ENGLISH
13 ސެޕްޓެމްބަރު 2025
ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރަން ތާޢީދު: ނަޝީދު
13 ސެޕްޓެމްބަރު 2025
|
ކުރީގެ ރައީސް ނަޝީދު
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަން ހާމަކުރައްވާފަ އެވެ. ވިދާޅުވީ ކުރީގެ ރައީސުންނަށް ދެމުންދާ ޕެންޝަންގެ މިންވަރު ކުޑަކުރަން ފެންނަ ކަމަށެވެ.
އޭގެ ފަހުން ދެން ހިއްސާކުރެއްވީ ލިބޭ މިންވަރުން ދެކޮޅު ޖެއްސުމާއި ގުޅޭގޮތުން މަރުޙޫމް ހުސައިން ޞަލާޙުއްދީން ހައްދަވާފައިވާ ޅެމެއްގެ ބައެކެވެ.
އެއީ “ލިބޭ މިންވަރު ނިކަން ދެނެގެން، ވިބޭނުންތައް ބަހާލައިގެން، ތިބޭ ނަމައީ ފިކުރުކޮށްގެން، މި ބޭޒާރެއް ނުވެސް ވާނޭ،” މި ބައިތެވެ.
މި މަހުގެ 10 ވަނަ ދުވަހު ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރެވެމުން ކަމުގައި ވިދާޅުވި އެވެ.
އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހު ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއީ ވަރަށް ގިނަ ރައްޔިތުން އެދެމުން އައި ބަދަލެކެވެ. ނަމަވެސް ސިޔާސީ ގޮތުން ކުރިމަތިވެދާނެ ކަންކަމަށް ބަލާ ކުރީން ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް މިފަދަ ނިންމެވުމެއް ނިންމަަވަން ކެރިވަޑައިނުގެންނެވި އެވެ.