ENGLISH
12 ސެޕްޓެމްބަރު 2025
އީމާންވުމަށް ފަހު އަޅާގެ މައްޗަށް އެންމެ މުހިންމު އަޅުކަމަކީ ނަމާދު: ހުކުރު ޚުޠުބާ
12 ސެޕްޓެމްބަރު 2025
|
ޤިޔާމަތް ދުވަހު ހިސާބު ބެއްލެވޭ ހިނދު، ހުޝޫޢަތްތެރިކަމާއެކު ފުރިހަމައަށް ނަމާދުކޮށްފައި ހުރުމުގެ މުހިއްމުކަމުގެ ވާހަކަ މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްދީފިއެވެ.
"ނަމާދުގައި ހުޝޫޢަތްތެރިވުން" މި މަޢުޟޫއަށް މިއަދު ދިން ޚުޠުބާގައި ވަނީ، އީމާންވުމަށްފަހު، އަޅާގެ މައްޗަށް އެންމެ މުހިއްމު އަޅުކަމަކީ ނަމާދު ކަމަށާއި، އެއީ ދީނުގެ ތަނބުކަމަށްވީހިނދު، ނަމާދާއި ނުލައި އެހެނިހެން ޢަމަލުތައް ޤަބޫލުވެވިގެންނުވާނެކަން ވަރަށް ތަފްޞީލާއެކު ގެނެސްދީފައެވެ.
އެގޮތުން، ޚުޠުބާ ފަށާފައިވަނީ، ނަމާދުގެ މުހިއްމުކަމާ ބެހޭގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅަކުންނެވެ. އެ ޙަދީޘްފުޅުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން ޤިޔާމަތްދުވަހު އެންމެފުރަތަމަ އަޅާގެ ޢަމަލުތަކުގެ ތެރެއިން ހިސާބު ބެއްލެވޭހުށީ އޭނާގެ ނަމާދާމެދުގައެވެ. އޭނާގެ ނަމާދުތައް ރަނގަޅުވެއްޖެ ނަމަ ހަމަކަށަވަރުން ނަޖާވެ ކާމިޔާބުވެއްޖެއެވެ. އޭނާގެ ނަމާދުތައް ގޯސްވެއްޖެ ނަމަ ހަމަކަށަވަރުން ގެއްލި ހަލާކުވެއްޖެއެވެ."
ޚުޠުބާގައި ބުނެފައިވަނީ، މުސްލިމު އަޅާ، ފަރުޟު ފަސް ނަމާދު އަދާކޮށްފައި ހުންނާން ޖެހޭނީ، ތާހިރުކަންމަތީހުރެ، ދެއްކުންތެރިކަމެއް ނެތި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު މާތް ﷲއަށް ހިތްނިޔަތް ޚާލިޞްކޮށްގެންވާ ޙާލުގައި ކަމަށެވެ. ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، މާތް ﷲ އެ ނަމާދު ޤަބޫލެއްނުކުރައްވާނެ ކަމަށާއި، ކާމިޔާބުވާނޭ ބަޔަކީ، ނަމާދުގައި ޚުޝޫޢަތްތެރިވެ ބިރުވެތިވާ މީހުން ކަމަށެވެ.
އެއަށްފަހު ޚުޠުބާގައި ވަނީ، ނަމާދުގެ ސަބަބުން ލިބޭ ދަރުމަ އަންގަވައި މާތްﷲ ގެ ވަޙީ ބަސްފުޅަކަށް އަލިއަޅުވާލައްވާފައެވެ. އެ އާޔަތުގެ މާނައިގައިވެއެވެ. "މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ." ހަމަ އެ ފަދައިން ނަމާދު ކުރިކަމުގައި ވިޔަސް ނަމާދުކުރުމުގައި ފަރުވާކުޑަކުރާ މީހުންނަށް ހުރީ ހަލާކުކަން އަންގަވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. "ފަހެ، އެއުރެންގެ ނަމާދާ މެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކުހުށްޓެވެ."
ޚުޠުބާގައި އެންމެ ފުރަތަމަ ގެނެސްދީފައިވާ، މި ދެ އާޔަތުގެ މާނައާ މެދު ވިސްނައިލާ އިރު، ނަމާދުކުރާންވީ ޚުޝޫޢަތްތެރިވެ ތިބެގެންކަމަށާއި، ފަރުވާކުޑަކޮށް، ޣާފިލުވެ ތިބެގެން ނަމާދުކުރާ މީހުންނަށް ދަރުމައެއް ނެތްކަން އެނގެއެވެ. އޭގެ ބަދަލުގައި އެ ފަދަ މީހުންނަށް ހުރީ ގެއްލުމާއި ހަލާކުކަމަށްވީހިނދު، ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ނަމާދުކުރާންވީ ގޮތަށް، ބިރުވެތިކަމާއި ޚުޝޫޢަތްތެރިކަމާ އެކު އެ އަޅުކަން އަދާކުރާ މީހުންނަށް، އުޚުރަވީ ޙަޔާތުގައި ލިބޭނޭ ސަވާބާއި ދަރުމައިގެ އިތުރަށް، އެ މީހުންގެ ދުންޔަވީ ޢަމަލުތައް ވެސް ހެޔޮވެ، ޞާލިޙުވާނެ ކަމަށާއި، ނުބައި ކަންތަކާއި، މުންކަރާތްތަކާއި، ފާފަވެރިވާ ކަންކަމުން ނަމާދު، އެބައިމީހުން ރައްކާތެރިކޮށްދޭނެ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ. މިކަމާ ގުޅޭ މާތްﷲ ގެ ވަހީ ބަސްފުޅެއްގައިވެއެވެ. "އަދި ކަލޭގެފާނު ނަމާދު ޤާއިމުކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި،މުންކަރާތްތައް ނަހީކުރާ ކަމެކެވެ."
ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވާ ފަދައިން، ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވާނޭކަން އެނގޭ ކަމަށާއި، އަދި ވައްކަމާއި، ރިޝްވަތާއި، މައިންބަފައިންނަށް އުރެދުމާއި، ބުހުތާނު ދޮގުހެދުން ފަދަ ފާޙިޝު ޢަމަލުތައް ނުކުރާނޭކަން އެނގެއެވެ. ނަމަވެސް ނަމާދުކޮށް އުޅޭ މުސްލިމުންގެ ތެރޭގައި، މި ފަދަ ޢަމަލުތައް ކުރާމީހުން މަދެއްނޫނެވެ. މިއީ އަހަރެމެންގެ އަމިއްލަ ނަފުސާ ސުވާލުކުރާން ޖެހޭނޭ ކަމެއް ކަމަށާއި، އެ ސުވާލަކީ، ނަމާދު ކުރެވެނީ ޚުޝޫޢަތްތެރިކޮށް ރަނގަޅަށްހެއްޔެވެ؟ މާތް اللّٰهއާއި އެ ކަލާނގެ ރަސޫލާ صلى الله عليه وسلم އެންގެވި ގޮތަށްހެއްޔެވެ؟ ޖަވާބުގައި އާނއެކޭ ބުނާ ނަމަ، ދެން ފާޙިޝުކަންތަކާއި ފާފަތަކަށް އަރައިގަނެވެނީ ކީއްވެތޯ ތިމާގެ އަމިއްލަ ނަފުސާ ސުވާލުކުރުމަށްވެސް ޚުޠުބާގައި ގޮވާލާފައިވެއެވެ.
ނަމާދުގައި ޚުޝޫޢަތްތެރިކަމާއި މަޑުމޮޅިކަމާއި މަޑުމައިތިރިކަމެއް ނެތި، ހިތަށް އެރިހައި ޙަރަކާތެއްކުރަމުން، އެތަންމިތަން ބަލަމުން، ނަމާދުކުރާ މީހުންނަށް ނަމާދުން ލިބޭނެ ސަވާބާ ގުޅޭގޮތުން ޚުޠުބާގައިވަނީ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގެ މާނަ ގެނެސްދީފައެވެ. އެ ޙަދީޘްފުޅުގެ މާނައިގައިވެއެވެ. "ބައެއް މީހުން ނަމާދުން ފައިބާ އިރު، އޭނާއަށް އެ ނަމާދުގެ ދިހަބައިކުޅައެއްބައި، ނުވަބައިކުޅައެއްބައި، އަށްބައިކުޅައެއްބައި، ހަތްބައިކުޅައެއްބައި، ހަބައިކުޅައެއްބައި، ފަސްބައިކުޅައެއްބައި، ހަތަރުބައިކުޅައެއްބައި، ތިންބައިކުޅައެއްބައި، ނުވަތަ ދެބައިކުޅައެއްބައި ވެސް ސަވާބުގެ ގޮތުގައި ނުލިޔުއްވެއެވެ."
މީގެއިތުރުން، އަދުގެ މުސްލިމުންނަށް ވެސް ނަމާދުގައި ހުޝޫޢަތްތެރިވުމުގެ ގޮތުން ކުރެވިދާނެ މުހިއްމު ބައެއް ކަންކަމުގެ ތެރޭގައި؛ ނަމާދަށް ފެށުމުގެ ކުރީން، މޯބައިލް ފޯނުތައް ނިއްވާލުމަށާއި، ނަމާދު ގަޑީގައި މީހުންނާ ފޯނުން ނުގުޅުމަކީ ވެސް މުހިއްމު ކަމެއްގެ ގޮތުގައި ޚުޠުބާގައި ހަނދާންކޮށްދެއްވާފައިވެއެވެ. މީގެއިތުރުން، ނަމާދުކުރާތަނުގައި، ޤިބުލަވީ ފަޅީގައި ތަޞްވީރުތަކާއި ކުރެހުންތައް ހުންނަ ތަކެތި ބެހެއްޓުމަކީ ވެސް ނަމާދަށް ޚަލަލު އަންނާނެ ކަންކަމުގައި ޚުތުބައި ވަނީ ހަނދާންކޮށްދެއްވާފައެވެ.
ޚުޠުބާ ނިންމާލާފައި ވަނީ، ނަމާދާއި ޤުރުއާން ކިޔެވުމަށް ދުރުކުރުމަށް ޝައިތާނާގެ ފަރާތުން ކުރިމަތިވާނެ ދުއްތުރާތަކުން ރައްކާތެރިވުމަށް މާތްﷲ ގެ ހަޟްރަތުގައި ދުޢާ ދެންނެވުމަށް ރަސޫލާ صلى الله عليه وسلم ހަދީޘްކުރައްވާފައިވާކަމަށް އަލިއަޅުވާލަމުންނެވެ.