ENGLISH

13 ސެޕްޓެމްބަރު 2025

Advertisement

ޝިއާރުތައް ހިމެނޭ ބެނާތައް ދެމުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ ހަރުގެ ކުރިމަތީގަ: ޝުޖާޢު

13 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

މަޖިލީހުގެ ޖަލްސާއެއްގައި ޝުޖާ ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލިސް

"ލޫޓުވައިފި" އަދި "ދަވާލައިފި" ހިމެނޭ ޝިއާރުފަދަ ތަކެތި ދެމުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާޢު (ޝުޖާ) ވިދާޅުވެއްޖެއެވެ. 

އެމްޑީޕީއަށް ރައްދުދެއްވީ ޝުޖާ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. "އެމްޑީޕީ ސަރުކާރުން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ހުސްކުރި ގޮތް!" ނަމުގައި ރާއްޖޭގެ މީޑިއާއެއްގައި ތަފްސީލުކޮށް ގެނެސްދީފައިވާ މައުލޫމާތާ ޙަވާލާދެއްވައި ޝުޖާ ވިދާޅުވީ "މިއޮތީ ލޫޓުވާލިގޮތް ފެންނަން" ކަމަށެވެ. ޝުޖާ ވިދާޅުވީ ބެނާތައް ދެމިޔަސް މި ސަރުކާރުން ބެނާތައް ނުނަގާނެ ކަމަށެވެ. 

"ލޫޓުވައިފި، ދަވާލައިފި މިފަދަ ޝިޔާރުތައް ހިމެނޭ ބެނާފަދަ ތަކެތި ދެމުން އެންމެ އައުލާކަން ބޮޑީ MDP ހަރުގެ ކުރިމަތީގަ ކަމުގައި ދެކެން. ބެނާ ކިތައްމެ ވަރަކަށް މަގުތަކުގައި ދެމިޔަސް މިސަރުކާރުން ތިޔަ ބެނާތަކެއް ނުނަގާނެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ވާދަވެރި ސިޔާސީ ހަރަކާތައް ޖާގަދެއްވަން ކެރިވަޑައިގަންނަވާ ވެރިއެއް" - ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު

ޝުޖާ މިފަދައިން ވިދާޅުވިއިރު އެމްޑީޕީން އަންނަނީ މާލޭގެ މަގުތަކުގައި ސަރުކާރާ ދެކޮޅު ބެނާތައް ހަރުކުރަމުންނެވެ. އެ ބެނާތަކުގައި ސަރުކާރަށް ނިސްބަތްކޮށް އެކި ޝިޔާރުތައް ބޭނުންކޮށްފައިހުރެއެވެ. ޝުޖާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އިދިކޮޅަށް އެފަދަ ކަމެއް ކުރާނެ ހުއްދަ ވެސް ނުލިބުނު ކަމަށެވެ. 

"އަޅުގަނޑުމެން އިދިކޮޅުގައި ތިބި ދުވަސްވަރު ތިބޭފުޅުން (MDP) އިން ކަނޑުވިއްކާލައިގެންނާއި ދިވެހި ރައްޔިތުން ބިކަކޮށްގެނާއި ފުލެޓްތައް ފޭރިގެން ބާއްވަން އުޅުނުހާ އެއްވުން ތަކަށް އެއްވެސް ބެނާއެއް ދެމުމުގެ ހުއްދައެއް ނުދެއްވި" - ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު

ޝުޖާ ޙަވާލާދެއްވި ރިޕޯޓުގައި ބުނެފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރައީސްކަން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނިމުނުއިރު، ކުރިން 500 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުރި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި ހުރީ އެންމެ 2.5 މިލިއަން ޑޮލަރު ކަމަށެވެ. އެއީ އެމްޑީޕީގެ ވެރިކަމުގައި އެންމެ ގެއްލުންބޮޑު އެއް މާލީ ތަރިކައިގެ ގޮތުގައި އެ ލިޔުމުގައި ސިފަކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު