ENGLISH
12 ސެޕްޓެމްބަރު 2025
ވަގަށް ނެގި 90 ސައިކަލާއި 19 ފޯން އަދި ތިން ލައްކަ ރުފިޔާ މިދިޔަ މަހު ފުލުހުން ހޯދި
12 ސެޕްޓެމްބަރު 2025
|
ިދިވެހި ފުލުހުންގެ ޚިދުމަތް - ފޮޓޯ: އެޑިޝަން
މާލޭ ޕޮލިސް ކޮމާންޑުގެ ޑިޕާޓްމަންޓްތަކަށް ހުށައެޅި މައްސަލަތަކާއި ގުޅިގެން 90 ސައިކަލާއި 19 މޯބައިލް ފޯނު ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ވަނީ މިދިޔަ މަހު ރިކަވަރ ކުރެވުނު މުދަލުގެ ތަފާސް ހިސާބު އާންމުކޮށްފަ އެވެ. ފުލުހުން ބުނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށް ވަގަށް ނަގާފައިވާ 90 ސައިކަލު ހޯދާފައިވާ ކަމަށެވެ. އެ ސައިކަލުތަކުގެ އަގު 4.2 މިލިއަނަށް އަރަ އެވެ.
އެ މުއްދަތުގައި ވަގަށް ނަގާފައިވާ 19 ފޯނެއް ހޯދާފައިވާއިރު އެ ފޯނުތަކުގެ އަގު ދެ ލައްކައަށް ވުރެ އިތުރެވެ. މީގެ އިތުރުން އެހެނިހެން އިލެކްޓްރޯނިކްސް ތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ވެސް ވަނީ ހޯދާފަ އެވެ. އެ ގޮތުން 329,350 ރުފިޔާ ވަނީ ހޯދާފަ އެވެ.
ކުށްކުރާ މީހުން ހުއްޓުވާ ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު ހަނިކުރުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން މާލެތެރެ ބެލެހެއްޓުން ވަނީ އިތުރުކޮށްފަ އެވެ.
އަދި މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.