ENGLISH
14 ސެޕްޓެމްބަރު 2025
އަރަބި- އިސްލާމީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ ގަތަރަށް
14 ސެޕްޓެމްބަރު 2025
|
އަރަބި- އިސްލާމީ ގައުމުތަައް ބައިވެރިވާ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ގަތަރަށް ވަޑައިގެންފި އެވެ.
ގަތަރު ސަރުކާރުން އިންތިޒާމްކުރާ މި ބައްދަލުވުމަކީ އިޒްރޭލުން ގަތަރަށް ދާދި ފަހުން ދިން ނުރައްކާތެރި ހަމަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބާއްވާ ބައްދަލުވުމެކެވެ. އަދި މި ބައްދަލުވުމުގައި ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާ އުދުވާންތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ އެވެ.
ސޯޝަލް މީޑިއާގައި މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް ޔަހޫދީ ދައުލަތް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރާ މަސައްކަތުގައި ރާއްޖެ އިން އަބަދުވެސް ތާއީދު ކުރާނެ ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ގަތަރާއި ފަަލަސްތީނުގެ ރައްޔިތުންނާ އެކު ކަމަށް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އިން އަބަދުވެސް ދަނީ ފަލަސްތީނާ އެއްކޮޅަށް ވަކާލާތު ކުރަމުންނެވެ. ފަލަސްތީނުގެ މައްސަލައާ ގުޅިގެން ނިއު ޔޯކުގައި ފަލަސްޠީނުގެ މައްސަލައަށް ސުލްހަވެރި ޙައްލެއް ހޯދުމަށް އދ.ގެ ޖެނެރަލް އެސެމްބްލީ އިން އެކުލަވާލާފައިވާ ނިއުޔޯކް ޑެކްލެރޭޝަން ބަލައިގަތުމާއި، މިނިވަން ދެ ދަޢުލަތެއް ޤާއިމުކުރުމަށް ނިންމި ގަރާރަށް ރާއްޖެ އިން ވަނީ ތާއީދުކޮށްފަ އެވެ.
ފަލަސްޠީނުގެ މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށާއި، ފަލަސްޠީނުގައި މިނިވަން، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށް މި ގަރާރުގައި ގޮވާލާފައިވެއެވެ. މިކަމަކީ، އޭގެ ސަބަބުން ބައިނަލްއަޤުވާމީ އުސޫލުތަކާއި، ސަރައްހައްދީ ސަލާމަތާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމާއި، އަމިއްލައަށް ކަންކަން ނިންމުމަށް ޤައުމުތަކަށް ލިބޭ ޙައްޤު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމެކެވެ.
ފަލަސްތީނު މައްސަލައަށް، ޞުލްޙަވެރި ޙައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އ.ދ. ގެ ޗާޓަރާއި އެއްގޮތް ވާގޮތުގެ މަތިން ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރެވުމުން ކަމުގައި ދިވެހި ރާއްޖެއިން ތާއިދުކުރާ ކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެ އެވެ.