ENGLISH
13 ސެޕްޓެމްބަރު 2025
ރަޝިޔާއަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް: މެޓް
13 ސެޕްޓެމްބަރު 2025
|
ރަޝިޔާގެ އައްސޭރިފަށް - ފޮޓޯ: ޖަޕާން ޓައިމްސް
ރަޝިއާ ސަރަހައްދަށް މިއަދު އައި ބިންހެލުމުގެ ނުރައްކާ ރާއްޖެއަށް ނެތް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު ހެނދުނު ރާއްޖެ ގަޑިން 07:37 ހާއިރު، ރެކްޓާ މިންގަނޑުން 7.2 މެގްނިޓިއުޑުގެ ބިންހެލުމެއް ރަޝިއާގެ ކަމްޗަޓްކާގެ އިރު އުތުރު އައްސޭރިއަށް އައިސްފައިވާ ކަމަށެވެ. އެ އިދާރާއިން ބުނީ ރާއްޖޭގެ ވެރިރަށް މާލެއާ 9،421 ކިލޯމީޓަރު ދުރުމިނުގެ ސަރަޙައްދަކަށް އައި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރު (ޕީޓީޑަބްލިއުސީ) އިން ބުނީ މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިގެން ދިއުމުގެ ނުރައްކަލެއް ނެތް ކަމަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ބިންހެލުން އައިސްފައިވަނީ ކަމްޗަޓްކާގެ އިރުން 111 ކިލޯމީޓަރު ދުރުންނެވެ. ރަޝިއާގެ އައްސޭރިފަށުން އެއް މީޓަރަށް ވުރެ އުސްމިނަށް ރާޅު އަރާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް މިހާރު އެ ކަމުގެ ނުރައްކާ ކުޑަ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
ބީއެމްކޭޖީގެ ބިންހެލުމާއި ސުނާމީ ސެންޓަރުގެ ވެރިޔާ ޑަރިޔޯނޯ ވިދާޅުވި ގޮތުގައި އެ ބިންހެލުމަކީ ކަމްޗަޓްކާ ޓްރެންޗްގައި އުފެދުނު ބިންހެލުމެއްގެ ސަބަބުން އައި ބިންހެލުމެކެވެ. އެ އޭޖެންސީން ވެސް ވަނީ ބިންހެލުމުގެ ސަބަބުން ސުނާމީއެއް އައުމުގެ ފުރުސަތު ނެތްކަން ކަށަވަރުކޮށްދީފައެވެ.