ENGLISH
14 ސެޕްޓެމްބަރު 2025
ފަތުރުވެރިކަން ރަނގަޅުވެ، ބޭރު ފައިސާއިން ދައުލަތަށް ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެެއް
14 ސެޕްޓެމްބަރު 2025
|
ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ތެރެއިން، ފޮޓޯ: ފަރުދުން
ދިވެހިރާއްޖޭގެ އިގުތިސާދަށް ބޭރު ފައިސާ ވަންނަ މައިގަނޑު ދޮރާއްޓަކީ ފަތުރުވެރިކަމެވެ. ފަތުރުވެރިކަން ރަނގަޅުވެ، ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރާއި، ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ މުއްދަތު އިތުރުވުމަކީ ރާއްޖޭގެ އިގުތިސާދަށް އެކަމުގެ ހެޔޮ އަސަރު ކުރާ ކަމެކެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ އާމްދަނީ އިތުރުވުމަކީ، ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުވާ ކަމެކެވެ.
އެހެންކަމުން މި އަހަރުގެ މިހާތަނަށް ލިބެންހުރި ތަފާސްހިސާބުތަކާއި މާލީ ހިސާބުތަކަށް ބަލާއިރު ފަތުރުވެރިކަމަށް ލިބުނު ކުރިއެރުމާއި، އެ ކުރިއެރުމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީވެސް އިތުރުވެފައިވާކަން ސާފުވެއެވެ.
އަހަރުން އަހަރަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަކީ ސަރުކާރުން ކުރަމުންދާ މުހިއްމު މަސައްކަތެކެވެ. ފަތުރުވެރިން އިތުރުކުރުމަށްޓަކައި މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ގިނަ މަސައްކަތްތަކެއް ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި ވިޒިޓް މޯލްޑިވްސް ގުޅިގެން ކުރަމުންދެއެވެ. އެ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ތަފާސްހިސާބުތަކުން ފެނެއެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރާ އަޅާބަލާއިރު 9.7 އިންސައްތަ އިތުރުވެފައިވެއެވެ. އެގޮތުން މި އަހަރުގެ ސެޕްޓެންބަރު 13 ވަނަ ދުވަހުގެ ނިޔަލަށް 1،548،953 (އެއް މިލިއަން ފަސްލައްކަ ސާޅީސް އަށްހާސް ނުވަސަތޭކަ ފަންސާސް ތިން) ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު އިތުރުވުމުގެ އިތުރަށް، ފަތުރުވެރިކަން ދަށްވާ މޫސުން ނުވަތަ އޮފް ސީޒަަނުގެ މަސްތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް މި އަހަރު އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން އޮފްސީޒަނުގެ މަސްތައް ކަމުގައި ބަލަނީ އޭޕްރީލު މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.
މިހާތަނަށް އޮފް ސީޒަނުގެ މަސްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމުނު އަހަރަށްވުރެ އޮފް ސީޒަނުގެ މަސްތަކުގައި އައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. އެގޮތުން؛
ނިމުނު އަހަރުގެ އޭޕްރީލު މަހުގައި ރާއްޖެއަށް އައީ 168،366 ފަތުރުވެރިންނެވެ. މި އަހަރުގެ އޭޕްރީލުގައި ފަތުރުވެރިން އައި މިންވަރު އެއަށްވުރެ 17.8 އިންސައްތަ އިތުރުވެ، 203،468 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މޭ މަހުގައި ނިމުނު އަހަރު އައީ 119،875 ފަތުރުވެރިންްނެވެ. މި އަހަރުގެ މޭ މަހު 135،614 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އެއީ ނިމުނު އަހަރަށްވުރެ 13.1 އިންސައްތަ އިތުރު އަދަދެކެވެ.
މި އަހަރުގެ ޖޫން މަހު 141،772 ފަތުުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު އެއީ ކުރީ އަހަރުގެ ޖޫނާ އަޅާބަލާއިރު 15.0 އިންސައްތަ އިތުރު އަދަދެކެވެ. އަދި ޖުލައި މަހު 186،738 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އެއީ ކުރީ އަހަރުގެ ޖުލައި މަހު އައި ފަތުރުވެރިންނަށްވުރެ 11.5 އިންސައްތަ އިތުރު އަދަދެކެވެ. އޯގަސްޓު މަހު 192،058 ފަތުރުވެރިން އައިސްފައިވާއިރު އެއީ ނިމުނު އަހަރަަށްވުރެ 9.0 އިންސައްތަ އިތުރު އަދަދެކެވެ.
އާއްމު ގޮތެއްގައި އޮފް ސީޒަަނުގައި އަންނަ ފަތުރުވެރިން މަދުވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ އާމްދަނީ ދަށްވެއެވެ. އަދި އެކަމުގެ ސަބަބުން ދައުލަތަށް ފަތުރުވެރިކަމާ ގުޅޭ ޓެކުސްތަކާއި، ފީތަކާއި ކުލިން ލިބޭ އާމްދަނީވެސް މަދުވެއެވެ. ނަމަވެސް މި އަހަރު ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ފަތުރުވެރިން އަންނަ މިންވަރު އިތުރުވެފައިވާތީ، ސުވާލަކީ އެކަމުގެ ހެޔޮ އަސަރު ދައުލަތުގެ އާމްދަނީއަށް ކުރި ހެެއްޔެވެ؟
ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ، ތަރައްގީގެ އެކި މަސައްކަތްތައް ހިންގުމަށް ބޭރުން ދަރަންޏަށް ފައިސާ ނަގައިގެން މަސައްކަތްކުރަންޖެހިފައިވާ ގައުމަކަށްވާއިރު، ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަކީ އަބަދުވެސް ކުރަންޖެހިފައި އޮންނަ ކަމެކެވެ. ފަތުރުވެރިކަން ރަނގަޅުވުމުގެ ނަތީޖާއަކަށްވާންޖެހެނީވެސް ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުވުމެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު، އެ ދާއިރާއިން ދިވެހި ދައުލަތަށް ލިބުނު ބޭރު ފައިސާގެ އާމްދަނީވެސް އިތުރުވެފައިވެއެވެ. އެގޮތުން ފަތުރުވެރިކަމާ ގުޅުންހުރި ޓެކުސްތަކާއި، ކުއްޔާއި ފީތަކުން ލިބުނު އާމްދަނީވެސް އިތުރުވިކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ މާލީ ހިސާބުތަކުން ދައްކައެވެ.
އެގޮތުން ޑިޕާޗާ ޓެކުހުގެ ގޮތުގައި ނިމުނު އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ލިބުނީ 49.4 މިލިއަން ޑޮލަރެވެ. މި އަހަރުގެ މިހާތަނަށް ޑިޕާޗާ ޓެކުހުން 77.9 މިލިއަން ޑޮލަރު ލިބުނެވެ. އެއީ 57.6 އިންސައްތައިގެ އިތުރުވުމެކެވެ. އޭގެ އިތުރަށް ފަތުރުވެރިކަމާ ގުޅުންހުރި އަނެއް މުހިއްމު ޓެކުސްކަމަށްވާ ގްރީން ޓެކުހުގެ ގޮތުގައި ނިމުނު އަހަރު 46.9 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު އެ އަދަދު 95.9 މިލިއަން ޑޮލަރަށް އިތުރުވިއެވެ. އެއީ 103 އިންސައްތައިގެ އިތުރުވުމެކެވެ.
އޭގެ އިތުރަށް ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ނަގާ ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީވެސް މި އަހަރު އިތުރުވެފައިވެއެވެ. އެގޮތުން ނިމުނު އަހަރު 430 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު އެ އަދަދވަނީ 484.7 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެއީ 13 އިންސައްތައިގެ އިތުރުވުމެކެވެ.
ޓެކުސް ނޫން ގޮތްގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ބޭރު ފައިސާގެ އާމްދަނީއަށް ބަލާއިރު އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި ދަތުރުވެރިންގެ އަތުން ލިބުނު ބޭރު ފައިސާގެ އަދަދު 50.2 މިލިއަން ޑޮލަރުން 78.8 މިލިއަން ޑޮލަރަށް އިތުރުވެފައިވެއެވެ. ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރި ފަޅުތަކާއި ފަޅު ރަށްތަކުގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި މި އަހަރު 8.3 މިލިއަން ޑޮލަރު ލިބުނުއިރު ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި އިތުރުކުރުމުގެ ފީގެ ގޮތުގައި 30.5 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ނިމުނު އަހަރު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި އެންމެ ޑޮލަރެއްވެސް ނުލިބެއެވެ.
އޭގެ އިތުރަށް ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންބިމުގެ ކުލީގެ ގޮތުގައި މި އަހަރު 69.4 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
މި ތަފާސްހިސާބުތަކަށް ބަލައިލުމުން ފެންނަނީ ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ލިބުނު އާމްދަނީ އެތައް ގުނައެއް އިތުރުވި ތަނެވެ. ނަތީޖާއަކަށްވީ ނިމުނު އަހަރަށްވުރެ މި އަހަރު ދައުލަތަށް ޑޮލަރުން ލިބުނު ޖުމްލަ އާމްދަނީވެސް ފާއިތުވި އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. އެގޮތުން ނިމުނު އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ލިބުނީ 700 މިލިއަން ޑޮލަރެވެ. މި އަހަރު އެ އަދަދުވަނީ 969.5 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެއީ ގާތްގަނޑަކަށް 40 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަދަދުތަކުން ފެންނަ ހަގީގަތަކީ ފަތުރުވެރިކަން ކުރިއަރުވައި، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ރާއްޖޭގެ ޝަރަފުވެރި މަގާމު ދަމަހައްޓައި، އައު ބާޒާރުތަކުން ރާއްޖެއަށް ފަތުރުވެރިން ގެނެސް، ފަތުރުވެރިން އެންމެ މަދުން އަންނަ ދުވަސްވަރުވެސް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރާއި ސިނާއަތުގެ ހިއްސާވެރިންނާއެކު ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމެވެ.