ENGLISH
12 ސެޕްޓެމްބަރު 2025
ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް ވަށާޖެހޭ ސިޔާސަތަކާއެކު މަސައްކަތް ފެށީ މި ސަރުކާރުން
12 ސެޕްޓެމްބަރު 2025
|
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުން، ފޮޓޯ: ދައުރު
ރާއްޖެއަކީ އިގުތިސާދީ ގޮތުން ނާޒުކު ގައުމެކެވެ. ދުނިޔެއަށް އަންނަ އެކި ލޮޅުންތަކުން ވަަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާ ގައުމެކެވެ. ހަނގުރާމައާއި ވަބާތަކާއި، ސަޕްލައި ޗެއިންތަކަށް އަންނަ ކޮންމެ ލޮޅުމެއް ދިވެހި އިގުތިސާދަށް ފޯރައެވެ. ކޮވިޑް-19 ގެ އާލަމީ ވަބާއާއި އޭގެ ފަހުން ބައިނަލްއަގުވާމީ ސަޕްލައި ޗެއިންތަކަށް ކުރިމަތިވި ދަތިތަކާއެކު ރާއްޖެއަށް ކުރިމަތިވި އިގުތިސާދީ ދަތިތަކުން މިފަދަ ކޮންމެ ލޮޅުމަކާއެކު ރާއްޖެއަށް ކުރިމަތިވާ ނޭދެވޭ އަސަރުތައް ތަސައްވުރުކޮށްދެއެވެ.
މިދެންނެވި ނޭދެވޭ އަސަރުތަކުގެ ތެރެއިން އެންމެ ބޮޑު އެއްކަމަކީ ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާ ނޭދެވޭ އަސަރެވެ. މާނައަކީ ކާބޯތަކެތީގެ އަގު އުފުލުން، ނުވަތަ ބައެއް ކަހަލަ ކާބޯތަކެތި ލިބުމުގައި ކުރިމަތިވާ ދަތިތަކާއެކު، އެކަށީގެންވާ ކާބޯތަކެތި ނުލިބުމެވެ. ނުވަތަ ފުޑް ސެކިއުރިޓީ ނެތިވުމެވެ.
ފަހުގެ ތާރީހުގައި ރާއްޖޭގައި ގާއިމުކުރެވުނު ކޮންމެ ސަރުކާރަކުންވެސް މި މައްސަލަ ހައްލުކުރުމުގެ ވާހަކަ ދެއްކިއެވެ. ކޮވިޑުގެ ތެރޭގައި ރަށްރަށުގައި ބަނބުކެޔޮ ގަސް އިންދާ ވާހަކަ ރައްޔިތުންގެ މަޖިލީހުގައި އެއިރުގެ މެންބަރުން ދެއްކީ މިދެންނެވި މައްސަލަ ކުރިމަތިވުމުންނެވެ. އެ ވާހަކަ ދެކެވުނު ނަމަވެސް ވަށާޖެހޭ، ރާއްޖޭގެ ހާލަތާ އެކަށޭނެ، ދުނިޔޭގެ އިގުތިސާދީ ހާލަތުތަކާ ފައިހަމަވާ ގޮތަށް ސިޔާސަތެއް އެކުލަވައިލެވިފައި ނެތެވެ.
ރާއްޖެއަކީ ކާބޯތަކެތީގެ ބޮޑު އިންސައްތަައެއް އިމްޕޯޓުކުރާ ގައުމެކެވެ. މައްސަލައަކީ ބިމުގެ ޖާގައިގެ ދަތިކަމާއެކު ސިނާއީ ފެންވަރެއްގައި ދަނޑުވެރިކަން ކުރެވެން ނެތުމެވެ. މިދެންނެވި މައްސަލަ ތަހައްމަލުކުރުމާއެކު، ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ކާބޯތަކެތީގެ ސަލާމަތް ނުވަތަ ފުޑް ސެކިއުރިޓީ ކަށަވަަރުކޮށްފައިވާ އެއް ގައުމަކީ ސިންގަޕޫރެވެ. އެ ގައުމަކީވެސް އިމްޕޯޓަށް ބަރޯސާވާ ގައުމެކެވެ. އެ ގައުމަށް ބޭނުންވާ ކާބޯތަކެތީގެ 90 އިންސައްތައަކީ އިމްޕޯޓުކުރާ ތަކެއްޗެވެ.
ސިންގަޕޫރުންވަނީ އިމްޕޯޓަށް ބަރޯސާވުމާއެކު ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށް ސިންގަޕޫރުން "ކާބޯތަކެތީގެ ތިން ވަށިގަނޑު"ގެ ނަމުގައި ހާއްސަ ސިޔާސަތެއް އެކުލަވައިލާފައެވެ. އެ ސިޔާސަތުގެ ދަށުން ސިންގަޕޫރުން ދަނީ އަސާސީ ކާބޯތަކެތި ގިނަ ގައުމުތަކުން ގަނެ އެތެރެކުރަމުންނެވެ. މިސާލަކަށް ކުރިން ސިންގަޕޫރުން ބިސް ގަންނަމުންއައީ މެލޭޝިޔާއިންނެވެ. މިހާރު ތައިލެންޑާއި ޕޮލެންޑާއި ޔޫކުރޭނުންވެސް ސިންގަޕޫރަށް ބިސް ގެނެއެވެ.
އެއް ގައުމަކަށް ނުވަތަ މަދު ގައުމުތަކަކަށް ކާބޯތަކެތި އެތެރެކުރުމުގައި ބަރޯސާވުމުގެ ބަދަލުގައި ސިންގަޕޫރުން އަންނަނީ 180 ގައުމަކުން ކާބޯތަކެތި އެތެރެކުރުމުންނެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަމަށް ހާއްސަ އިދާރާއެއްވެސް ގާއިމުކޮށްފައިވެއެވެ. 2019 ވަނަ އަހަރު އުފެއްދި ސިންގަޕޯރ ފުޑް އެޖެންސީއަކީ ކާބޯތަކެތި ލިބުމާއި އޭގެ ރައްކާތެރިކަމާއި ވިލުންތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އަދާކުރުމަށް ގާނޫނަކުން އުފައްދާފައިވާ އިދާރާއެކެވެ.
އޭގެ އިތުރަށް ސިންގަޕޫރުން އަންނަނީ ކޮންމެހެން ބޭނުންވާ އިސްތިރާޖީ ގޮތުން ބޭނުންވާ ކާބޯތަކެތި ގަނެ ރައްކާކުރަމުންނެވެ. ހަނޑުލާއި ގަނޑުކުރި ކުކުޅު ފަދަ ބާވާތްތައް އެތެރެކޮށް ދިގު މުއްދަތަށް ރައްކާކުރެވޭނެ އިންތިޒާމު ސިންގަޕޫރުގައި ހަމަޖެހިފައި ހުރެއެވެ. ބޭނުމަކީ އެފަދަ ތަކެތީގެ ސަޕްލައި ޗެއިނަށް އަންނަ ލޮޅުންތަކުގެ ސަބަބުން ސިންގަޕޫރު ރައްޔިތުންނަށް ކާބޯތަކެތި ލިބުމުގެ ރައްކާތެރިކަން ގެއްލިގެންދިޔަ ނުދިނުމެވެ. ކޮވިޑް-19 ގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ އަގުތައް ހިފަހެއްޓުމާއި، މުހިއްމު ކާބޯތަކެތި ނުލިބި ދަތިކަން ތަހައްމަލުކުރަން ނުޖެހުމުގައި މިގޮތަށް ކާބޯތަކެތި ރައްކާކުރެވިފައި ހުރުމުގެ ދައުރު ބޮޑެވެ.
އޭގެ އިތުރަށް ސިންގަޕޫރުން އަންްނަނީ އެ ގައުމުގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކޮށް، އެތެރޭގެ ދަނޑުވެރިކަން ތަރައްގީކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. "ތަރޓީ ބައި ތަރޓީ"ގެ ނަމުގައި ސިންގަޕޫރުން ހިންގާ ސިޔާސަތުގެ ބޭނުމަކީ، އެ ގައުމުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ 30 އިންސައްތަ 2030 ވަނަ އަހަރުގެ ކުރިން އެ ގައުމުގައި އުފެއްދުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިކަމުގައި ތަންފީޒުކުރާ ސިޔާސަތުތަކަށް ބަލާއިރު، ރައީސްގެ ސިޔާސަަތު ބައްޓަންކުރައްވާފައިވަނީ ވަށާޖެހޭ ހައްލުތަކެއް ހޯދުމަށެވެ. އެ ސިޔާސަތުތައް އެކުލަވައިލެވިފައިވަނީ ރާއްޖޭގެ ތަބީއީ ވެއްޓާއި އިގުތިސާދީ ހަގީގަތަށް ރިއާޔަތްކުރެވިގެން ކަން ކުރެވެން އޮތް ގޮތުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކެއް ލާމެހިގެން އެކުލަވައިލެވޭ ހަރުދަނާ ނިޒާމެއްގެ ތެރެއިން ދެމެހެއްޓެނެވި ގޮތެއްގައި، ދިވެހިންނަށް ބޭނުންވާ ކާނާ ލިބޭނެކަން ކަށަވަރުކުރުމުގެ އަމާޒަށް ވާސިލުވުމަށެވެ.
އެގޮތުން މިހާތަނަށް މި ސަރުކާރުން އިއުލާނުކޮށްފައިވާ އަދި އެކަމަށް މަސައްކަތްކުރަމުންދާ ސިޔާސަތުތަކަށް އަލިއަޅުވައިލާނަމެވެ.
- ރާއްޖޭގައި ކާނާ އުފައްދާ މިންވަރު އިތުރުކުރުން
މި ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތަކީ ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމެވެ. ހާއްސަކޮށް ސިނާއީ މަސައްކަތެއްގެ ގޮތުގައި ދަނޑުވެރިކަން ކުރުމެވެ. އެކަމަށް ސަރުކާރުން ވަކި ކުންފުންޏެއްވަނީ އުފައްދާފައެވެ. މި އަަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހު "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި ރާއްޖެއަށް އެންމެ ބޭނުންވާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމުގެ މަސައްކަތްތަކެއް ސަރުކާރުން ކުރާނެ ކަމަަށެވެ.
މިކަމަށްޓަކައި ބޭރުގެ ފަރާތްތަކާއެކު މަޝްވަރާކުރެވި ބައެއް މަޝްރޫއުތައް ހިންގުމަށް ރޭވިފައިވެއެވެ. އެގޮތުން ޗައިނާ ކުންފުންޏަކާއެކު ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއެއް ހިންގުމަށް ސަރުކާރުންވަނީ ރާވާފައެވެ. އޭގެ އިތުރަށް އަތޮޅު ތެރޭގެ ރަށްރަށުގައިވެސް ދަނޑުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ނިންމައި ބައެއް ސަރަހައްދުތަކުގައި އެ މަޝްރޫއު ފަށައިގެން ކުރިއަށްވެސް އެބަ ގެންދެއެވެ.
ރާއްޖެއަށް ބޭނުންވާ ކާނާގެ ބޮޑު ބައެއް ރާއްޖޭގައި އުފެއްދުމަކީ ކުރު ރާސްތާއެއްގައި ހާސިލުކުރަން އުދަގޫވާނެ ކަމެކެވެ. ނަމަވެސް އެކަމަށް މަސައްކަތް ކުރެވި ދުރު ރާސްތާގައި އެ އަމާޒަށް ވާސިލުވުމަކީ މުހިއްމު ކަމެއްކަން ގަބޫލުކުރައްވައި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ރައީސްވަނީ ފައްޓަވާދެއްވާފައެވެ.
- އަސާސީ ކާނާ އެތެރެކޮށް ރައްކާކުރުން
ސިންގަޕޫރުގައިވެސް ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް ކުރާ އެއްކަމަކީ ކޮންމެހެން ބޭނުންވާ ކާބޯތަކެތި އެތެރެކޮށް ރައްކާކުރުމެވެ. ކާޑުގެ ބާވަތްތައް އެތެރެކޮށް ރައްކާކުރުމަކީ ޒަމާނުއްސުރެ ދިވެހި ދައުލަތުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން ކުރަމުން އަންނަ ކަމެކެވެ. ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް މިހާރު ނިންމަވާފައިވަނީ އެ މަސައްކަތް އިތުރަށް ފުޅާކުރެއްވުމަށެވެ.
އެގޮތުން މިހާރު ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުއި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު ނިންމަވާފައިވެއެވެ.
މިއީ ފުޑް ސެކިއުރިޓީ ކަށަވަަރުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. އެއީ ބައިނަލްއަގުވާމީ ބާޒާރުގައި މި ތަކެތީގެ އަގަށް އަންނަ ބަދަލުތަކާއި، އަމިއްލަ ވިޔަފާރިތަކަށް އެކަށީގެންވާ އަގުތަކުގައި މި މުދާ އެތެރެކުރުމަށް ދިމާވާ ދަތިތަކުގެ ސަބަބުން އެތަކެތީގެ އަގު އުފުލި، އެ ތަކެތި ރައްޔިތުންނަށް ލިބުމަށް ދަތިވާ ހާލަތުން އަރައިގަތުމަށް އެޅުނު ހަރުދަނާ ފިޔަވަޅެކެވެ.
- ބޭރުގައި ކާނާ އުފެއްދުން
ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ހޯދައި، ދެމެހެއްޓެނެވި ގޮތެއްގައި އެތަކެތި ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން ގެންގުޅޭ ދެވަނަ ވިސްނުމަކީ ގަލްފުގެ ގައުމުތައް ކަމުގައިވާ ގަތަރާއި އެމިރޭޓްސް ފަދަ ގައުމުތަކުން ތަޖުރިބާކޮށްފައިވާ ސިޔާސަތެކެވެ. އެއީ އެ ގައުމުތަކުން ބޭރުގައި ކާބޯތަކެތި އުފައްދައިގެން އެތެރެކުރުމެވެ.
އެކަން ކުރެވިދާނެ އެއްގޮތަކީ ދަނޑުވެރިކަމުގެ ވިޔަފާރިކުރާ ބޮޑެތި ކުންފުނިތަކަށް އިންވެސްޓުކޮށް އެ ކުންފުނިތަކުގެ އުފެއްދުންތައް ހެޔޮ އަގުގައި ލިބޭނެ ގޮތަށް އިންތިޒާމުތަކެއް ތަރުތީބުކުރުމެވެ. ދެވަނަ ގޮތަކީ ސީދާ ދަނޑުވެރިކަމުގެ ވިޔަފާރިއަށް ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ވަނުމެވެ. މިއިން ކޮންމެ ގޮތަކުން ނަމަވެސް ކާނާ އެތެރެކުރެވޭނެ ގޮތްތަކެއް ފަހިކުރުމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ ފިޔަވަޅަކަށެވެ.
މި ކަންކަމުގެ އިތުރަށްވެސް ސަރުކާރުންދަނީ ކާނާގެ ސަލާމަތް ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމުންނެވެ. ސަރުކާރުގެ ވިސްނުން ހުރީ އެންމެ މަގަކުން މައްސަލަ ހައްލުކުރާކަށް ނޫނެވެ. ވަށާޖެހޭ، ލާމެހިފައިވާ ސިޔާސަތުތަކެއްގެ ތެރެއިން، ދެމެހެެއްޓެނެވި ގޮތަކަށް ދިވެހިންނަށް ބޭނުންވާ ރަނގަޅު ކާނާ، އެކަށީގެންވާ އަގެއްގައި ލިބޭނެ ގޮތްތަކަށް މަގުކޮށުމަށެވެ.