ENGLISH
13 ސެޕްޓެމްބަރު 2025
ބީއެމްއެލްގެ "ވާއު ކިޑްސް ރަން" އަށް މިއަހަރުވެސް ބޮޑު ތަރުހީބެއް
13 ސެޕްޓެމްބަރު 2025
|
ބީއެމްއެލްއިން އިއްޔެ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ވާއު ކިޑްސް ރަން. ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވާއު ކިޑްސް ރަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ބީއެމްއެލްއިން މިއަހަރުގެ ދުވުން ވެސް ކުރިއަށްގެންދިޔައީ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އާ ގުޅިގެންނެވެ.
ބީއެމްއެލްގެ ކިޑްސް ރަން އިއްޔެ ކުރިއަށްގެންދިޔައީ ހުޅުމާލޭގައެވެ.
ބީއެމްއެލްއިން ކިޑްސް ރަން ކުރިއަށްގެންދިޔައީ ހަތަރު އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެންމެ ހަގު އުމުރުފުރައަކީ ދެ އަހަރާއި ތިން އަހަރާއި ދެމެދެވެ. އެންމެ ދޮށީ އުމުރުފުރައަކީ 10 އަހަރާއި 16 އަހަރާ ދެމެދެވެ. ބީއެމްއެލްއިން ބުނީ ވާއު ކިޑްސް ރަންގައި ހާހަކަށް ވުރެ ގިނަ ކުދިން ބައިވެރިވި ކަމަށެވެ.
ބީއެމްއެލްގެ ކިޑްސް ރަންގައި ކުދިން ދުވަނީ. ހާހަކަށް ވުރެ ގިނަ ކުދިން ބައިވެރިވި. ފޮޓޯ: ބީއެމްއެލް
ދުވުމުގައި ބައިވެރިވި ކޮންމެ ކުއްޖަކަށް، ދުވުން ނިމުމުން މެޑަލް ހަވާލުކޮށްފައިވެއެވެ. ކުދިންނަށް މެޑަލް ޙަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ބީއެމްއެލްގެ ޗެއަރޕަސަން ޢަޙްމަދު ޢަލީ ހަބީބްގެ އިތުރުން ބީއެމްއެލްގެ އޮފިޝަލުންނެވެ.
ބީއެމްއެލްއިން މި ދުވުން ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ޖިސްމާނީ ދުޅަހެޔޮކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ މުހިއްމުކަން ފާހަގަކޮށް، އާއިލާތަކަށް މިފަދަ އާދަތައް އަށަގެއްނެވުމަށް ހިތްވަރު ދިނުން ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. ވާއު ކިޑްސް ރަން އަށް މިއަހަރުވެސް ބޮޑު ތަރީހުބެއް ލިބުނުކަމަށް ބީއެމްއެލްއިން ފާހަގަކޮށްފައިވެއެވެ.