ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ބިދޭސީންގެ މައްސަލަ ހައްލުކުރުން؛ އަމާޒަށް ވާސިލުވުމުގައި ބޮޑެތި ކުރިއެރުންތަކެއް ހާސިލުވެއްޖެ

12 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އޮޕަރޭޝަން ކުރަނގީގެ ދަށުން ބައޯމެޓްރިކް ޑޭޓާ އެއްކުރުމުގެ ތެރެއިން

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޒަމާންވީ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައަކީ ބިދޭސީންގެ އަދަދު އިތުރުވުމާއި ނުގަވާއިދުން ރާއްޖޭގައި ދިރިއުޅެ މަސައްކަތްކުރާ ބިދޭސީންގެ އާބާދީ އިތުރުވުމާއި، ބިދޭސީ މަސައްކަތްތެރިންގެ އަސާސީ އިންސާނީ ހައްގުތައް ކަށަވަރުނުކުރެވި އެމީހުންނާމެދު އިންތިހާއަށް އިހާނެތިކޮށް ކަންކުރަމުން ދިއުމުގެ ސަގާފަތެއް އޮތުމުގެ މައްސަލައެވެ. 

މި މައްސަލަ ފުޅާވެ ބޮޑުވަމުންދިއުމުގައި ބަދަލުވަމުންދިޔަ ސަރުކާރުތަކުން އެކަށީގެންވާ ގޮތެއްގައި، ހަރުދަނާ ވަށާޖެހޭ ސިޔާސަތެއްގެ ތެރެއިން މި މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވިފައި ނެތުމުގެ ދައުރު އިންތިހާއަށް ބޮޑެވެ. އެގޮތުން ރާއްޖޭގައި ތިބި ބިދޭސީންގެ އަސާސީ މައުލޫމާތު އެއްކުރެވިފައި ނެތުމުގެ މައްސަލައަކީ މި މައްސަލައިގެ ފެށުމެވެ. ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެންނަ ވިޔަފާރިތަކުން މަސައްކަތްތެރިންނާމެދު އިހުމާލުވި ނަމަވެސް ފިޔަވަޅު ނޭޅުމަކީ މައްސަލަައިގެ އަނެއް ފުށެވެ. އިތުރަށް މައްސަލަ ބޮޑުވީ ނުގަވާއިދުން އުޅޭ ބިދޭސީންނާމެދު އެކަށީގެންވާ ގޮތެއްގަައި ފިޔަވަޅު އެޅިފައި ނެތުމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ މިފަދަ ދިގުލައިގެންގޮސްފައި ހުރި މޫލައި ގަދައަށް އަށަގަނެފައި ހުރި މައްސަލަތައް ހައްލުކުރެއްވުމުގެ ވައުދުފުޅާއެކުއެވެ. އެ މައްސަލަތައް ހައްލުކުރައްވާނެ ގޮތުގެ ސިޔާސަތުތައް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވައި، އެ ސިޔާސަތަުތައް ތަންފީޒުކުރާނެ އަމަލީ ޕްރޮގުރާމުތަކުގެ ޕްލޭން އެކުލަވާލައްވައިގެންނެވެ. 

ޑޭޓާ އެއްކުރުން

މިއަދު ފެންނަ މަންޒަރަކީ މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، ނަތީޖާ ނެރެވެމުންދާ މަންޒަރެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ސިޔާސަތު އެކުލަވައިލުމަށް އެންމެ މުހިއްމު އެއް ކަމަކީ ރާއްޖޭގައި ތިބި ބިދޭސީންގެ މައުލޫމާތު އެއްކުރެވުމެވެ. ކޮންމެ އަތޮޅެއްގައި އަދި ކޮންމެ ރަށެއްގައި ތިބި ބިދޭސީންގެ އަދަދާއި، އެމީހުންގެ ވަނަވަރާއި، އެމީހުން ތިބި ތަނަކާއި ކުރާ މަސައްކަތެއް ދައުލަތަށް ނޭނގި، ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ސިޔާސަތުތައް އެކުލަވައިލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. 

ރައީސް ޑރ.މުޢިއްޒުގެ ވެރިކަން ފެށުމާއެކު، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އޮޕަރޭޝަން ކުރަނގިގެ ނަމުގައި ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ. އެ އޮޕަރޭޝަނަކީ ތިން މަރުހަލާއަކަށް ބަހާލައިގެން ހިންގާ އޮޕަރޭޝަނެކެވެ. ފުރަތަމަ މަރުހަލާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފެށިއެވެ. 

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހިއްސާކުރި ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކް ޑާޓާ ނަގައި ނިމިއްޖެއެވެ. މިހާތަނަށް ޖުމްލަ 177،272 ބިދޭސީއެއްގެ ބައޯމެޓްރިކް ޑޭޓާ ނެގިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިނިސްޓްރީން ފާހަގަކުރީ ކޮންމެ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ ނެގުމަށް ބޭނުންވާ ވަސީލަތްތައް އެ ރަށްރަށު ކައުންސިލުތަކުގައި މިހާރު ހުންނާނީ ގާއިމުކުރެވިފައެވެ. 

އަދިވެސް ވަޒީފާ ދޭ ފަރާތްތަކުގެ ތެރެއިން 4،101 ފަރާތަކުން އެ ފަރާތުގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީ މުވައްޒަފުންގެ ބައޯމެޓްރިކް ޑޭޓާ އަދާހަމަކޮށް ނުނިންމައެވެ. ސަރުކާރުން އަންނަނީ އެ ފަރާތްތަކާ ވާހަކަދައްކައިގެން އެ ޑޭޓާ އަދާހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

ޑޭޓާ އެއްކުރެވުމުގެ ނަތީޖާއަކަށްވާނީ ކޮންމެ އަތޮޅެއްގައި، އަދި ކޮންމެ ރަށެއްގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ އަދަދު ދައުލަތަށް އެނގުމެވެ. އެއީ ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލުމަށް ބޭނުންކުރެވޭނެ މައުލޫމާތެވެ. އަދި ގަވާއިދާ ހިލާފުވާ ބިދޭސީން ހޯދުމާއި، އެފަދަ މީހުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރުމަށް މަގުފަހިކުރުމަށް އެ މައުލޫމާތު ބޭނުންކުރެވޭނެއެވެ. 

ފީތައް ހޯދުމާއި ވަޒީފާ ދޭ ފަރާތްތައް ޖަވާބުދާރީކުރުވުން 

ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ބޮޑުވެ ފުޅާވެގެން ދިޔަ އެއް ސަބަބަކީ، މަސައްކަތްތެރިން ގެނެސް އެމީހުންނާމެދު އިހުމާލުވާ ކުންފުނިތަކާއި ވިޔަފާރިތަކާއި ފަރުދުން ޖަވާބުދާރީ ނުކުރެވުމެވެ. ނަމަވެސް މިއަދުގެ ހާލަތު ތަފާތެވެ. ބިދޭސީ މަސައްކަތްތެރިން ގެނައުމަށްފަހު، އެ މަސައްކަތްތެރިންގެ ފަރާތުން ދައްކަންޖެހޭ ފީތައް ނުދައްކާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަައި، އެ ފައިސާ ހޯދުމުގެ މަސައްކަތް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި އެ މަސައްކަތުގެ ހެޔޮ އަަސަރާއި ބަދަލުވެސް މިއަދު އަދަދުތަކުން ފެނެއެވެ.

ބިދޭސީންނާ ގުޅޭ ފީތަކާއި އެހެނިހެން ފައިސާ ހޯދުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 17 ނޮވެންބަރު 2025 ވަނަ ދުވަހުން ފެށިގެން 10 ސެޕްޓެންބަރު 2025 ވަނަ ދުވަހަށް ފާއިތުވި 22 މަސްދުވަހުގެ ތެރޭގައި ޖުމްލަ 2.1 ބިލިއަން ރުފިޔާ ސަރުކާރުންވަނީ ހޯދާފަައެވެ.

އެ މުއްދަތުގައި ބިދޭސީ މަސައްކަތްތެރިނާ ގުޅުންހުރި އެކި ފީތަކާއި ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ލިބުނު ފައިސާގެ ތަފުސީލު؛ 

- ވޯކް ޕާމިޓް ފީ: 1،280،905،150 (އެއް ބިލިއަން ދުއިސައްތަ އަށްޑިހަ މިލިއަން ނުވަލައްކަ ފަސްހާސް އެއްސަތޭކަ ފަންސާސް) ރުފިޔާ 

- ކޯޓާ ފީތައް؛ 826،036،498 (އަށްސަތޭކަ ސައްބީސް މިލިއަން ތިރީސްހަހާސް ހަތަރުސަަތޭކަ ނުވަދިހައަށް) ރުފިޔާ 

- ޖޫރިމަނާ؛ 6،716،000 (ހަ މިލިއަން ހަތްލައްކަ ސޯޅަހާސް) ރުފިޔާ 

- ހިދުމަތުގެ ފީތައް؛ 2،077،000 (ދެ މިލިއަން ހަތްދިހަހާސް) ރުފިޔާ 

ރައީސް ޑރ.މުޢިއްޒުގެ ޒައާމަތުގައި ޖުމްލަ 2،115،734،648 (ދެ ބިލިއަން އެއްސަތޭކަ ފަނަރަ މިލިއަން ހަތްލައްކަ ތިރީސް ހަތަރުހާސް ހަސަތޭކަ ސާޅީސް އަށް) ރުފިޔާ ބިދޭސީންނާ ގުޅުންހުރި ފީތަކާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ހޯދުނެވެ. އޭގެ ކުރީ ފަސް އަހަރު މި ފީތަކުގެ ގޮތުގައި ދައުލަތަށް ހޯދުނީ 1.4 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގެ 22 މަސް ދުވަސް ތެރޭ ބިދޭސީ މަސައްކަތްތެރިނާ ގުޅުންހުރި ފީއާ ޖޫރިމަނާގެ ގޮތުގައި ވަޒީފާ ދޭ ފަރާތްތަކުން ދައުލަތަށް ހޯދުނު ފައިސާގެ އަދަދު ކުރީ ފަސް އަހަރު ހޯދުނު ފައިސާގެ އަދަދަށްވުރެ 35 އިންސައްތަ އިތުރެވެ. 

އެއާއެކު އަދިވެސް ބިދޭސީ މަސައްކަަތްތެރިންނާ ގުޅޭ ފީތަކާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދޭންޖެހޭ 974 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. އެއީ 14،000 އެއްހައި ފަރާތުން ދައްކަންޖެހި ނުދައްކައި ހުރި ފައިސާއެވެ. އެއިން 7907 ފަރާތަކާއެކު ފައިސާ ދެއްކުމާ ގުޅޭ ސެޓްލްމެންޓު އެއްބަސްވުމެއް ހަދައި އެއް އަހަރު ތެރޭ ފައިސާ ދެއްކުމުގެ ފުރުސަަތު އެ ފަރާތްތަކަށް ސަރުކާރުން ދީފައިވެއެވެ. ބާކީ ތިބި ފަރާތްތަކުން ފައިސާ ދައްކަން އެއްބަސްވުމެއް ހެދުމާ ހަމައަށް އެ ފަރާތްތަކަށް އެކްސްޕެޓް ޕޯޓަަލް މެދުވެރިކޮށް އެއްވެސް ހިދުމަތެއް ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފައިވެއެވެ. 

ގަވާއިދާ ހިލާފުވާ ބިދޭސީންނާމެދު ފިޔަވަޅު އެޅުން

މި މަސައްކަތުގެ އެންމެ މުހިއްމު އެއް ބަޔަކީ ގަވާއިދާ ހިލާފުވާ ބިދޭސީންނާމެދު ފިޔަވަޅު އެޅުމެވެ. ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދޮޅު މަސް ދުވަހުގެ ތެރޭގައި އޭގެ ކުރީ ފަސް އަހަރު ރާއްޖެއިން ޑީޕޯޓުކުރި ބިދޭސީންނަށްވުރެ ގިނަ އަދަދަކަށް ބިދޭސީން ޑީޕޯޓުކޮށްފިއެވެ. 

ކުށުގެ ވެށީގައި އުޅޭ މީހުންނާއި، ގާނޫނާ ހިލާފަށް ސައްހަ ލިޔުމެއް ނެތި ރާއްޖޭގައި އުޅޭ މީހުންނާއި، ވޯކް ޕާމިޓާ ހިލާފަށް މަސައްކަތްކުރި މީހުންނާއި، މަސައްކަތަށް ފިލައިގެން އަމިއްލަ ވިޔަފާރިކުރަމުންދިޔަ މީހުން، މި ސަރުކާރުގެ ފުރަތަމަ ދޮޅު އަހަރު ތެރޭ ޑީޕޯޓުކުރި މީހުންގެ ތެރޭގައި ހިމެނެއެވެ. 

ނޮވެންބަރު 17، 2023 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހާ ހަމައަށް ޑީޕޯޓުކުރި ބިދޭސީންގެ ތަފުސީލު: 

ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަސްކަމަށްވާ 2023 ނޮވެންބަރު 17 ވަނަ ދުވަހުން ފެށިގެން 2025 އޭޕްރީލު 21 ވަނަ ދުވަހާ ހަމައަށް ޑީޕޯޓުކޮށްފައިވާ ބިދޭސީންގެ އަދަދު: 

- ޖިނާއީ ކުށްތަކަށް އަރައިގަނެގެން: 908 

- ގާނޫނާ ހިލާފަށް ރާއްޖެ އެތެރެވެގެން: 43 

- ވިސާގެ އުސޫލުތަކާ ހިލާފުވެގެން: 1،495 

ޖުމްލަ: 2،446

ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގެ ދޮޅު އަހަރު ތެރޭ 2،446 ބިދޭސީން ޑީޕޯޓުކުރެވުނުއިރު، 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ 17 ނޮވެންބަރާ ހަމައަށް ޑީޕޯޓުކޮށްފައިވަނީ މުޅި ޖުމްލަ 2،165 ބިދޭސީންނެވެ. މާނަައަކީ މި ސަރުކާރުން ދޮޅު އަހަރު ތެރޭ ކުރީ ދައުރުގެ ފަސް އަހަރު ނުކުރެވުނު މަސައްކަތް ކުރުމެވެ. 

މަތީގައި ބަޔާންކުރެވުނު ނަންބަރުތަކުން ފެންނަނީ މައްސަލަ ހައްލުކުރުމުގެ ސިޔާސީ އަޒުމު އޮވެގެން، އެ ހައްލަށް ވާސިލުވުމަށް ބޭނުންފުޅުވާ ލީޑަރެއްގެ ޒަައާމަތުގައި ސަރުކާރަކުން މަސައްކަތް ކުރަމުންދާ ކަމެވެ. އެ މަސައްކަތުން ނަތީޖާވެސް ނެރެވެމުންދާ ކަމެވެ. 

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ތަކުރާރުކޮށް ވިދާޅުވަމުންދަނީ، ފަސް އަހަރު ނިމޭއިރު މި މައްސަލަ ހިމެނޭހެން، ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ސަލާމަތާ ގުޅުންހުރި ބޮޑެތި ގިނަ މައްސަލަތަކަކަށް ނިޒާމީ ހައްލުތަކެއް ގެނެވޭނެ ކަމަށެވެ. ދޮޅު އަހަރުގެ ހިސާބުތަކުން ފެންނަނީ ވަޒީރު ވިދާޅުވި މިސްރާބަށް ސަރުކާރު ހަލުއި ދުވެލީގައި ދަތުރުކުރަމުންދާ ކަމެވެ. 

ކިޔުންތެރިންގެ ހިޔާލު