ENGLISH
14 ސެޕްޓެމްބަރު 2025
އެމްޑީޕީން ހުއްޓައިލާފައި އޮއްވައި ހއ.އަތޮޅު މަދުރަސާގައި އޭލެވެލްއަށް ކިޔަވައިދޭން ފަށައިފި
14 ސެޕްޓެމްބަރު 2025
|
ހއ.އަތޮޅު މަދުރަސާގައި އަލުން އޭލެވެލްއަށް ކިޔަވައިދޭން ފެށުން
ފާއިތުވި އެމްޑީޕީ ސަރުކާރުގައި ހއ.އަތޮޅު މަދުރަސާގައި މަތީ ސާނަވީއަށް ކިޔަވައިދިނުން ހުއްޓާލާފައި އޮތުމަށްފަހު މަތީ ސާނަވީ ތައުލީމު މުޅި ރާއްޖެއަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފައިވާ ސިޔާސަތުގެ ދަށުން އެ މަދުރަސާގައި އަލުން އޭލެވެލްއަށް ކިޔަވައިދޭން ފަށައިފިއެވެ.
ހޯރަފުށީގައި ހުންނަ އެ އަތޮޅު މަދުރަސާއަކީ ހއ.އަތޮޅުގައި ދެވަނައަށް އެންމެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާ މަދުރަސާއެވެ. އެ މަދުރަސާގައި ކުރިން އޭ ލެވެލްއަށް ކިޔަވައިދެމުން އައި ނަމަވެސް ފާއިތުވި އެމްޑީޕީގެ ވެރިކަމުގައި އެ މަސައްކަތް ހުއްޓައިލިއެވެ.
އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ މޫސާ "އެމްއެމްޓީވީ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މަދުރަސާގައި އޭ ލެވެލްއަށް ކިޔަވައިދިނުމަކީ ހޯރަފުށީ ރައްޔިތުން އަދި ހާއްސަކޮށް އެ މަދުރަސާގައި ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިން އެދިއެދި ތިބި ކަމެއް ކަމަށެވެ. ނަމަވެސް ދަރިވަރުންގެ އަދަދު މަދުކަމަށް ބުނެ، ކުރީ ސަރުކާރުގައި އެ މަދުރަަސާގައި އޭ ލެވެލްއަށް ކިޔަވައިދިނުން ހުއްޓައިލީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އޭ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު ގިނަ ދަރިވަރުންނަށް ހޯދައިދިނުމަކީ ރައީސްގެ ނިންމެވުމެއް. އެއީ ވަރަށް މުހިއްމު ނިންމެވުމެއް. އެ ނިންމެވުމުގެ ދަށުން މިހާރު ހއ.އަތޮޅު މަދުރަސާގައި މި އަހަަރު އޭލެވެލްއަށް ކިޔަވައިދޭން މި ފަށަނީ. މި ބެޗުގައި އަށް ދަރިވަރުން ކިޔަވާނެ. މިއީ އެ ކުދިންނަށް ރަށުގައި މައިންބަފައިން ގާތުގައި ތިބެގެން ކިޔަވަން ލިބުނު ރަނުގެ ފުރުސަތެއް،" މެންބަރު ވިދާޅުވިއެވެ.
އަލީ މޫސާ އިތުރަށް ވިދާޅުވީ އެ މަދުރަސާގައި އޭލެވެލްއަށް ކިޔަވައިދޭން ނުފެށުނު ނަމަ، މި ބެޗުގައި ކިޔަވަން ފެށި ދަރިވަރުންނަށް ރަށުގައި ތިބެގެން ތައުލީމީ ހަޔާތް ކުރިއަށްގެންދިއުމުގެ ފުރުސަތު ނުލިބުނީސް ކަމަށެވެ. ނަމަވެސް މިހާރު އެ ކުދިންނަށް އެ މަގު ސަރުކާރުން ތަނަވަސްކޮށްދީފައި އޮތުމަކީ އެކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި މެންބަރު ފާހަގަކުރެއްވިއެވެ.
މެންބަރުވަނީ އަތޮޅު މަދުރަސާގައި އޭ ލެވެލްއަށް ކިޔަވައިދޭން އަލުން ފެށުމަށް މަގުފަހިކޮށްދިނުމުގެ މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން އެ މަދުރަސާގެ ވެރިންނާއި އެޑިއުކޭޝަން މިނިސްޓްރީއަށް އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަަށް މެންބަރު ޝުކުރު އަދާކުރެއްވިއެވެ.
އޭ ލެވެލްއަށް ކިޔަވައިދޭ ސްކޫލުތައް އިތުރުކޮށް، އޭ ލެވެލް ފުރިހަމަކުރާ ދަރިވަރުންގެ އަދަދު އިތުރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދީގެން މަސައްކަތްކުރާ ކަމެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭ ލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުކުރެވިފައިވެއެވެ.
އެގޮތުން މާލޭ ސަރަހައްދުގައި 76 އިންސައްތަ ދަރިވަރުންނަށް މިހާރު އޭ ލެވެލް ފުރުސަތު ލިބޭ މިންވަރަށް އެ ފުރުސަަތު ފުޅާކުރެވިފައވެއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި ސަރުކާރު ސުކޫލުތަކާއި އަމިއްލަ ސުކޫލުތައް ހިމެނޭ ގޮތަށް ފާއިތުވި މުއްދަތުގައި އޭ ލެވެލްއަށް ކިޔަވާ ދަރިވަރުންގެ ނިސްބަތް 35 އިންސައްތައިން އިތުރުކުރެވިފައިވެއެވެ.