ENGLISH

14 ސެޕްޓެމްބަރު 2025

Advertisement

މަތީ ތައުލީމަށް ސަރުކާރުން ބޮޑު ހޭދައެއް؛ މި އަހަރުގެ މިހާތަނަށް 600 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

14 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ދަސްވެނިވުމުގެ ހަފުލާއެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއަށް ބޭނުންވާ ފަންނުވެރި ހުނަރުވެރި އިލްމީ ޒުވާނުންގެ ޖީލެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއްދެއްވާ އެއްކަމަކީ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކުރުމެވެ. އެކަމަށްޓަކައި ސަރުކާރުން އަންނަނީ ދައުލަތުގެ ބަޖެޓުން ބޮޑެތި ހޭދަތަކެއް ކުރަމުންނެވެ. ހިލޭ ޑިގުރީ ޕްރޮގުރާމާއި، ސްކޮލާޝިޕުތަކާއި ސްޓޫޑެންޓު ލޯނުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން އަންނަނީ ދޫކުރަމުންނެވެ. 

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން އާއްމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް މި ތިން ޕްރޮގުރާމުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ގިނަ އަދަދެއްގެ ދަރިވަރުންނަށް އެތައް ސަތޭކަ މިލިއަން ރުފިޔާ ސަރުކާރުންވަނީ ދޫކޮށްފައެވެ. 

ސްކޮލާޝިޕް 

މިނިސްޓްރީގެ ހިސާބުތަކުން ފެންނަ ގޮތުގައި ސްކޮލާޝިޕް ސްކީމުތަކުގެ ދަށުން ރާއްޖެ ހިމެނޭހެން 20 ގައުމެއްގައި 570 ދަރިވަރަކު ކިޔަވަމުން އެބަދެއެވެ. އެއީ 203 ފިރިހެން ދަރިވަރުންނާއި، 355 އަންހެން ދަރިވަރުންނެވެ. މި އަހަރުގެ މިހާތަނަަށް ސްކޮލާޝިޕްތަކުގައި ކިޔެވި 50 އަންހެން ދަރިވަރަކާއި 34 ފިރިހެން ދަރިވަރަކު ކިޔެވުން ފުރިހަމަކޮށް ދަސްވެނިވެފައިވެއެވެ. 

މި އަހަރުގެ މިހާތަނަށް 119 މިލިއަން ރުފިޔާ ދަރިވަރުންނަށް ދޫކޮށްފައިވެއެވެ. ނިމުނު އަހަަރު ދޫކުރި ފައިސާއާއެކު ސްކޮލާޝިޕްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް މި ދެ އަހަރު ތެރޭ ޖުމްލަ 368 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. 

މި އަހަރު އަލަށް 52 ދަރިވަރަކު ސްކޮލާޝިޕުތަކުގައި ކިޔަވަން ފަށާފައިވެއެވެ. އޭގެ ތެރޭގައި 11 ފިރިހެނުންނާއި 35 އަންހެން ދަރިވަރުން ހިމެނެއެވެ. 

ހިލޭ ޑިގުރީ ޕްރޮގުރާމު 

ހިލޭ ޑިގުރީ ޕްރޮގުރާމަކީ ހުރިހާ ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގޭ މުހިއްމު އެއް ޕްރޮގުރާމެވެ. މި ޕްރޮގުރާމުގެ ދަށުން ރާއްޖޭގެ އެކި ޔުނިވަސިޓީތަކާއި ކޮލެޖުތަކުގައި މިހާރުވެސް 8،330 ދަރިވަރުން ފުރަތަމަ ޑިގުރީއަށް ކިޔަވަމުން އަންނަކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. 

އެ ދަރިވަރުންނަށް މި އަހަރުގެ މިހާތަނަށް 116.7 މިލިއަން ރުފިޔާ ދައުލަތުން ދޫކޮށްފައިވެއެވެ. އަދި ނިމުނު އަހަަރު ހިލޭ ޑިގުރީ ޕްރޮގުރާމުގެ ދަށުން ކިޔެވި ދަރިވަރުންނށް ދޫކުރި ފައިސާއާއެކު ޖުމްލަ  267.1 މިލިއަން ރުފިޔާ ދަރިވަރުންނަށް މި ދެ އަހަރު ތެރޭ ދޫކޮށްފައިވެއެވެ. 

މި އަހަރުގެ މިހާތަަނަށް މި ޕްރޮގުރާމުގެ ދަށުން ފުރަތަމަ ޑިގުރީއަށް ކިޔަވައި ނިންމައި ދަސްވެނިވި ދަރިވަރުންގެ އަދަދަކީ 2،237 ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ. ނިމުނު އަހަރު ދަސްވެނިވި ދަރިވަރުންނާއެކު މި ދެ އަހަރު ތެރޭ ފުރަތަމަ ޑިގުރީ ޕްރޮގުރާމު ފުރިހަމަކޮށް 5،579 ދަރިވަރަކު ދަސްވެނިވެފައިވެއެވެ. 

މި އަހަރު ހިލޭ ޑިގުރީ ޕްރޮގުރާމުގައި އަލަށް 1،687 ދަރިވަރުން ރަޖިސްޓްރީވިއިރު ނިމުނު އަހަަރު ރަޖިސްޓްރީވި ދަރިވަރުންނާއެކު މި ދެ އަހަރު ތެރޭ މި ޕްރޮގުރާމުގައި އަލަށް 4،469 ދަރިވަރަކު ރަޖިސްޓްރީވެފައިވެއެވެ. 

ސްޓޫޑެންޓް ލޯނު

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ލުއި ގޮތެއްގައި ލޯނު ދޫކުރުމުގެ ޕްރޮގުރާމެއް ސަރުކާރުން ހިންގަމުންދެއެވެ. މި ޕްރޮގުރާމުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. 

މި އަހަރުގެ މިހާތަނަށް ރާައްޖެ ހިމެނޭ ގޮތަށް 40 ގައުމެއްގައި 1،733 ދަރިވަރަކު ސްޓޫޑެންޓު ލޯނު ނަގައިގެން މަތީ ތައުލީމުގެ އެކި މަރުހަލާތައް ފުރިހަމަކުރަމުންދެއެވެ. މި އަހަރު 805 ދަރިވަރަކަށް އަލަށް ސްޓޫޑެންޓު ލޯނުވަނީ ހަމަޖައްސައިދީފައެވެ. 

މި އަހަރުގެ މިހާތަނަށް 396 ދަރިވަރަކު ސްޓޫޑެންޓު ލޯނުގައި ކިޔަވަން ފަށާފައިވެއެވެ. ނިމުނު އަހަރު ސްޓޫޑެންޓު ލޯނުގައި ކިޔަވަން ފެށި ދަރިވަރުންނާއެކު ޖުމްލަ 1،226 ދަރިވަރުން މި ދެ އަހަރު ތެރޭ ސްޓޫޑެންޓު ލޯނުގައި ކިޔަވަން ފަށާފައިވެއެވެ. 

މި އަހަރުގެ މިހާތަނަށް ސްޓޫޑެންޓު ލޯނު ނަގައިގެން ކިޔަވަމުންދާ ދަރިވަރުންނަށް ލޯނު ފައިސާގެ ގޮތުގައި 365.2 މިލިއަން ރުފިޔާ ސަރުކާރުން ދޫކޮށްފައިވެއެވެ. ނިމުނު އަހަރު ދޫކުރި ފައިސާއާއެކު މި ދެ އަހަރު ޖުމްލަ 1.06 ބިލިއަން ރުފިޔާ ސްޓޫޑެންޓު ލޯނުގެ ގޮތުގައި ދަރިވަރުންނަށް ދޫކޮށްފައިވެއެވެ. 

ސްޓޫޑެންޓު ލޯނު ނަގައިގެން ކިޔެވި 382 ދަރިވަރަކު މި އަހަރު ދަސްވެނިވެފައިވެއެވެ. އަދި ނިމުނު އަހަރާއި މި އަހަރުގެ މިހާތަނަށް ދަސްވެނިވި ދަރިވަރުންނާއެކު ޖުމްލަ 964 ދަރިވަރަކު ސްޓޫޑެންޓު ލޯނު ނަގައިގެން ކިޔަވައި މަތީ ތައުލީމުގެ އެކި މަރުހަލާތައް ފުރިހަމަކޮށް ދަސްވެނިވެފައިވެއެވެ. 

މި ހިސާބުތަކަށް ބަލާއިރު ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ހިންގަމުންދާ އެކި ޕްރޮގުރާމުތަކުގެ ތެރެއިން 10،632 ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ. އެ ކުދިންނަށް މި އަހަރުގެ މިހާތަނަށް 600.9 މިލިއަން ރުފިޔާ ދައުލަތުން ދޫކޮށްފިއެވެ. 

ސަރުކާރުން އަންނަނީ ސްކޮލާޝިޕުތަކާއި ސްޓޫޑެންޓު ލޯނުތަކުގައި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ގިނަ ކަންކަން ފަހިކޮށްދެމުންނެވެ. އެކަންކަމުގެ ތެރޭގައި އެކުދިންނަށް ބޭންކު އޮފް މޯލްޑިވްސް މެދުވެރިކޮށް ލިބޭ ބޭރު ފައިސާގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ގިނަކޮށްދިނުން ހިމެނެއެވެ. އެގޮތުން ޔުނިވަސިޓީ ފީތަކުގެ އިތުުރަށް ކުލިވެސް ބޭންކު މެދުވެރިކޮށް ޓީޓީކުރެވޭ ގޮތަށް މިހާރު ހަމަޖައްސައިދީފައިވެއެވެ. އަދި ދަރިވަރުންގެ ޑެބިޓު ކާޑުތަކުގެ ލިމިޓު 1،200 ޑޮލަރާ ހަމައަށް ބޮޑުކުރުމަށްވެސް ސަރުކާރުގެ އިސްނެގުމަށް ބީއެމްއެލްއިން ނިންމާފައިވެއެވެ. 

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ސަރުކާރުން މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާއި، މަސައްކަތްތެރި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތްތައް އިތުރުކޮށްފައިވާއިރު، އެ މަސައްކަތްތަކުގެ ނަތީޖާވެސް އަންނަނީ ފެންނަމުންނެވެ. މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނާއި ދަސްވެނިވާ ދަރިވަރުންވެސްދަނީ އިތުރުވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު