ENGLISH
13 ސެޕްޓެމްބަރު 2025
ރައީސްގެ ޒައާމަތުގައި ޑރ. ޝަހީމްގެ މޭސްތިރިކަމުގައި ހާފިޒުންނާ ޚަތީބުން އަދި އިމާމުންގެ މަސައްކަތްތައް ތާރީޚުގެ ތެރެއަށް!
13 ސެޕްޓެމްބަރު 2025
|
މުޖުތަމައު ތަރައްގީކޮށް، މުޅި މުޖުތަމައު ބިނާކުރުމުގައި، ޚާއްސަ ގޮތެއްގައި، ދީނީ ރޫހު އާލާކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ހަގީގީ މާނާގައި ތަރައްގީއަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމަންޓެކެވެ. އަދުގެ ސަރުކާރުގެ ސިޔާސަތަކީ ހުރިހާ އެންމެންގެ ބައިވެރިވުމާއެކު ކީރިތި ގުރުއާން ހިތުދަސްކުރާ ފަރާތްތައް އިތުރުކުރުމެވެ.
މި ސަރުކާރުގެ އެންމެ ފަޚުރުވެރި، މަތިވެރި ޒިންމާއެއް ގޮތުގައި ދެކެނީ އަދި އަމަލީގޮތުން ވެސް ކަންކަން ބައްޓަންވެފައި އޮންނާނީ އިސްލާމްދީނަށް ނަސްރު ދިނުމުގައި ކަމަށް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ކީރިތި ގުރުއާން އުނގެނި، ދީނީ ކަންކަމަށް ލޯބި ކުރާ މުޖުތަމައެއް ބިނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ތައުރީފު ހައްގު ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރައީސް ޑރ. މުއިއްޒުގެ މި ޒައާމަތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މޭސްތިރިކަމުގައި މި ސަރުކާރުން އަންނަނީ ދީނީ ރޮނގުން ފާހަގަކޮށްލެވޭ، ރަންއަކުރުން ފަވާލެވޭފަދަ މުހިއްމު، ތާރީޚީ އަދި މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިސްލާމީ ނޫރާއި ދީނީ އަގީދާގެ ދާއިރާއިން، އެތައް ކަމެއް ހާސިލުކޮށް ކާމިޔާބީތަކެއް ހޯދައި ކުރިއެރުންތަކެއް ހޯދަމުންދާ މި މުޖުތަމައުގެ އެންމެ މުހިއްމު އަދި އެންމެ އަގުހުރި އެއް ތަރިކައަކީ ކީރިތި ގުރުއާން ހިތުދަސް ހާފިޒުންނެވެ.
ހާފިޒުންނަކީ ދީނީ އިލްމުވެރިކަމުގެ ބިންގަލާއި، އަޚުލާގީ ރީތި ނަމޫނާ ދައްކަމުންދާ އަދި އަންނަން އޮތް ޖީލުތަކަށް އެކަންކަން ފޯރުކޮށްދޭނެ އެންމެ މުހިއްމު މީހުންނެވެ. އެފަދަ މުހިއްމު މަސައްކަތެއްކޮށް، ކީރިތި ގުރުއާނަށް މުޖުތަމައުގައި އޮތް ލޯބި ދިރުވައި އާލާކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ހާފިޒުންނަށް ދިގު މުއްދަތަކަށް ދެމުން އައި އެލަވަންސް ބޮޑުކުރުމަކީ، މި ސަރުކާރުން ދީނީ ދާއިރާއަށް ދޭ އަހަންމިއްޔަތު ދަލީލުކޮށްދޭ ކަމެކެވެ.
މީގެކުރިން ސަރުކާރުތަކުން ހާފިޒުންނަށް ދެމުން އައީ މަހަކު 2,000 ރުފިޔާއެވެ. ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، މިހާރު އެ އެލަވަންސް ވަނީ 4,000 ރުފިޔާއަށް ބޮޑުކުރައްވާފައިވެއެވެ. ހާފިޒުންނަށް ދޭ މި އިނާޔަތް ބޮޑުކުރުމަކީ ކީރިތި ގުރުއާން ހިތުދަސް ހާފިޒުން އިތުރުކުރުމަށާއި، ގުރުއާނުގެ އިލްމު ފެތުރުން ފުޅާ ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅިގެންދިޔަ މުހިއްމު ފިޔަވަޅެކެވެ.
މިފަދަ މާލީ ހިތްވަރެއް ދިނުމުގެ ސަބަބުން، ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ގުރުއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން އިތުރުވެ، މުޖުތަމައުގައި ދީނަށް އޮތް ލޯބި އިތުރުވެ އިސްލާމީ އަގީދާ މުޖުތަމައުގައި ވަރުގަދަވެގެންދާނެކަމީ ޝައްކެއްނެތް ކަމެކެވެ. މިއީ ހާފިޒުންގެ މަސައްކަތަށް އިތުރަށް ސަމާލުކަން ދެވި، މުޖުތަމައަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގައި އިތުރަށް ބައިވެރިވުމަށް މަގުފަހިވެގެން ދާނެ ކަމެކެވެ.
މީގެ އިތުރުން، މިގައުމުގެ މުސްތަގުބަލުގެ އިސްލާމީ ޝަޚުސިއްޔަތުތައް ދެމެހެއްޓުމަށާއި، ދީނީ އިރުޝާދުތަކަށް ބަރޯސާވެފައިވާ ދިވެހި މުޖުތަމައަށް ބޭނުންވާ ޒުވާން، ތަޖުރިބާކާރު ޚަތީބުން ބިނާކުރުމަށް ފަރުމާކުރެވިފައިވާ "ޒުވާން ޚަތީބުން ތަމްރީނު ޕްރޮގުރާމް" އަކީވެސް ފާހަގަކޮށްލެވޭ މުހިއްމު މަސައްކަތެކެވެ. މި ޕްރޮގުރާމަކީ ރައީސް މުޢިއްޒުގެ އެންމެ ފުރަތަމަ ތަގުރީރުގައި ފާހަގަކުރެއްވި "މީހުން ބިނާ ކުރުމާއި ފިކުރީ ގޮތުން ކުރިއަރުވައި، މުޖުތަމައު ތަރައްގީ ކުރުމުގެ ތަސައްވުރު" ގެ ދަށުން ކުރިއަށް ގެންދާ މުހިއްމު މަސައްކަތެކެވެ.
މި ޕްރޮގުރާމުގެ މައިގަނޑު އަމާޒަކީ، ރާއްޖެއަށް ދީނީ ގޮތުން އިރުޝާދު ދިނުމަށް ބޭނުންވާ ޒުވާން ޚަތީބުން ތަމްރީނު ކުރުމެވެ. މިގޮތުން، ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަތީބުން ތަމްރީނު ކުރުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެެވެ. މި ޕްރޮގްރާމް ނިންމާ ޒުވާނުންނަށް ރަށްރަށުން ކިޔާ ހޫނު މަރުހަބާއާއި، އީދު ނަމާދު ފަދަ ބޮޑެތި ޖަމާއަތްތަކުގައި އިމާމުވެ ނަމާދުކުރުމުގެ ފުރުސަތު ދޭ މަންޒަރުތަކަކީ ހިތައް ފިނިކަން ގެނުވާ އުފާވެރި މަންޒަރެކެވެ.
މިކަމުން ދައްކުވައިދެނީ މި ޕްރޮގުރާމު މުޖުތަމައުން ބަލައިގެންފައިވާ މިންވަރާއި، ޒުވާން ޚަތީބުންނަށް ދިވެހިން ދީފައިވާ އިތުބާރެވެ. ޒުވާން ޚަތީބުންނަށް ދީނީ އިލްމާއި، ހުނަރު އަދި ޚަތީބުކަމުގެ ހުނަރުތައް ދަސްކޮށްދިނުމަކީ، ރާއްޖޭގެ ދީނީ ދިރުމަށް ކުރެވޭ ދުރުމުސްތަގުބަލަށް އަމާޒުކޮށްފައިވާ ބޮޑު، އަދި މުހިއްމު އިންވެސްޓްމެންޓެކެވެ. މިކަމުގެ ސަބަބުން ދީނީ ހަރުދަނާ ފިކުރު ފެތުރި، މުސްތަގުބަލުގެ ޖީލުތަކަށް އިސްލާމީ ރިވެތި އުސޫލުތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ.
ޒުވާން ޚަތީބުންގެ 3 ވަނަ ބުރުގެ ސަނަދު ދިނުމުގެ ރަސްމިއްޔާތު. ފޮޓޯ: އިސްލާމިކް އެފެއާޒް
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ "އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގުރާމް" އަކީވެސް ފާހަގަކޮށްލެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމަކީ މިސްކިތްތަކުގައި އިމާމުވެ ނަމާދުކޮށް، ހުކުރު ޚުތުބާ ދޭ އިމާމުންގެ އިލްމީ ފެންވަރާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ ދަށުން އިމާމުންނާއި ޚަތީބުންނަށް ރާއްޖެއާއި ރާއްޖޭން ބޭރުން ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ވެސް ސަރުކާރުން ދަނީ ހޯދައިދެމުންނެވެ.
މިގޮތުން، ޚުތުބާ ދިނުމުގެ ހުނަރު ހަރުދަނާކުރުމާއި، ދީނީ މައްސަލަތަކުގައި އިރުޝާދު ދިނުމުގެ ގާބިލިއްޔަތު އިތުރުކުރުމާއި، މުޖުތަމައުގައި ދިމާވާ ދީނީ ސުވާލުތަކަށް ޖަވާބު ދިނުމުގެ ކުޅަދާނަކަން އިތުރުކުރުން ފަދަ ކަންކަމަށް މި ޕްރޮގުރާމުތަކުގައި ސަމާލުކަން ދެއެވެ. މީގެ ސަބަބުން، ދީނީ ރޮނގުން މަސައްކަތްކުރާ މީހުންގެ އިލްމީ ފެންވަރާއި ގާބިލިއްޔަތުކަން އިތުރުވެ، މުޖުތަމައުގައި ދީނީ ސައްހަ މައުލޫމާތު ފެތުރުމަށް ފަހިވެގެންދާނެއެވެ.
މި ސަރުކާރުން ދީނީ ކަންކަމަށް ދޭ ސަމާލުކަމާއި، ހާފިޒުންނާއި ޚަތީބުން އިތުރުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަކީ ތައުރީފު ހައްގު މަސައްކަތްތަކެކެވެ. މި މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ދީނީ އަސާސްތައް އިތުރަށް ހަރުދަނާވެ، އިސްލާމީ ރޫހު އާލާވެ، މުޖުތަމައުގެ ފިކުރީ އަދި އަޚުލާގީ ފެންވަރު ރަނގަޅުވެގެން ދާނެކަމީ ޝައްކެއްނެތް ކަމެކެވެ.