ENGLISH
13 ސެޕްޓެމްބަރު 2025
ނިއުޔޯކް ޑިކްލެރޭޝަން ބަލައިގަތުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވެއްޖެ
12 ސެޕްޓެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ފަލަސްޠީނުގެ މައްސަލައަށް ސުލްހަވެރި ޙައްލެއް ހޯދުމަށް އދގެ ޖެނެރަލް އެސެމްބްލީ އިން އެކުލަވާލާފައިވާ ނިއުޔޯކް ޑެކްލެރޭޝަން ބަލައިގަތުމާއި، މިނިވަން ދެދަޢުލަތެއް ޤާއިމުކުރުމަށް ނިންމި ނިންމުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރްޙަބާ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމްކުރުމަށް ދިވެހިރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ތަކުރާރުކުރައްވައި، މިފަދަ ކަންކަމަކީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރުމަށް ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްކުުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމުގައި ވިދާޅުވެފައިވެއެވެ.
އަދި، އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަކީ ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދާކަމެއް ކަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނިއުޔޯކް ޑެކްލެރޭޝަން އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން ތަޞްދީޤު ކުރުމަށް ދިވެހިރާއްޖެއިން ވަނީ ތާއީދުކޮށްފަ އެވެ.
މި ޤަރާރު ބަލައިގެންފައިވަނީ މިއަދު ބޭއްވުނު އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައެވެ.
މި ޤަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ޤައުމުތަކުގެ ތެރެއިން 142 ޤައުމުގެ ތާއީދާއެކުގައެވެ. މިޤަރާރާ ދެކޮޅަށް 10 ޤައުމުން ވޯޓުދީފައިވާއިރު 12 ޤައުމަކުން ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ޑެކްލަރޭޝަނަކީ މި އަހަރުގެ ޖުލައި މަހުގެ 28 އިން 30 ޖުލައި އަށް ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގެ ދަށުން އ.ދ. ގައި ބޭއްވި ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން ގެ ނަތީޖާ ޑޮކިއުމަންޓެވެ.
ފަލަސްޠީނުގެ މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށާއި، ފަލަސްޠީނުގައި މިނިވަން، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށް މި ޑެކްލަރޭޝަންގައި ޚާއްސަކޮށް ގޮވާލާފައިވެއެވެ. މިކަމަކީ، އޭގެ ސަބަބުން ބައިނަލްއަޤުވާމީ އުސޫލުތަކާއި، ސަރައްހައްދީ ސަލާމަތާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމާއި، އަމިއްލައަށް ކަންކަން ނިންމުމަށް ޤައުމުތަކަށް ލިބޭ ޙައްޤު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމެކެވެ.
ދިވެހިރާއްޖެއިން ދަނީ މިނިވަން ދެދަޢުލަތެއް ޤާއިމްކުރުމަށް ބައިނަލްެއަޤްވާމީ ފެންވަރެއްގައި މަސައްކަތްކޮށް، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، އަޑުއުފުލަމުންނެވެ.