ENGLISH
12 ސެޕްޓެމްބަރު 2025
ސަރުކާރުގެ އިސްލާހުތަކުގެ ބޭނުމަކީ މީޑިޔާއަށް ހުރަސް ނޭޅި، އާއްމުން ގެއްލުމާއި ދޮގު މައުލޫމާތުން ސަލާމަތްކުރުން: އުޝާމް
12 ސެޕްޓެމްބަރު 2025
|
ބަންޑާރަނައިބު އަހްމަދު އުޝާމް، ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ މަަޖިލީހުގެ އަމިއްލަ މެންބަރަކު ހުށަހަަޅުއްވާފައިވާ މީޑިޔާ ރެގިއުލޭޓުކުރުމާ ގުޅޭ ބިލަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުގެ ބޭނުމަކީ ބޭނުމެއް ނެތް ގޮތުގައި މީޑިޔާއަށް އެއްވެސް ހުރަހެއް ކުރިމަތިނުވާކަން ކަށަވަރުކުރުމާއެކު، އާއްމުންނަށް ގެއްލުމާއި ދޮގު މައުލޫމާތުން ސަލާމަތްކުރުން ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު މިފަދައިން ވިދާޅުވީ، މި ބިލާ ގުޅޭ ގޮތުން އާއްމުންގެ މީހަކު އެކްސްގައި ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އުޝާމު ވިދާޅުވީ އެ ބިލުގައި މައްސަލަތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި ސަރުކާރުން ބިލު ދިރާސާކޮށް، މުހިއްމު އިސްލާހުތަކެއް ހުށަހެޅީ ސަރުކާރަށްވެސް ބިލުގައި މައްސަލަތަކެއް ހުރިކަން ގަބޫލުކުރެވޭތީ ކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.
އިތުރަށް އުޝާމު ވިދާޅުވީ އެހެންވެސް ބިލުތަކެކޭ އެއްގޮތަށް މި ބިލުގެ ތަފުސީލުތައްވެސް އިތުރަށް ފުރިހަމަކުރެވި، ކަމާ ގުޅުންހުރި ފަރާތްތަކާއެކު ބިނާކުރަނަވި ގޮތެއްގައި މަޝްވަރާކޮށް، ދާއިރާއާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދައިގެން ކަންބޮޑުވުންތަކަށް ހައްލުތައް ހޯދިގެންދާނީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ކަމަަށެވެ.
ބިލުގައި ހިމެނޭ ބައެެއް ބަސްތަކާއި މުސްތަލަހުތަކުގެ މާނަ ސާފުނުވާކަމަށް ބުނެ ކުރިމަތިވާ ފާޑުކިޔުންތަކަށް ޖަަވާބުދެއްވަމުން އުޝާމު ވިދާޅުވީ ބިލުގައި ހުރި އެފަދަ ލަފްޒުތައް އިތުރަށް ތަފުސީލުކުރެވޭ ގޮތަށް ބިލަށް އިސްލާހު ހުށަހަޅުއްވާފައިވާ ކަމަށެވެ. އެގޮތުން އިލެކްޓްރޯނިކް މީޑިޔާއާއި، ގައުމީ ސަލާމަތާއި، އާއްމު ނިޒާމު ފަދަ އިބާރާތްތައް އިތުރަށް ތަފުސީލުކުރުމަށް އިސްލާހުގައި ހިމަނާފައިވާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
އުޝާމު އިތުރަށް ވިދާޅުވީ މި އިސްލާހު ހުށަހެޅުމުގައި ސަރުކާރުގެ މަގުސަދަކީ މިނިވަން ނޫސްވެރިކަމަށް އެއްވެސް ހުރަހެއް ކުރިމަތިނުވާކަން ކަށަވަރުކުރުމާއެކު، އާއްމުން ގެއްލުމާއި ދޮގު ސައްހަ ނޫން މައުލޫމާތުތަކުން ރައްކާތެރިކުރުން ކަމށެވެ.
އަދި ބިލުގެ ތެރެއިން ޖަވާބުދާރީކުރުވުމާއި، ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާއި، މީޑިޔާއިން އަމާނާތްތެރިކަމާއި ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމާ ގުޅޭ މުހިއްމު ފުޅާ އުސޫލުތަކެއް މި ބިލުން ގާއިމުކުރެވިގެންދާކަމަށް ގަބޫލުކުރައްވާ ކަމުގައި އުޝާމު ވިދާޅުވިއެވެ.
ޒިންމާދާރުވުމާއި، ދޮގު މައުލޫމާތު ފެތުރުމާއި، މައުލޫމާތު ނަހަަމަ ގޮތުގައި ބޭނުންކުރުން ފަދަ ކަންކަމަކީ ހަގީގީ ގޮންޖެހުންތަކެއްކަން ފާހަގަކުރައްވަމުން އުޝާމު ވިދާޅުވީ އެކަންކަން އިހުމާލުކުރެވެން ނެތް ކަމަށެވެ. އަދި ރަނގަޅު ގާނޫނީ ބިންގަލެއް އޮތުމަކީ އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތުގެ ފެށުމެއް ކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.