެ ތެރެއިންނެވެ. ޑެފިސިޓެއް ނެތިއެވެ. ރާއްޖޭގެ ކްރެޑިޓް ރޭޓިން ހާލަތު ރަނގަޅުކުރުމަށް ރޭޓިން ހަދާ އެޖެންސީތަކުން ބަލާ ކަންކަމުގެ ތެރޭގައި ބަޖެޓުގެ ޑެފިސިޓު ބޮޑުނުވެ ހިފަހެއްޓުން ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު