ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ރަށްރަށުގައި އޭޓީއެމް ބެހެއްޓުން: ބޭންކިން ޚިދުމަތަށް ރައްޔިތުން އުފުލި ތަކުލީފު ނިމުމަކަށް

12 ސެޕްޓެމްބަރު 2025

|

އަލްޤާޤާޢު

ޖަޒީރާ ގައުމަކަށްވުމުން ރާއްޖެއަށް ގުދުރަތީ މުއްސަނދިކަމެއް ލިބިފައިވީ ނަމަވެސް، ވަކިވަކި ރަށްތަކަކަށް ބެހިފައި އޮތުމުން އިގްތިސާދީ ގޮތުން ކުރިއެރުމަށް އުނދަގޫތަކަކާއި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އޭގެތެރޭން އެއް މައްސަލައަކީ ރަށްރަށުން ބޭންކިން ޚިދުމަތް ލިބެން ނެތުމެވެ. ޒަމާނުއްސުރެ ރަށްރަށުގެ ރައްޔިތުން ބޭންކިން ޚިދުމަތަށް ބަރޯސާވެފައި އޮންނަނީ ވެރިރަށް މާލެއަށެވެ. ބޭންކު އެކައުންޓެއް ހުޅުވުމުން ފެށިގެން ފައިސާ ޖަމާކުރުމުގެ ކަންކަމަށް އަންނަން ޖެހެނީ މާލެ އަށެވެ. ބޭންކިންގެ ޚިދުމަތް ފުޅާވަމުން ގޮސް ބައެއް ރަށްރަށުގައި ބޭންކުގެ ސަރަހައްދީ ބްރާންޗުތައް ގާއިމްކުރަން ފެށުމުން އެ ތަކުލީފަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދިޔައެވެ. ނަމަވެސް އިތުރު ދަތުރުތައް ނުކޮށް އެ މީހަކު ހުންނަ ރަށަކުން ބޭންކިންގ ޚިދުމަތް ލިބޭނެ ދުވަހެއްގެ ހުވަފެން ދިވެހިން ދިޔައީ ދެކެމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޒަޢާމަތާއި ހަވާލުވެވަޑައިގަތީ އިގްތިސާދު ސިންދަފާތުކޮށް، އެންމެންގެ ބައިވެރިވުން ހިމެނޭގޮތަށް ވިލުންތެރި އިގްތިސާދެއް ބިނާކުރުމުގެ ވައުދާއެކުއެވެ. އެ ވައުދުގެ ދަށުން ފެއްޓެވި އެންމެ މުހިއްމު މަސައްކަތަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެއްޓެވުމުގެ މަސައްކަތެވެ. މި އޭޓީއެމްތަކަކީ މީގެކުރިން ބެހެއްޓި އޭޓީއެމްތަކާއި ޚިލާފަށް، ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ އިތުރުން، ބޭންކުގެ އެހެނިހެން ޚިދުމަތްތައް ވެސް ލިބޭ ގޮތަށް ގާއިމްކޮށްފައިވާ އޭޓީއެމްތަކެކެވެ.

ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާއިރު، އެކަމުގެ ސަބަބުން އޮތީ ކޮން ފައިދާތަކެއްްތޯ ބަލަންޖެހެއެވެ. އޭޓީއެމް ރަށްރަށުގައި ބެހެއްޓުމަކީ މިއީ ރައްޔިތުންނަށް މާލީ ބާރުވެރިކަމާއި މާލީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މުހިއްމު މަސައްކަތެކެވެ. މީގެކުރިން ރަށްރަށުގައި އުޅޭ ރައްޔިތުން ފައިސާ ނެގުން ނުވަތަ ފައިސާ ޖަމާކުރުން ފަދަ އެންމެ އާދައިގެ ބޭންކިންގ ޚިދުމަތް ވެސް ލިބެނީ އެތައް ފައިސާއެއް ޚަރަދުކޮށްގެން ދިގު ދަތުރެއް ކޮށްގެނެވެ. ނަމަވެސް އެމީހަކު ދިރިއުޅޭ ރަށުގައި އޭޓީއެމް ބެހެއްޓުމުން، އިތުރު ތަކުލީފެއް އުފުލަންނުޖެހި 24 ގައިއިރު މި ޚިދުމަތް ލިބެން ހުންނާނެއެވެ.

ބޭންކިންގ ނިޒާމަށް ވަނުމަށް އޭޓީއެމްގެ ޒަރިއްޔާއިން ހުޅުވޭ ފަސޭހަ ދޮރުގެ ސަބަބުން ގޭގައި ފައިސާ ފޮރުވުމުގެ ބަދަލުގައި ބޭންކިންގ ނިޒާމަށް އެ ފައިސާ ވަދެއެވެ. ބޭންކިންގ ނިޒާމު ބޭނުންކުރާ މީހުންގެ އަދަދު އިތުރުވުމަކީ އިގްތިސާދު ވަރުގަދަވެ، ކްރެޑިޓް ކްރިއޭޝަނާއި އިންވެސްޓްމަންޓަށް މަގުފަހިވެގެންދާނެކަމެކެވެ.

ބޭންކިންގ ނިޒާމަށް ވަންނަން އޮންނަ ދޮރު ރަށްރަށުގެ ރައްޔިތުންނަށް ހުޅުވިގެން ދިއުމުން އެކަމުގެ ސަބަބުން އެރަށެއްގައި ހަރަކާތްތެރިވާ ހުރިހާ ފަންތިއެއްގެ ވިޔަފާރިތަކަށްވެސް ބާރުވެރިކަން ލިބިގެންދާނެކަމެކެވެ. އަދި އިތުރު ވިޔަފާރިތައް ފަށައި، އެ ރަށެއްގެ އިގްތިސާދު ވެސް ފުޅާވުމަށް އޭޓީއެމްގެ ސަބަބުން މަގުފަހި ވެގެންދެއެވެ.

އޭޓީއެމްގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ލުއި ފަސޭހައާއި ފައިދާތައް އާއްމު ފަރުދުންނަށްވެސް ލިބޭނެއެވެ. މީގެކުރިން ޖެހިގެން އޮންނަ ރަށުގައި ހުންނަ ބޭންކުގެ ބްރާންޗަށް ވަކި ދުވަހެއްގެ ވަކި ވަގުތަކު ކުރަންޖެހޭ ދަތުރު ނިމުނީއެވެ. އެމީހަކު ބޭނުން ވަގުތަކު އަމިއްލަ ރަށުގައި ހުންނަ އޭޓީއެމްއަށް ވަދެ، ބޭނުން ބޭންކިންގ ޚިދުމަތެއް ހޯދަންވީއެވެ. އަނެއްކޮޅުން ބޭންކިންގ ޚިދުމަތް ފުޅާވުމުން މީގެކުރިން ސަރަހައްދީ ބްރާންޗުތަކަށް އޮތް ބުރަވެސް ކުޑަވެގެންދާނެއެވެ.

ބޭންކިންގ ޚިދުމަތަކީ ރާއްޖޭގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމްގެ ވިޔަފާރިއަށްވެސް ވަރަށް މުހިއްމުކަމެކެވެ. ޚާއްސަކޮށް ޑޮލަރު ޖަމާކުރުމާއި ނެގުމެވެ. ފަތުރުވެރިން ރަށްރަށަށް ޒިޔާރަތްކޮށް ވިޔަފާރިކުރުމަށް ފައިސާ ނަގަން ބޭނުންވާ ހާލަތުގައި އެކަންކަން މަގުފަހިވެފައި ހުރުމަކީ އޭގެ ސަބަބުން އެރަށެއްގެ ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ކަމެކެވެ. އެހެންކަމުން ރައީސް މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާވަމުން އަންނަ ރަށްރަށުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ވެސް ފައްޓަވަމުންނެވެ.

އޭޓީއެމްގެ ސަބަބުން މުޅި އިގްތިސާދަށް ލިބޭ ފައިދާތަކުގެ ތެރޭގައި ބޭންކިން ނިޒާމްގެ ތެރޭގައި ހުންނަ ފައިސާގެ މިންވަރު އިތުރު، ވިޔަފާރިތައް ކުރިއެރުވުމަށް ނުވަތަ ވިޔަފާރި ފެށުމަށް ދޫކުރުމަށް ފަސޭހަވެގެންދާނެއެވެ. އެކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދީ ހަރަކާތްތައް ކުރިއަށްދިއުމަށް މަގުފަހިވެގެންދާނެއެވެ.

މިއީ މީހުން ދިރިއުޅޭ ރަށްރަށުގެ އޭޓީއެމް ބެހެއްޓުމުން ލިބޭނެ ފައިދާތަކެވެ. މިކަންކަމަކީ އޭގެ ޒާތުގައި ފެންނަން ހުންނާނެ ކަންކަމެއް ނޫނެވެ. އޭޓީއެމްއެއް ބެހެއްޓުމުން ލިބޭނެ ހަމައެކަނި ފައިދާއަކީ ފައިސާ ނެގުމާއި ޖަމާކުރުން ނޫންކަން އޭގެ އިގްތިސާދީ ފައިދާގެ ބޮޑު މަންޒަރަށް ބަލާލުމުން ކުލަވެގެންދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރު ވިސްނުން ފުޅަށް އެ މަންޒަރު މާ ރީތިކޮށް ފެނިވަޑައިގަންނާކަން އެމަނިކުފާނު އެ ގެންދަވަނީ ސާބިތުކޮށް ދެއްވަމުންމުންނެވެ. އެ މަނިކުފާނުގެ ސަރުކާރުން އެ މަސައްކަތް ކުރައްވަނީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ނިންމެވުމަށެވެ. އެ މަސައްކަތުގެ ދަށުން މިހާތަނަށް އައިއިރު މަދު އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމްގެ ޚިދުމަތް ފައްޓަވައިފައެވެ. ހަމަގައިމުވެސް މިއީ ރާއްޖޭގެ ރައްޔިތުންނަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދޭނެ މަސައްކަތެއްކަން މިކަމުގައި ފަހަތުގައި އޮތް އިގްތިސާދީ ފައިދާތަކުން ސާބިތުކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު