ENGLISH
13 ސެޕްޓެމްބަރު 2025
މީޑިއާ ބިލުގައި ސޯޝަލް މީޑިއާ އެކައުންޓުތަކަށް ހުރަހެއް ނެތް، ހަމަ ގަދައަށް ސޯޝަލް މީޑިއާ ބޭނުންކުރައްވާ: ފަލާހު
13 ސެޕްޓެމްބަރު 2025
|
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު - ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަަޖިލީހުގެ އަމިއްލަ މެންބަރަކު ހުށަހަަޅުއްވާފައިވާ މީޑިޔާ ރެގިއުލޭޓުކުރުމާ ގުޅޭ ބިލުގައި ސޯޝަލް މީޑިއާ އެކައުންޓުތައް ބަންދުކުރާ ގޮތަށް ހިމަނާފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީޑިއާ ބިލު ފާސްވެގެން ދިޔަސް އޭގައި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ. ސަބަބަކީ އެ ބިލުގައި ސޯޝަލް މީޑިއާތައް ރެގިއުލޭޓްކޮށް، ފޭސްބްކާއި ޓިކްޓޮކް އަދި ޓްވިޓާ އެކައުންޓްތަކަށް ހުރަސް އެޅޭނެ ކަމެއް ބަޔާން ކޮށްފައި ނެތުން ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
"މިހާރު ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެމްބަރު އަބްދުލް ހަންނާން ހުށައަޅާފައިވާ މީޑިއާ ބިލުގައި ސޯޝަލް މީޑިއާތައް ރެގިއުލޭޓްކޮށް، ފޭސްބްކާއި ޓިކްޓޮކް އަދި ޓްވިޓާ އެކައުންޓްތައް، މި ބިލް ރައްޔިތުންގެ މަޖިލީހުން މިސާލަކަށް ފާސްވިއަސް ބަންދުވާގޮތަކަށް ބިލުގައި ނެތް. ތިޔަ ލޮބުވެތި ޒުވާނުން އަދި ރައްޔިތުން ގަދައަށް ހަމަ ސޯޝަލް މީޑިއާ ބޭނުންކުރައްވާ." - ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު
ފަލާހު ވިދާޅުވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ޒުވާނުންނާ ރައްޔިތުންނަށް ދުވަހަކުވެސް ނުލިބޭނެ ފަދަ، މުޅި ގައުމުގެ މުސްތަގުބަލު އުޖާލާކޮށް ރައްކާތެރިކޮށްދޭނެ ހެޔޮލަފާ ވެރިއެއް ކަމަށެވެ. އަދި އެކަން ކުރައްވާނެ ކަމުގެ 100 އިންސައްތަ ޔަގީންކަން އެބައޮތް ކަމަށް ފަލާހު ވިދާޅުވިއެވެ.
އެމްޑީޕީއަކީ ލެޕްޓޮޕަކާއި ފަޅު ރަށަކުން މުޅި ގައުމު ހިންގޭނެކަމަށް ބުނެ، ރައީސް މައުމޫނުގެ ވެރިކަން ދޮގާއި މަކަރާއި އޮޅުވާލުމުން ބަދަލުކުރި ބައެއް ކަމަށާ ޒަމާންތަކެއް މާޒީ ވިއަސް މިފަދަ ހަނދާންތައް އާކުރަންޖެހޭ ވަގުތު އާކުރުމަކީ ވަރަށް ބޭނުންތެރި މުހިއްމުކަމެއް ކަމަށް ފަލާހުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، މިއަދު އެމްޑީޕީގެ ސިޔާސީ ހަރަކާތް ބައްޓަންކޮށް ކުރިއަށް ގެންދަން ޕްލޭންކޮށްފައި އެވަނީ 2008 ގައި ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރި ހީލަތްތެރި މަގުން ކަމަށެވެ.
ރައީސް މުއިއްޒު މި ގައުމަށް ދުވަހަކު ވެސް ކުރިން ވެރިއަކަށް ގެނެސްދެވިފައި ނުވާ ތަރައްގީއާއި ތަހުޒީބު ގެނެސްދީ، ގައުމުގެ ރައްޔިތުން ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް އުފާފާގަތިކަމެއްގައި ދިރިއުޅޭތަން އެމްޑީޕީއާއި ކުރީގެ ރައީސް ޔާމީނަށް ފެންނާތީ، އެކަން ބަލަން ފަސޭހަ ނުވާތީ މި "ސަކަރާތްގަނޑު" ހިންގަނީ ކަމަށް ވެސް އެ ޕޯސްޓުގައި ފަލާހު ވަނީ ތުހުމަތުކުރައްވާފައެވެ.
"މިދިޔަ ވެރިކަމުގައި އެމްޑީޕީގެ ނުފޫޒުގަދަ ފަރާތްތަކުން ކޮށްފައިވާ ވައްކަންތަކުގެ މައްސަލަތައް ކަމާގުޅުންހުރި ފަރާތްތަކުން ބަލަންފަށައިފިކަން އެނގުނު ހިސާބުން ރައްޔިތުންނަށް މުޒާހަރާ އަށް ގޮވާ ތެޅިފޮޅެނީމި! ލޮބުވެތި ޒުވާނުން ތީ މިގައުމުގެ މުސްތަގުބަލް. ކިޔަވައިގެން ތިއްބެވި ވިސްނުންތެރި ޒުވާން ޖީލެއް! ނޫސްވެރިކަމުގެ ތާޖު އަޅައިގެން ތިބި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ މަޅީގައި ތިޔަ ޒުވާނުން ޖެހިވަޑައި ނުގަންނަވާނެކަން އަޅުގަނޑަށް ޔަގީން!" - ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު
ދޮގު ޚަބަރު ފެތުރުމަކީ ހުއްޓުވަން ޖެހޭ ކަމެއްކަން ގިނަ ރައްޔިތުން ދެކޭ ކަމަށާ އެއީ ނޫސްވެރީން ވެސް ބޭނުންވާ ގޮތް ކަަމަށް ސަރުކާރުން ފާހަގަކުރެއެވެ. އަދި މީޑިއާތައް ރެގިއުލޭޓް ކުރެވެން ޖެހޭ ކަމަށް ގިނަ ނޫސްވެރީންނާއި މީޑިއާތަކުން ދެކޭ ކަމަށާ އެކަމަށް ރައްޔިތުން ވެސް އެދޭކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.