ENGLISH

05 ޖުލައި 2025

Advertisement

ހިޔާވެހި ފައިނޭންސިން: ކުރިމަތިލުމުގެ މުއްދަތު ހަމަވާތާ ތިން މަސްތެރޭ ލޯނު ދޫކުރަން ފަށާނެ: ވަޒީރު ޑރ. ޢަލީ ހައިދަރު

26 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު. ފޮޓޯ: އެޓޯލް ޓައިމްސް

"ހިޔާވެހި ފައިނޭންސިން" ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ހަމަވާތާ ތިން މަސް ދުވަހުގެ ތެރޭގައި ލޯނު ދޫކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

"ހިޔާވެހި ފައިނޭންސިން" އަކީ ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް ޚާއްސަކޮށްގެން ސަރުކާރުން އިފްތިތާހުކުރި  ސްކީމެކެވެ. މި ސްކީމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލާފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހުއެވެ. މި ފެސިލިޓީތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައި ވަނީ ހިޔާވެހި ޕޯޓަލް (www.hiyaavehi.housing.gov.mv) މެދުވެރިކޮށެވެ.

ހިޔާވަހި ސްކީމަށް އެދި ހުށަހެޅުމަށް ސަރުކާރުން ވަނީ ހަ މަސް ދުވަހުގެ މުއްދަތު ދެއްވައިފައެވެ. އެހެންކަމުން ސްކީމަށް އެދުމުގެ ފުރުސަތު އޭޕްރީލް 8، 2025 ވާ އަންގާރަ ދުވަހުގެ ރޭ 23:59 އަށް ހަމަވާނެއެވެ.

ހިޔާވެހި ސްކީމުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ ރާއްޖޭގައި ބޯހިޔާވަހިކަމެއް ލިބިފައިނުވާ އެންމެނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އެންމެ އިސް އެއް ވަޢުދުފުޅު ކަމަށެވެ.

ހިޔާވެހި ސްކީމުގެ އިވެލުއޭޝަން ފަށަން ހަމަޖެހިފައިވަނީ އެޕްލިކޭޝަން ފޯމްތައް ލިބޭ ހިސާބުން ފެށިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިރާދުކުރެއްވިއްޔާ ތިން މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ފުރަތަމަ ބުރުގެ ލޯނުތައް ދޫކުރުމުގެ މަސައްކަތް ފަށާނަން. އެއީ މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސް އާއި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ހިމެނޭ ގޮތަށް އަޅުގަނޑުމެން މި މަސައްކަތްތައް ކުރަމުންދާނީ. އެއީ އަޅުގަނޑުމެން މި ސްކީމް ރާވާފައި އޮތް ގޮތަކީ. ލޯނު ސްކީމަކީ މުޅި ރާއްޖެއަށް ހުޅުވާލާފައި އޮތް ފުރުސަތެއް،" ވަޒީރު ޑރ.ހައިދަރު ވިދާޅުވިއެވެ.

މިއީ މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ ސްކީމެކެވެ. މިއީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާއި އެއްގޮތަށް އެންމެ ހެޔޮއަގުގައި ފޯރުކޮށްދޭ ފައިނޭންސިންއެވެ. އަދި މިއީ ސްކީމަކީ ރާއްޖޭގެ ތިން ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުން ފަސް އިންސައްތައިގެ ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިން ސްކީމެކެވެ.

ހިޔާވެހި ފައިނޭންސްގެ ދަށުން ލޯން ދޫކުރަން ހަމަޖެހިފައިވާ ތިން ކެޓަގަރީ:

  • އަތޮޅުތަކުގެ ރަށްރަށަށް ޚާއްޞަ ގެދޮރު ޢިމާރާތްކުރުމުގެ ލޯނު ސްކީމް. ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް މި ސްކީމުން ލޯން ދޫކުރުމަށް ހަމަޖެހިފައިވާއިރު، އެއް މިލިޔަން ރުފިޔާއާ ހަމައަށް މިސްކީމުން ލޯނުލިބޭނެ. މިއީ އެއްވެސް އިކުއިޓީއެއް ދައްކަން ނުޖެހޭ ސްކީމެއް.
  • ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތައް. މި ސްކީމްގެ ދަށުން ލޯނު ދޫކުރަން ހަމަޖެހިފައިވަނީ ތިން މިލިޔަން ރުފިޔާއާ ހަމައަށް.
  • މާލެއަށް ޙާއްސަކޮށްފައިވާ ސްކީމް. މި ސްކީމުން ހހަ މިލިޔަން ރުފިޔާއާ ހަމައަށް ލޯން ދޫކުރާ ގޮތަށްވަނީ ހަމަޖެހިފައި. މި ސްކީމަކީ ގެދޮރު ނުހެދިފައިވާ ހުރިހާ ފަރާތްތަކަށާއި، ހަދަން ފަށައި ނުނިމިހުރި ޢިމާރާތްތައް ނިންމުމުގެ އިތުރުން މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ޢިމާރަތްކުރުމުގެ ފުރުޞަތު ފަހިވާގޮތަށް އަމާޒުކުރެވިފައިވާ ސްކީމެއް. މާލެ ސަރަޙައްދަށް ހުލުވާލި ފުރުޞަތުގައި، ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން ހަ މިލިޔަން ރުފިޔާއިން ފެށިގެން 10 މިލިޔަން ރުފިޔާއާ ދެމެދު ފައިނޭންސަށް އެދެވޭގޮތަށް އުސޫލު ވަނީ އެކުލަވާލާފައި.

ހިޔާވެހި ފައިނޭންސިން ސްކީމްގެ ދަށުން މާލީ އެހީ ފޯރުކޮށްދޭން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ އެއް ބިލިއަން ރުފިޔާ  ކަނޑައަޅައިފައެވެ. އެއް ބިލިޔަން ރުފިޔާ ބޭންކުތަކަށް ސަރުކާރުން މި ސްކީމަށް އިންވެސްޓްކުރި ނަމަވެސް، ބޭންކުތަކުން ލޯނު ދޫކުރާއިރު ޖުމްލަ ދެ ބިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މިއީ 25 އަހަރުން އަނބުރާ ދައްކާގޮތަށް ހަމަޖައްސައިދޭ ފައިނޭންސިން ސްކީމެކެވެ.

ސަރުކާރުގެ މެނިފެސްޓޯއާ އެއްގޮތަށް، 2028 ވަނަ އަހަރު ނިމޭއިރު، ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ފުރުޞަތު ނުލިބޭނެ އެއްވެސް ރައްޔިތަކު ނުހުންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ  ދެއްވައިފައެވެ. ހިޔާވެހި ސްކީމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން މިހާތަނަށް ކުރިއަށްގެންދާ އެންމެ އަގުހެޔޮ، އަދި އެންމެ ބޮޑު ފައިނޭންސް ސްކީމެވެ.

ކިޔުންތެރިންގެ ހިޔާލު