ENGLISH

13 ސެޕްޓެމްބަރު 2025

Advertisement

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3119 އެއްބަސްވުމުގައި ސޮއިކޮށްފި

13 ސެޕްޓެމްބަރު 2025

|

ޝާމަ ޝުޢައިބު

އެފްޑީސީ އިން އަޅާފައިވާ ފްލެޓުތަކެއް - ފޮޓޯ: އެޑިޝަން އެމްވީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިހާތަނަށް ޖުމްލަ 3119 އެއްބަސްވުމެއްގައި ސޮއިކޮށް ނިމިފައިވާ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ބުނެފިއެވެ.

އެފްޑީސީން ބުނި ގޮތުގައި، މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު ފެށި އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް، ސަރުކާރު ބަންދު ނޫން ހުރިހާ ދުވަހެއްގައި ކުރިއަށްދެއެވެ.

އެފްޑީސީ އިން ބުނީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ޖުމްލަ 3119 އެއްބަސްވުމެއްގައި ސޮއިކޮށް ނިމިފައިވާ ކަމަށެވެ. މީގެއިތުރުން، މިހާތަނަށް ޖުމްލަ 3131 އެއްބަސްވުމެއް ތާވަލުކުރެވިފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ. 

މި މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ޤާއިމުކޮށްފައިވާ 10 ވަރަކަށް ކައުންޓަރުގައެވެ.

މީގެއިތުރުން އެފްޑީސީއިން ވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ބޭނުންވާ މުހިއްމު ލިޔެކިޔުންތައް ހަމަކުރުމަށް ފްލެޓް ލިބޭ ފަރާތްތަކުކަށް އިލްތިމާސްކޮށްފައެވެ.

އިމާރާތްކުރުމާބެހޭ ވުޒާރާއިން ނިންމާފައިވާ ގޮތުގައި، 3 ކޮޓަރީގެ ފްލެޓު ދޫކުރުމުގައި 76 މާކްސްއަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކަށް އިސްކަންދީ، ބާކީވާ ފްލެޓުތައް 75 އަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޫކުރެވޭނެއެވެ. އަދި 2 ކޮޓަރީގެ ފްލެޓުތައް ދޫކުރެވޭނީ 73 މާކްސްއިން މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ. 

އެފްޑީސީން ބުނީ އަމާޒަކީ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް ޔުނިޓުތައް ޙަވާލުކުރުން ކަމަށެވެ. ފްލެޓްތަކަށް މީހުން ބަދަލުވުމުގެ އެ ސަރަޙައްދުގައި ކުރަންޖެހޭ އަސާސީ މުހިއްމު ކަންކަން ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު